ޚަބަރު

ބޯކޮށް ވާރޭވެހި ފިޔޯރީގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)

ރޭ ދަންވަރުން ފެށިގެން ހުއްޓާނުލައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގދ. ފިޔޯރީގައި ފެންބޮޑުވެ، އެ ރަށުގެ އާބާދީގެ 85 އިންސައްތަ ގޭބިސީއަށް ފެންވަދެ އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ރަށުތެރޭގައި އާދަޔާޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއްގެ ހިފާގެންގުޅޭ ތަކެއްޗަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް ރަށުތެރެއިން ފެން ހިންދުމުގެ ބުރަ މަސައްކަތް، ކައުންސިލާއި ދިވެހި ފުލުހުންގެ އިތުރުން ރަށުގެ އާންމު ފަރުދުންނާއި ޖަމިއްޔާތައް ގުޅިގެން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ކަމަށެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، މިއަދު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވެއެވެ. ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މޫސުން ގޯސްވެ، ވިއްސާރައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Ads by Ooredoo