ތުރާކުނުގައި އަލަށް ބިނާކުރި މިސްކިތް ނިންމައި، ހުޅުވަން ތައްޔާރުވެއްޖެ
ހއ. ތުރާކުނު ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން އެ ރަށުގައި އިމާރާތްކުރި ޒަމާނީ އާ މިސްކިތުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައި، އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން ހާމަކޮށްފިއެވެ.
ދިހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މި ބިނާއަކީ ދެ ޖިންސުގެ މީހުންނަށް ވެސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ، 300 މީހުންގެ ޖާގައިގެ ތަނެކެވެ. އިސްލާމީ ފަންނުވެރިކަން ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް ހަދާފައިވާ މި މިސްކިތުގެ ބޮޑުމިނުގައި 240 އަކަމީޓަރު ހުންނައިރު، މިހާރު ކުރިއަށްދަނީ މިސްކިތް ހުޅުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންގެ މަރުހަލާތަކެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު، 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 10،384،000 (ދިހަ މިލިއަން ތިން ލައްކަ އަށްޑިހަ ހަތަރު ހާސް) ރުފިޔާއެވެ.
