ގިނަ ބައެއްގެ އެދުމުގެ މަތިން "ހުވަފެނީ ތަސްވީރު" ސްޕޮޓިފައިއަށް!
"ހުވަފެނީ ތަސްވީރު" މުޅި ސޯޝަލް މީޑިއާ ފަތަހަކޮށް، ސްޕޮޓިފައިގައި ޓްރެންޑްވާން ފަށައިފި
ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ ދިވެހި ލަވަ "ހުވަފެނީ ތަސްވީރު" މުޅި ސޯޝަލް މީޑިއާ ފަތަހަކޮށް، މިއުޒިކް ސްޓްރީމިންގް ހިދުމަތް ސްޕޮޓިފައި އާއި ޓިކްޓޮކް ގައި ބޮޑު ވައިރަލް ޓްރެންޑަކަށް ވެއްޖެއެވެ.
ޚާއްސަކޮށް، ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެޕްލިކޭޝަން ކަމަށްވާ ޓިކްޓޮކްގެ "ފޯ ޔޫ" ޕޭޖަށް ވަދެލައި، ސްކްރޯލް ކޮށްލާ ކޮންމެ ފަހަރަކުހެން މި ލަވައިގެ ހިތްގައިމު ރާގާއި އަޑު ނީވި ނުދާނެކަން ޔަގީނެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެހި އޯޑިއޯއެއް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ބޮޑަށް ވައިރަލްވި ފުރަތަމަ ފަހަރެވެ.
މި ލަވައަކީ ކްރިއޭޓް ނެޓްވޯކުން އުފައްދައި، މީޑިއާނެޓްގެ އޮރިޖިނަލް ސީރީޒް "ޖުންޖުލާ" ގައި ހިމެނޭ އޮރިޖިނަލް ލަވައެކެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ނަސޫޙާއި މާއިން ރަޝީދެވެ. ލަވައިގެ ކޮރެއޯ، އެޑިޓިން އަދި ޑިރެކްޝަން އަޒްހާން އިބްރާހިމް ހަދާފައިވާއިރު، ވީޑިއޯއިން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ވާޝިއާ މުޙައްމަދާއި މުޙައްމަދު އިޝްފާނެވެ.
މި ލަވައިގެ ޖަޒުބާތީ އަދި ހިތްގައިމު މިއުޒިކް ބޭނުންކޮށްގެން ކްރިއޭޓަރުން އަންނަނީ ވަރަށް އުފެއްދުންތެރި، ތަފާތު އެކި ކޮންޓެންޓްތައް އުފައްދަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރީތި ރަށްރަށާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ ސިނަމެޓިކް ދަތުރުފަތުރުގެ ވީޑިއޯތަކާއި، އާންމު ދިރިއުޅުމުގެ ކަންކަން ހިއްސާކުރާ ވްލޮގްތަކުގެ އިތުރުން، އަމިއްލަ ހުނަރު ދައްކުވައިދޭ ލިޕް-ސިންކް އަދި ޓްރާންސިޝަން ވީޑިއޯތައް ހިމެނެއެވެ. ލަވައިގެ ބަސްތަކާ ގުޅުވައިގެން މީހުން ހަދާފައިވާ ވީޑިއޯތަކަށް އެތައް ހާސް ވިއުޒް އަދި ލައިކްސް އަންނަނީ ލިބެމުންނެވެ. އަދި ކޮމެންޓް ސެކްޝަންތަކުގައިވެސް މި ލަވައިގެ ރީތިކަމުގެ ވާހަކަ މީހުން އަންނަނީ ދައްކަމުންނެވެ.
"ހުވަފެނީ ތަސްވީރު" އަށް ލިބެމުން އަންނަ މި ބޮޑު ތަރުހީބުން ދައްކުވައިދެނީ، ފެންވަރު ރަނގަޅު އުފެއްދުންތަކަށް ގިނަ ބައެއްގެ ލޯބި އޮތް ކަމެކެވެ. މުޅި ޓިކްޓޮކްގައި މި ލަވައިގެ އަޑު ގުގުމަމުން އަންނައިރު، މި ޓްރެންޑް އަދި ކައިރި މުސްތަގުބަލެއްގައި މަޑުޖެހޭނެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.
