ޚަބަރު

32،000 ރުފިޔާގެ ސްކޭމެއް ހިންގި ތިން މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އޮންލައިންކޮށް ހިންގި 32،000ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލައިގެން ހުށަހެޅި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ބައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ / މާލެ، ސާމިރު (40އ)އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުހައްމަދު ރީހާން (33އ)އާއި، ޖޯޖެޑްވިލާ / މާލެ، އަހުމަދު .ސުޖާއު (46އ)އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން  ސާމިރު (40އ)އާއި، ސުޖާއު (46އ) 15ދުވަހަށް އަދި ރީހާން (33އ)ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Ooredoo