ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޕާކިސްތާނުގެ ފަސް ޔުނިވާސިޓީއަކާއެކު އެމްއޯޔޫޢެއްގައި ސޮއިކޮށްފި
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ން ޕާކިސްތާނުގެ ފަސް ޔުނިވާސިޓީއަކާއެކު އެމްއޯޔޫޢެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫއިން އެމްއޯޔޫތަކުގައި ސޮއިކުރީ ޕާކިސްތާނުގެ ނެޝެނަލް ޔުނިވާސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ، ޕީއެމްއޭސްއެސް-އެރިޑް އެގްރިކަލްޗާ ޔުނިވާސިޓީ ރާވަލްޕިންޑީ، ޔުނިވާސިޓީ ވާހު، ގަވާމަންޓް ކޮލެޖު ޔުނިވާސިޓީ ލާހޯރު، ފައުންޑޭޝަން ޔުނިވާސިޓީ އިސްލާމްއާބާދުއާއެކުއެެވެ.
އެ އެމްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒްއެވެ.
އެމްއޯޔޫގެ ދަށުން ހިމެނޭ ކަންކަމުގެ ތެރޭގައި ގުޅިގެން ދިރާސާތައް ކުރުމާއި، މާސްޓާސް ޕްރޮގްރާމްތަކާއި އަދި ސްޓޫޑަންޑް އެކްސްޗޭންޖްގެ ކަންކަމަށް މަގުފަހިކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
އޭގެ އިތުރުން އެކެޑެމިކް ކެޕޭސިޓީ އިތުރުކޮށް އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ތައުލީމީ ގޮތުން ގުޅުން އިތުރަށް ވަރުގަދަކުރުން އެމްއޯޔޫގެ ތެރޭގައި ހިމެނެއެވެ.
