15 މެގަވޮޓްގެ ސޯލާ ޕީ.ވީ. މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން، ފެނަކައިގެ އަރައިޒް އިނިޝިއޭޓިވްގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމުގެ އެއްބަސްވުން އަދި މަސައްކަތް ހިންގުމުގެ އެއްބަސްވުމުގައި ސީނޯ ސޯއާ ހައިބްރިޑް ޓެކްނޮލޮޖީ އާ އެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން، ލ. އަތޮޅު ކްލަސްޓާ (ލޮޓް1) އާއި މައިގަނޑު ސަރަހައްދީ ހަބްތައް (ލޮޓް2) ހިމެނޭ 13 ރަށެއްގައި ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ވޯލްޑް ބޭންކް، ސީ.ޓީ.އެފް.، އޭ.އައި.އައި.ބީ.، އަދި މީގާ ފަދަ މާލީ އިދާރާތަކުން ފަންޑުކޮށް، 20 އަހަރުގެ ޑީ.ބީ.-އެފް.އޯ.އޯ.ޓީ. ފްރޭމްވޯކެއްގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫއު އެއްކޮށް ނިމި އޮޕަރޭޝަނަށް އައިސްފިނަމަ، ދިވެހިރާއްޖޭގެ ޖުމްލަ ސޯލާ ކެޕޭސިޓީ 34 މެގަވޮޓަށް އިތުރުވެގެންދާނެއެވެ. އަދި 2025ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ޖުމްލަ އިންސައްތަ 24އަށް އަރާނެއެވެ. މީގެ ސަބަބުން، ކޮންމެ އަހަރަކު އެތެރެކުރާ ޑީސަލުގެ އަދަދު 15 މިލިއަން ލީޓަރު ކުޑަވެ، ގައުމަށް އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހޒއްމަދު މުއިއްޒުގެ 33 އިންސައްތައިގެ އިޔާދަކުރަނިވި ހަކަތައިގެ އަމާޒު ހާސިލުކުރުމަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމެކެވެ.
