މެރިއޮޓްގެ ދެ ރިސޯޓަކަށް ބައިނަލްއަޤްވާމީ އެވޯޑުތަކެއް ލިބިއްޖެ
ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލްގެ ލަގްޒަރީ ގްރޫޕްގެ ދަށުން ރާއްޖޭގައި ހިންގާ ދެ ރިސޯޓަކަށް މިޝެލިން ގައިޑް، ޓެޓްލާ އޭޝިއާ އަދި ކޮންޑޭ ނާސްޓް ޓްރެވަލާ ރީޑާސް ޗޮއިސް އެވޯޑްސް 2026ގެ ޝަރަފުވެރި މަގާމު ތަކެއް ލިބިއްޖެއެވެ.
މި ކާމިޔާބީތަކެއް ހޯދާފައި ވަނީ "ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް" އަދި "ދަ ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު" އިންނެވެ.
ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް: 2026ވަނަ އަހަރުގެ ގްލޯބަލް މިޝެލިން ކީ އެވޯޑްސްގައި މި ރިސޯޓަށް ވަނީ "ޓޫ މިޝެލިން ކީޒް" ލިބިފައެވެ. މިއީ 2025ވަނަ އަހަރު އެ ރިސޯޓަށް ލިބުނު "ވަން މިޝެލިން ކީ" އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ކޮންޑޭ ނާސްޓް ޓްރެވަލާގެ އެމެރިކާ އެޑިޝަންގައި އިންޑިއާ ކަނޑުގެ އެންމެ މޮޅު ރިސޯޓުތަކުގެ ތެރެއިން 5ވަނަ އަދި އިނގިރޭސިވިލާތުގެ އެޑިޝަންގައި 14ވަނަ އެ ރިސޯޓަށް ވަނީ ލިބިފައެވެ.
ދަ ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު: އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ މޮޅު ތަންތަން ފާހަގަކޮށް ނެރޭ "ޓެޓްލާ ބެސްޓް އޭޝިއާ ޕެސިފިކް 2026"ގެ އެންމެ މޮޅު 100 ހޮޓަލުގެ ލިސްޓުގައި މި ރިސޯޓު ވަނީ ހިމެނިފައެވެ. އަދި ކޮންޑޭ ނާސްޓް ޓްރެވަލާގެ އެމެރިކާ އެޑިޝަންގައި އިންޑިއާ ކަނޑުގެ އެންމެ މޮޅު ރިސޯޓުތަކުގެ ލިސްޓުގެ 2ވަނަ ވެސް ވަނީ މި ރިސޯޓަށް ލިބިފައެވެ.
މި ކާމިޔާބީއާ ގުޅިގެން މެރިއޮޓް އިންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް (ޗައިނާ ފިޔަވައި) އަދި ރާއްޖޭގެ މާކެޓް ވައިސް ޕްރެޒިޑެންޓް ސިލްވިއޯ ރޮސެންބާގާ ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިތުބާރުކުރެވޭ ނަންތަކުން ރާއްޖޭގެ ރިސޯޓުތަކަށް މިފަދަ ޝަރަފެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
