ޚަބަރު

މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ޝަފްނީޒް އައްޔަންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހުސްވެފައިވާ މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ސ. ހުޅުދޫ/ ބަގީޗާގެ، އަހުމަދު ޝަފްނީޒް މިއަދު އައްޔަންކޮށްފިއެވެ.

ޝަފްނީޒް އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހުގެ 19ވަނަދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ތިން ނަންފުޅުގެ ތެރެއިން، ޝަފްނީޒަށް އެ މަގާމު ދިނުމަށް ފެންނަކަމަށް 55މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މިދިޔަ ޖުލައި މަހުގެ 19ގައި އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބަޔާންކުރާ ގޮތުން، މީރާގެ އިސް ދެ މަގާމަށް ވެސް ބޭފުޅުން އައްޔަންކުރައްވާނީ އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިންނެވެ. އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖެހޭނެކަމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

Ads by HDC