ދެން ފުރަމަލަ

ސުމާގެ ޚާއްސަ ކުރެހުން: ކުލަ ފަންސުރުގެ ޖާދުލުން ކޮއްކޮއަށް ސިފަކޮށްދިނީ، ވަރަށް ދެކެން ބޭނުންވި ދުވަހެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަދިޔާ ބަދިޔާ ދިނުމަކީ އަހަރެމެން އެންމެން ވެސް ކޮށް އުޅޭ ކަމެކެވެ. ޚާއްސަކޮށް ޢާއިލާގެ މީހުންނަށާއި ގާތް މީހުންނަށް ކޮންމެ މީހަކު ވެސް ބަލާނީ އެމީހަކަށް ދެވެން ހުރި އެންމެ އަގުހުރި، އެހަދިޔާއަކުން އަނެކާގެ ހިތަށް އަބަދުމެ އުފާވެރިކަން ގެނެސްދޭނެ އެއްޗެއް ދެވޭތޯއެވެ.

ލ. އިސްދޫ އަށް އުފަން އުމުރުން 20 އަހަރުގެ ސުމާ ޙަސަން ވެސް މިވަނީ މިކަހަލަ އަގުހުރި ހަދިޔާއެއް އޭނާގެ ކޮއްކޮއަށް ދީފައެވެ. ސުމާގެ ކޮއްކޮ އަށް އޭނާ ޚާއްސަ ކުރީ ވަރަށް ވެސް ޚާއްސަ ކުރެހުމެކެވެ.

މިކުރެހުމުގެ ހަގީގަތާއި ތަފްސީލީ ވާހަކަ، ސުމާ ވަނީ "ދެން"އާ ހިއްސާ ކޮށްފައެވެ. ޙަގީގަތުގައި މިކުރެހުމަކީ އޭނާ ބުނިގޮތުން ނަމަ، ކުރެހޭތޯ ވަރަށް ގިނަ ދުވަސް ވަންދެން އޭނާ މަސައްކަތް ކުރި ކުރެހުމެކެވެ.

މިހާ ހިސާބުން ސުމާ ކުރެހި މިޚާއްސަ ކުރެހުމަށް ޖެހިލާނަމެވެ. ކުލަ ފަންސޫރުން ކުރަހާފައިވާ އެކުރެހުމުން ފެންނަނީ ބުރުގާ އަޅައިގެން ހުރި ޒުވާން އަންހެން ކުއްޖަކާއި، އޭނާގެ ކައިރީގައި ހުރި ފިރިހެނެކެވެ.

ނަމަވެސް މިއީ ހަމައެކަނި މިހެން ކުރާހާލާފައިވާ ކުރެހުމެއް ނޫނެވެ. ސުމާގެ ހުނަރުވެރިކަމުން އޭނާ އެކުރެހުމުގެ ޒަރީޢާއިން ކުރާހާފައި ވަނީ އޭނާގެ އެއް ބަނޑު އެއްބަފާ ކޮއްކޮ އާއި އޭނާގެ ބައްޕަ އެވެ. ކޮއްކޮ އާއި ބައްޕަގެ ކުރެހުމެއް އެހާ ޚާއްސަ ކުރެހުމަކަށް ވާންވީ ކީއްވެތޯ ހިތަށް އަރާ ހެއްޔެވެ؟ ސަބަބު ސުމާ މިވަނީ ކިޔައި ދީފައެވެ.

"އަޅުގަނޑުގެ އުމުމުން ދެ އަހަރުގައި، އަޅުގަނޑުމެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެއިރު މަންމަ ކޮއްކޮއަށް ބަނޑު ބޮޑެވެ. އެހެންކަމުން ކޮއްކޮއަކަށް އޭނާގެ ޙަޔާތުގެ އެއްވެސް ވަގުތެއް ބައްޕައާއެކު ހޭދަ ކުރެވިފައެއް ނުވެއެވެ.

ބައްޕަގެ ފޮޓޯތައް ފެނުމުން ކޮއްކޮ ވަރަށް ޝަކުވާ ކުރެއެވެ. ބައްޕައާއެކު އެއްވެސް ވަގުތުކޮޅެއް ހޭދަ ނުކުރެވުމާއި، ކޮއްކޮ އާއި ބައްޕަގެ އެއްވެސް ހަނދާނެއް ފޮޓޯއަކުން ވެސް ފެންނަން ނެތުމުން އޭނާ ވަރަށް ދެރަވިއެވެ. އެހެންކަމުން އަޅުގަނޑު ނިންމީ ކޮއްކޮއަށްޓަކައި، ކޮއްކޮ އާއި ބައްޕަ ހިމެނޭ ކުރެހުމެއް ކުރަހައި ދިނުމަށެވެ." ސުމާ އޭނާގެ ކުރެހުމުގައި ފޮރުވިފައިވާ ވާހަކަ ހާމަ ކުރިއެވެ.

މިހިތްގައިމު ކުރެހުން ސުމާ ކުރަހާފައި ވަނީ މިހާރު ފެށިގެން ކުރިއަށްދާ "ޔޫވީ އެގްޒިބިޝަން" އަށެވެ.

މިކުރެހުމަށް ސުމާއަށް ވަނައެއް ނުލިބުނު ކަމުގައިވިޔަސް، މިކުރެހުން ކުރަހައިގެން ލިބުނު ހިތްހަމަޖެހުން އިންތިހާއަށް ބޮޑެވެ.

"މިއީ އަޅުގަނޑަށް ވަރަށް ޚާއްސަ ކުރެހުމެއް. އެއީ މިއީ ކޮއްކޮ ވަރަށް ދެކެން ބޭނުންވި މަންޒަރަކަށްވީތީ. މިކުރެހުން ކުރެހީތީ ކޮއްކޮ އާއި މަންމަ ތިބީ ވަރަށް އުފަލުން" ސުމާ ބުންޏެވެ.

މިކުރެހުން ސުމާ އަށް ނިންމުނީ ދެ ހަފްތާގެ ތެރޭގައި ކަމަަށް ވެސް އޭނާ ބުންޏެވެ.

ސުމާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ކުރެހުންތެރިއެކެވެ. ކުލަ ފަންސޫރާއި، ފެން ކުލައިގެ ޕެއިންޓިންގ ތަކުގެ އިތުރުން ފަންސޫރުން ކުރަހާފައި ހުންނަ ކުރެހުން ތަކާއި އެކްރިލިކް ޕެއިންޓިންތައް ވެސް އެހާމެ ޗާލެވެ.

ސުމާގެ އުންމީދަކީ މިދާއިރާގައި ވީހާވެސް ކުރިއަކަށް ދިޔުމެވެ. އަދި ކޮންމެވެސް ދުވަހަކުން އޭނާގެ އަމިއްލަ އާޓް އެގްޒިބިޝަނެއް ވެސް ބޭއްވުމެވެ. އޭނާގެ މަންމައާއި އާއިލާގެ އެހެން މީހުންނާއި، އެކުވެރިންގެ ހިތްވަރާއެކު ސުމާގެ އަޒުމް ވަރުގަދަވެ، ކުރެހުމުގެ ދާއިރާއާއި މެދު ދެކެމުންދާ ހުވަފެންތަކަކީ މިއީއެވެ. މާތް ﷲ ގެ އިރާދަފުޅާއެކު، ސުމާގެ ކުލަފިހިތަކާއި، ފަންސޫރާއި، ކުލަ ފަންސޫރުތަކުގެ ޖާދުލުން އެހުވަފެން އޭނާއަށް ކާމިޔާބު ވާނެއެވެ.

 

  1. ރީތި ކުލަ ފޭން

    ހަމަ 1 ވަނަ . ވަރަށް ސަޅި