ޕޮމްޕިއޯ ރާއްޖެ ވަޑައިގެންފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޕޮމްޕިއޯ ރާއްޖެ ވަޑައިގެންނެވީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ.
ޕޮމްޕިއޯ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެވެ.
އެއަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް އެމަނިކުފާނު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙާ ބައްދަލު ކުރެއްވުމަށްފަހު ޕޮމްޕިއޯ އާއި ޚާރިޖީ ވަޒީރު ޝާހިދާ ދެމެދު ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމާއި ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެ އާއި އެމެރިކާއިން މަޝްވަރާ ކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.
މިބައްދަލުވުންތަކުގައި ދެ ޤައުމުން އެެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް އެ ދެ ބޭފުޅުންގެ މަޝްވަރާއާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވުމަށް 16:00 ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް އެ ދެ ބޭފުޅުން ދެއްވާނެއެވެ.