ހާލުގައި ޖެހިފައިވާ މުސްލިމުން ފިނި މޫސުމުގައި އިތުރު ތަކްލީފްތަކެއް، އެހީތެރިކަމުގެ އަތެއް ފޯރު ކޮށްދެއްވާ!

ސީރިއާ،ޔަމަން އަދި ފަލަސްތީނުގެ ނިކަމެތި މުސްލިމުންނާއި ރޮހިންޔާ ދަރިފަސްކޮޅުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ސަވައިވިންގް ވިންޓަރ 2020 ލޯންޗު ކޮށްފިއެވެ.
އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި މި ހަރަކާތް ކުރިޔަށް ގެންދަނީ 20 އޮކްޓޯބަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިއޭސީން ބުނެފައިވާ ގޮތުގައި މިއަހަރުގެ ސަވައިވިންގް ވިންޓަރގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ އެހީގެ ޕެކޭޖް ހަމަޖެހިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާ ކަމަށާއި މިޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުން ކުރެވޭނެ ސާމާނު ވެސް ހިމެނިގެން ދާނެ ކަމަށް އައިއޭސީން ބުނެފައި ވެއެވެ.

ކޮވިޑް 19 ޕެކްޑެމިކްގެ އަަސަރު މި ޤައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވަވިންގް ވިންޓަރ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރުކޮށްދެވިގެންދާނެއެވެ. އާއްމު ރައްޔިތުންނަށް ކޮވިޑް 19 އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް 19 ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސަމާނުވެސް މީގެ ތެރެއިން ހަވާލުކުރެވިގެންދާނެއެވެ.
އައިއޭސީން ބުނެފައި ވަނީ ނިކަމެތި މުސްލިމުންނަށް އެހީ ވުމަށް އެ ޖަމްއިއްޔާއިން ހިންގަމުންދާ އެކި ޕްރޮގްރާމްތަކަށް ރައްޔިތުންގެ ދީލަތި އެހީތެރިކަން ލިބެމުން ދާ ކަމަށާއި އެފަދައިން މިއަހަރުގެ ސަވައިވިން ވިންޓަރއަށް ވެސް ދީލަތި އެހީތެރިކަމަށް އެދޭ ކަމަށެވެ. އެ ގޮތުން ކޮންމެ 5 މީހުންގެ އާޢިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީ ނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓަރ 2020 އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާ ކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށް ވުމަށް އައިއޭސީއިން ވަނީ ހުޅުވާލާފައެވެ.
މި 4 ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އައިއޭސީން ވަނީ ބީއެމްއެލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައެވެ.
ފަލަސްތީން: 7770000026261
ރޮހިންޔާ: 7770000026265
ޔަމަން: 7770000026264
ސީރިއާ: 7770000026263
މި ކޭމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅާލެވިދާނެއެވެ. މީގެއިތުރުން، އައިއޭސީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ސަވައިވިންގް ވިންޓަރ 2020 އާ ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.
އެގޮތުން މިއަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭނަކީ އައިއޭސީން ހިންގާ މިފަދަ ތިންވަނަ ކެމްޕޭވެ.