ޚަބަރު

ހަސަދަވެރިކަން ސިހުރަށް ދައުވަތުދޭ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިވެހިރާއްޖޭގައި އެންމެ ޤަދީމީ ޒަމާނުއްސުރެން ފެށިގެން ވެސް ސިހުރު ހެދުމަކީ ދިވެހިންގެ ކަށIގައި ހިފާފައިވާ ކަމެކެވެ. ދުނިޔޭގައި އުޅޭ އިރު އެހެން މީހުނަށް ލިބޭ އެކި އެކި ކާމިޔާބީތަކުގައި ތިބާއާ އެ އުފަލުގައި ޝާމިލު ވާނެ މީހުން ވާފަދައިން ތިމާއަށް އެ ކާމިޔާބީ ލިބުނު ކަމަށް ޓަކައި ތިމާއާ ދޭތެރޭ ހަސަދަވެރިވާ އެތައް މީހުނެއް ވެސް އުޅެއެވެ. އަދި އެފަދަ ބައެއް މީހުން އެއްވެސް ކަމެއް ކުރާކަށް ޖެހިލުމެއް ނުވެއެވެ.

Ads by Sosun Fihaara

ސިހުރު ހެދުމަކީ މާތް الله ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަ ތަކުގެ ތެރެއިންވާ ފާފައެކެވެ. އެހެނީ އެއީ ޝިރުކު ކުރުމެވެ. އިސްލާމް ދީނުގައި މި ކަމުގެ ހައްދަކީ ސިހުރުވެރިޔާގެ ބޯ ބުރިކޮށްލުމެވެ. ސިހުރު ހެދުމާއި އެކަމުގައި އެހީތެރިވުމަށް ވެސް އަންނަނީ އެއް ހުކުމެކެވެ.

ގިނަ ފަހަރަށް މީހެއްގެ ކާމިޔާބީއަށް ހުރަސް އެޅުމަށް ގިނަ ބަޔަކު ކުރަމުން އަންނަ ކަމަކީ އެމީހާއަށް ސިހުރު ހެދުމެވެ. އޭގެ ތެރެއިން އެއް ސިހުރަކީ އެއްވެސް ގޮތަކަށް ކުރިއެރުން ނުލިބޭ ގޮތަށް ހަދާ ސިހުރެވެ. އެ ސިހުރުގެ ސަބަބުން އަނެކާގެ މުޅި ދިރިއުޅުން ޚަލާސް ވެދެއެވެ. އެއްވެސް ކުށަކާ ނުލާ، އެހެން މީހެއްގެ ހަސަދައިގެ ސަބަބުންނެވެ.

އަނެކާ ކާމިޔާބު ވުމުން އެކަމާ ހަސަދަވެރިވާންވީ އެއްވެސް ސަބަބެއް ނެތެވެ. ކާމިޔާބީ އަކީ ތިމާގެ ފަހަތުން ދުވާ އެއްޗެއް ނޫނެވެ. ބަދަލުގައި ތިމާ ޖެހޭނީ ކާމިޔާބީ ފަހަތުން ދުވާށެވެ. އަނެކާ ކުރި މިންނެތް މަސައްކަތުން ލިބުނު ކާމިޔާބީ އާއި ދޭތެރޭ ހެޔޮކޮށް ވިސްނާށެވެ. އޭގެން ފިލާވަޅު އުނގެނި ތިބާ ވެސް ހަމަ އެފަދައިން ކާމިޔާބީއަށް އެދި ގަދައަޅައި މަސައްކަތް ކުރާށެވެ.

ކާމިޔާބީ އެކަންޏެއް ނޫނެވެ. މާތް الله ހުރިހާ އިންސާނުން އުފައްދާފައި ވަނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން ސިފައިން ރީތި ނަމަވެސް އަނެއް ބައި މީހުން ސިފައިން ހުތުރު ވެދާނެއެވެ. އެހެން ނަމަވެސް މިކަމުގައި ވެސް ބައެއް މީހުން ހަސަދަވެރިކަން އިސްކުރެއެވެ. އަދި އަނެކާގެ ފުރާނަ ނައްތާލުމަށް ޓަކައި ވެސް ސިހުރު ހަދައެވެ. މިފަދަ ކަންކަން ކުރަން އެއްވެސް ވަރަކަށް ޖެހިލުން ނުވެއެވެ.

ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެހެނެއްކަމަކު، އެ ޝައިތާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ". މިކަމުން ވެސް ސިހުރުގެ ނުބައި ކަން ދޭހަ ވެގެންދެއެވެ.

ދުނިޔޭގައި އުޅޭއިރު އެކި ކަންކަމަށް މީހުން ސިހުރު ހަދާއިރުގައި ގިނައީ ހަމަ ހަސަދަވެރިކަމުގެ ސަބަބުން ހަދާފައިވާ ސިހުރެވެ. ހަސަދަވެރިކަމަކީ ހާދަހާ ނުބައި ސިފައެކެވެ. ހަގީގަތުގައި ވެސް ހަސަދަވެރިކަމަކީ ސިހުރަށް ދައުވަތު ދޭ ކަމެއްކަން ގައިމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!