ދުނިޔެ

ވެރިކަމާ ހަވާލުވާނަން، އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ: ބައިޑަން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމަކްރަޓިކް ޕާޓީގެ ކެނޑިޑޭޓް އަދި އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބައިޑަން މިހެން ވިދާޅުވެފައި ވަނީ, ސައްޙަ ހުރިހާ ވޯޓެއް ގުނުމަށްފަހު ދެވަނަ ފަހަރަށް އެމެރިކާގެ ރައީސް ކަމުގެ ހުވާ، ރައީސް ޑޮނާލްޑް ޓްރަންޕް ކުރައްވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް މައިކް ޕޮމްޕިއޯ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާ ސުލްހަވެރި ކަމާއެކު ކުރިޔަށްދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައިކް ޕޮމްޕިއޯ ވިދާޅުވެފައިވަނީ، އަދި އިންތިޚާބު ނުނިމޭ ކަމަށާއި އިންތިޚާބުގައި ގުނަން ޖެހޭނީ ސައްޙަ ވޯޓް ކަމަށެވެ. އަދި ސައްހަ ވޯޓުން މޮޅުވާނީ ރައީސް ޓްރަންޕް ކަމަށް ވެސް މައިކް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން އިންތިޚާބީ ރައީސް ބައިޑަން ވިދާޅުވީ، އެމެރިކާއަކީ ޑިމަކްރަޓިކް ޤައުމެއް ކަމަށާއި އެމެރިކާގެ ރައްޔިތުން ގޮތް ނިންމައިފި ކަމަށެވެ. އަދި ރައީސް ކަމުގެ ހުވާ ކުރައްވާނީ އެމަނިކުފާނު ކަމަށާއި އެކަމަށް ހުރަސް އެޅޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ސަރުކާރު އެކުލަވާލުމުގެ މަސަައްކަތް ކުރަމުން. ކެބިނެޓްގެ ބޭފުޅުންނާއި އެހެން ސިޔާސީ މަޤާމުތައް ފުރުއްވާނެ ބޭފުޅުން ކަނޑައަޅަމުން. ޖަނަވަރީ މަހު އެމެރިކާގެ ރައީސަކަށް ހުވާ ކުރާނީ އަޅުގަނޑުމެންގެ ސަރުކާރުން" ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ، އެމެރިކާގެ ރައީސް ޑޮނާލްޓް ޓްރަންޕް ވަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. އަދި އިންތިޚާބު ކާމިޔާބު ކުރީ އެމަނިކުފާނު ކަމަށް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް އިންތިޚާބު އޮޅުވާލި ކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ޓްރަންޕް މިހާތަނަށް ދައްކަވާފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!