އޭއެފްސީ ބްރެކެޓް ޗެލެންޖު: ފައިނަލުގެ ވޯޓުލުން ބުދަ ދުވަހު ހުޅުވާލަނީ، ދަގަނޑޭ އަށް ވޯޓު ދޭން ތައްޔާރު ތަ؟
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއިން ކުރިއަށް ގެންދާ ، އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވާ މުބާރާތުގައި “އޭއެފްސީ ބްރެކެޓް ޗެލެންޖު”ގެ ވާދަވެރި ފައިނަލުގެ ވޯޓުލުން މިއަންނަ ބުދަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.
މި ޗެެލެންޖުގައި ދަގަނޑޭ ވާދަކުރާނީ އާބާދީބޮޑު ހޮންކޮންގެ ކުޅުންތެރިޔާ ޗަން ސިއު ކީ އާއެވެ. އޭނާ އަކީ އެ ގައުމުގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ދިވެހީން ދަގަނޑޭއާ އެކު މި ޗެލެންޖުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ވެސް އާބާދީ ބޮޑު ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ހޮންކޮންގެ އާބާދީ އަކީ ވެސް ބޮޑު އާބާދީއެކެވެ. އެގޮތުން އެ ގައުމުގައި 7.5 މީހުންގެ އާބާދީއެއް އޮވެއެވެ. މިއީ ރާއްޖޭގެ އާބާދީއާ އަޅާ ނުކިޔޭނެ އާބާދީއެކެވެ.
މީގެ ކުރިން ވެސް މި ޗެލެންޖުގައި ދަގަނޑޭ ވާދަ ކޮށްފައި ވަނީ އާބާދީ ބޮޑެތި ގައުމުތަކުގެ ކުޅުންތެރިންނާއެވެ. އެގޮތުން ކުވައިތުގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްރާނީއާ ވާދަކޮށް ވެސް ދަގަނޑޭ ވަނީ ކާމިޔާބު ހޯދާފައެވެ.
މި ޗެލެންޖުގެ ކުއާޓާ ފައިނަލު އަދި ސެމީ ފައިނަލު ވެސް ވަރަށް ފޯރިގަދައެވެ. އެގޮތުން ދަގަނޑޭ ކުއާޓާ ފައިނަލުގައި ވާދަ ކުރީ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމުގެ ކުޅުންތެރިޔާ ގުއެން ވެންކުއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލު ދަގަނޑޭ ކާމިޔާބު ކުރީ ކުޑަ ތަފާތަކުންނެވެ. އެގޮތުން ޗެލެންޖުގެ ވޯޓު ލުމުގެ ވަގުތު ހަމަވި އިރު ޕޯލްގެ ޖުމުލަ ނަތީޖާގައި ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ގުއެން ވެންކުއަށް ލިބިފައިވަނީ 48.55 އިންސައްތަ ވޯޓެވެ.
ސެމީ ފައިނަލުގައި ވެސް ދަގަނޑޭ ވާދަ ކުރީ ވިއެޓްނާމްގެ ކުޅުންތެރިއަކާ އެވެ.އެ ގައުމުގެ ހަނޯއީ އެފްސީގެ ގުޔެން ގުއެންޑް ހައިއާ އެވެ. ސެމީ ފައިނަލުގައި ދަގަނޑޭ ކުރި ހޯދީ ކުއާޓާ ފައިނަލުގައި ހޯދި ލީޑަށް ވުރެ ބޮޑު ލީޑެއް ހޯދައިގެންނެވެ. އެގޮތުން ސެމީ ފައިނަލުގެ ވޯޓުލުން ނިމުނު އިރު ދަގަނޑޭ އަށް ލިބިފައި ވަނީ 54.68 އިންސައްތަ ވޯޓެވެ. އަދި ގުޔެން ގުއެންޑް ހައި އަށް ލިބިފައި ވަނީ 45.32 އިންސައްތަ ވޯޓެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ދަގަނޑޭ މިހާ ހިސާބަށް އައިސްފައިވާއިރު، މި ކާމިޔާބީގައި ދިވެހި ރައްޔިތުންގެ ދައުރު ބޮޑެވެ. ކޮންމެ މީހަކު ވެސް ދަގަނޑޭ އަށް ވޯޓުލުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެކަން ކުރަމުން ގެންދިއުމަކީ ދިވެހީންގެ އެއްބައިވަންތަކަން މިފަދަ ކަންކަމުގައި ދައްކުވައިދޭ މިސާލެކެވެ.
މި ޗެލެންޖުގައި ވާދަކުރުމަށް ހޮވާފައިވާ ދަގަނޑޭގެ ލަނޑަކީ ހިތްގައިމު ލަނޑެކެވެ. ދަގަނޑޭގެ ކޮއްޓުމުގެ މޮޅު ހުނަރު ހަމައެކަނި އެލަނޑުން ވެސް ސާބިތުވެގެން ދާނެއެެވެ. މި ލަނޑު އޭނާ ޖެހީ 2013 ވަނަ އަހަރު ނިއުރޭޑިއެންޓްގެ ޖާރޒީގައި އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށެވެ. އެ ޓީމުގެ މުޅި ޑިފެންސް ފޫ އަޅުވާލުމަށްފަހު މި ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ ކީޕަރު ކައިރިން ވެސް ކަޓުވާފައެވެ. އެތައް ޑިފެންޑަރުންނެއް ކައިރީގައި ޖައްސާފައި ތިބި އިރުވެސް ނުހަނު ހަމަޖެހިލާފައި ފަހަރަކު ކުޅުންތެރިއެއްގެ ގާތުން ނައްޓާލާފައި ޖެހި މި ގޯލަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ގައިން ހީބިހި ނަގައިގެންދާ ގޯލެކެވެ. ކިތަންމެ ފަހަރަކު ބެލި ކަމުގައި ވިޔަސް ފޫއްސެއް ނުވާނެ ކަން ޔަގީނެވެ.
ބުދަ ދުވަހު ވޯޓުލުން ހުޅުވާލާއިރު މި ޗެެލެންޖު ކާމިޔާބު ކުރުމަށް ދަގަނޑޭ އަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ވެސް މުހިއްމެވެ. އެހެންކަމުން ދަގަނޑޭއަށް ވޯޓުލާން އަތުކުރި އޮޅާލައިގެން ތިބެމާ ހިނގާށެވެ.