ދީޕިކާގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ރަންބީރާއެކު ހުރި ފޮޓޯލީ ސަބަބު މިއޮތީ!
ބޮލީވުޑަށް ބަލާލާއިރު، މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން އޭނާގެ ރަސްމީ ޓްވިޓާ، ފޭސްބުކް އަދި އިންސްްޓަގްރާމް އެކައުންޓުގެ ޑިސްޕްލޭ ފޮޓޯ މިއަދު ވަނީ ބަދަލު ކޮށްފައެވެ.
ނަމަވެސް ޑިސްޕްލޭ ފޮޓޯ އަކަށް ދީޕިކާ ލާފައިހުރި ފޮޓޯތައް ފެނުމުން ގިނަ ބަޔަކަށް ލިބުނީ ކުއްލި ސިހުމެކެވެ.
އެކްޓަރ ރަންވީރް ސިންގްއާ އެކު ނުހަނު ލޯބިން ކައިވެނި ކޮށްގެން އުޅޭ ދީޕިކާ، އޭނާގެ ޑީޕީ އަށް ލާފައިވަނީ ކުރީގެ ލޯބިވެރިޔާ އަދި މިހާރު ނުހަނު ގާތް އެކުވެރިއެއް ކަމުގައިދެކޭ ރަންބީރު ކަޕޫރާއެކު ނަގާފައިވާ ފޮޓޯތަކެކެވެ.
މިފޮޓޯތައް ފެނުމުން ގިނަ ބައެއްގެ ހިތްތަކުގައި ސުވާލު އުފެދުނެވެ. އަދި އެއްބަޔަކު އެމީހުންގެ މޮޅު ތިއަރީއަށް ބިނާކޮށް ވާހަކަތައް ވެސް އުފައްދަމުން ގެންދިޔައެވެ. އެގޮތުން އެއްބަޔަކު ބުނީ ދީޕިކާ އެހެން ހެދީ ރަންވީރުއާ މައްސަލަ ޖެހިގެން އުޅޭތީ ކަމަށާއި އެހެންކަމުން ކުރީގެ ލޯބިވެރިޔާ މަތިން މާބޮޑަށް ހަނދާންވާން ފެށުމުން ކަމަށެވެ. އަނެއް ބަޔަކު ބުނި ގޮތުގައި ރަންބީރު ވެސް މިހާރު އާލިއާ ބަޓް އާއި ކައިވެނި ކުރަން އުޅޭތީ، ދެމީހުންގެ އެކުވެރިކަމުގެ ފޮޓޯތަކެއް އޭގެ ކުރިން ދީޕިކާ ހިއްސާ ކޮށްލީއެވެ.
ނަމަވެސް ހަގީގަތުގައި ދީޕިކާ އޭނަގެ ހުރިހާ މީސް މީޑިއާ އެކައުންޓުތަކެއްގެ ޑިސްޕްލޭ ފޮޓޯ، ރަންބީރް އާއެކު ހުރި ފޮޓޯއަށް ބަދަލު ކޮށްފައި މިވަނީ މަސައްކަތާއި ގުޅުވާފައެވެ.
މިއަދަކީ ރަންބީރާއި ދީޕިކާ އެއްކޮށް ފެނިގެންދިޔަ ފިލްމު "ތަމާޝާ" އަށް ފަސް އަހަރު ފުރުނު ދުވަހެވެ. އެހެންކަމުން ދީޕިކާ ރަންބީރާއެކު ހުރި ފޮޓޯ ލާފައި މިވަނީ އެމުނާސަބަތުގައި ކަމަށް އެފިލްމުގެ ޕްރޮޑިއުސަރ އިމްތިޔާޒް ޢަލީ ވަނީ ނޫސްތަކަށް މައުލޫމާތު ދީފައެވެ.
މިއީ ތެދެއްކަން ހާމަ ވެފައި ވަނީ ފޮޓޯ ބަދަލު ކުރުމުގެ އިތުރުން ދީޕިކާ އޭނާގެ ނަންވެސް "ތާރާ" އަށް ބަދަލު ކޮށްފައި ވާތީއެވެ. "ތާރާ" އަކީ އެފިލްމުގައި ދީޕިކާގެ ކެރެކްޓަރއަށް ދީފައިވާ ނަމެވެ.