ވީޑީއޯ ރިޕޯޓް: އަމިއްލަ ގައުމުގެ ވެރި ރަށުގައި ހާލުގައި ޖެހި މަގުމަތިވެފައިވާ އެތައް ބައެއްގެ ހާލު އެފަރާތްތަކުގެ ދުލުން!
ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަލީގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަތްމަތި ދަތިވެފައިވާ ކަމީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ ހަގީގަތެކެވެ. ހަމައެކަނި ވަޒީފާ ގެއްލި ގިނަ ބަޔަކު އަތްމަތި ދަތިވީ އެއް ނޫނެވެ. އެތައް ބަޔަކު ހާލުގައި ޖެހި މަގުމަތިވެފައިވާ ކަމީ ފެންނަން އޮތް ހިތި ހަގީގަތެވެ.
މިއީ މާލޭ ކަރާ މާރުކޭޓް ބިތްދޮށެވެ. މިތަނަކީ މިއަދު އަޅުގަނޑުމެން ފަދަ އެތައް ދިވެހީންނެއްގެ ގެދޮރެވެ. ކޮވިޑް-19ގެ ސަބަބުންނާއި އެހެން ވެސް ބައެއް ސަބަބުތަކާހުރެ މަގުމަތިވެފައިވާ ގާތްގަނޑަކަށް 30 ވަރަކަށް ދިވެހީން މި ތަނުގައި ދިރިއުޅެއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި ހާލުގައި ޖެހުމުން އެމީހުންނަށް ދިމާވެފައިވާ މަޖުބޫރީ ހާލަތަކީ މިއީއެވެ. ނިދަނީ ކޮންމެ ވެސް ކަހަލަ ކުނައެއް އަޅައިގެންނެވެ. ކުނައެއް ނެތް މީހުން ފޮށި ކަރުދާސް އަޅައިގެންނެވެ.
ކޮންމެ ދުވަހަކުވެސް އިރު އަރައިގެން އަންނައިރަށް އެމީހުން ތެދުވެއެވެ. އެއަށް ފަހު ކޮންމެ މީހަކު ވެސް ބަަލަނީ ރުފިޔާއެއް ލިބޭނެ ފަދަ މަސައްކަތެއް ލިބޭތޯއެވެ. ހުސް ފޮށިގަނޑު ވިއްކުމާއި ހުސް ފުޅި ފަދަ ތަކެތި ވިއްކުން ފަދަ މަސައްކަތްތަކުން މަދު ފައިސާކޮޅެއް އެމީހުންނަށް ބައެއް ފަހަރަށް ލިބެއެވެ. އެ ލިބޭ ފައިސާކޮޅުން އެމީހުން ބޭނުން ކުރަނީ ދުވަހުގެ ކެއުން ކޮންމެވެސް ގޮތަކަށް ހަމަ ޖެއްސުމަށެވެ. އެގޮތަށް ފައިސާއެއް ނުލިބޭ ނަަމަ މުޅި ދުވަހު ނުކައި ވެސް ބައެއް މީހުން ތިބެއެވެ.
މިތަނުގައި އުޅޭ ގިނަ މީހުންނަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހާލުގައި ޖެހި މަގުމަތިވެފައިވާ މީހުންނެވެ. އޭގެ ކުރިން އެކި ކަހަލަ ވަޒީފާތަކުގައި އުޅުނު މީހުން ވެސް މީގެ ތެރޭގައި އެބަ އުޅެއެވެ. ރިސޯޓުތަކާއި ދޯނި ފަހަރުގައި އުޅުނު މީހުންނެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ރާޅު އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ވެސް ބިންދާލާ އެމީހުންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހީއެވެ. ވަޒީފާ ގެއްލި މަގުމަތިވީއެވެ. އަޅާލާނެ މީހަކު ނެތި މަގުމަތީގައި ނިދަން މަޖުބޫރު ވީއެވެ، ރަށަށް ދާން ބަލާއިރު އަތުގައި ޓިކެޓު ނަގާކަށް ރުފިޔާއެއް ނެތެވެ. ރަށަށް ގޮސް 14 ދުވަހު ކަރަންޓީނުގައި ހުންނާނެ ބޯހިޔާވަހި ކަމެއް ވެސް ނެތެވެ. އެހެންކަމުން ހަތަރު އުދަރެސް ފެނުޖެހި އެ ކުޑަކުޑަ ގޮޅިތަކުގައި ނިދަން އެމީހުންނަށް މަޖުބޫރު ވީއެވެ.
މީގެ ތެރެއިން ބައެއް މީހުންނަކީ ކުރިން އަދި މިހާރުވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ. އެފަދަ ކަންތައްތަކާހުރެ އެމީހުންގެ އާއިލާއިން ވެސް އެމީހުން "ބާކީ" ކޮށްލީއެވެ. ކުށުގެ ވެއްޓަށް އެމީހުން ނުކުތުމުން، އެތަނުން އެމީހުން ސަލާމަތް ކުރުމުގެ ބަދަލުގައި އެ އާއިލާއިން ވެސް އެމީހުން އަނެއްކާ ގަޅުވާ ވައްޓާލީ އެ ކުށުގެ ވެށި ތެރެއަށެވެ. އާއިލާގެ އަޅާލުމާއި ލޯބި ދީގެން މަސްތުވާ ތަކެތީގެ ޖަންގަލިން ނެރޭކަށް މަސައްކަތެއް ނުކުރެއެވެ.
ރީހެބިލިޓޭޝަން ސެންޓަރަކަށް ގެންދާނަމަ އެތަނަކަށް ދާން ބޭނުންވާ އެތައް ބަޔަކު ވެސް އެތާނގައި އެބަތިއްބެވެ. ފުލުހުން ކިތަންމެ ރެޔަކު އައިސް ރީހެބިލިޓޭޝަން ސެންޓަރަށް ފަރުވާއަށް ދާން ބޭނުންވާ މީހުންގެ ނަން ނޯޓު ވެސް ކޮށްފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ. ނަމަވެސް އަދި އަދަށް ދާންދެން ވެސް ބަލައި އަންނާނެ ކަމުގެ އިންތިޒާރުގައި ތިބި އެ މީހުންގެ އިންތިޒާރަށް ނިމުމެއް ނާދެއެވެ. އުއްމީދުގެ ހުޅުކޮޅު ނިވެމުންދާއިރު، ދިރިއުޅުމާމެދު މާބޮޑު އުއްމީދުތަކެއް ކުރާހެންނެއް ހިޔެއް ނުވެއެވެ. ހިތްދަތިވެ މާޔޫސް ވެފައިވާ މޫނުތަކެކެވެ. ހަދާނެ ގޮތް ހުސްވެ ފިކުރު ބޮޑުވެފައިވާ އަޚުން ތަކެކެވެ.
ފިނި ކޮޓަރިތަކުގައި ތިބި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ބޮޑުންނަށް މި މަންޒަރު ނުފެންނަނީ ބާވައެވެ؟ ނުވަތަ ފެންނަ ކަމަށް ހަދަން ބޭނުން ނުވަނީ ބާވައެވެ. މި މަންޒަރު ފެނިއްޖެ ކޮންމެ އިންސާނެއްގެ ލޮލުންވެސް ކަރުނަ އަންނާނެ ކަން ޔަގީނެވެ. އެއީވެސް އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. ކުށެއް ކޮށްފައި ވިޔަސް ނުވިޔަސް އެ ފަަރާތްތަކުން މަގުމަތީގައި ނިދަން ޖެހުމަކީ ހަމަހަމަކަންތޯ އަޅުގަނޑުމެން ސުވާލު ކޮށްލަން އެބަ ޖެހެއެވެ. މިކަމުގައި އެމީހުންނަށް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ނުލިބޭނަމަ އެފަރާތްތަކުގެ ޒިންމާ އަކީ ކޮބައި ބާވައެވެ.
ގައުމުގެ މުސްތަގުބަލުގެ ބޮޑުބައެއް ކަރާ މާރުކޭޓު ބިއްދޮށުގައި ބިކަ ހާލުގައި ޖެހިފައި އެތިބީއެވެ. މިކަމަށް ހައްލެއް ލިބި އެމީހުންނަށް ރަނގަޅު ގޮތެއް ވުމަކީ އަޅުގަނޑުމެންގެ އުއްމީދެވެ.
އަސްލުވާގޮތަކ މަސްތުވާތަކެތ ބޭނުންކުރާމީހުން އާއިލާއިންމަސައްކަތްކޮށްގެނ ރަނގަޅުކުރުމަކ ނާދިރުހާލަތެއްގަނޫނ ވާކަމެއްނޫނ. އަނެއްކޮޅުނ ގެއިިންވައްކަންކޮށްލޫޓ ވައިގެންވެސ ތިކަހަލަމީހުންބަލަނ ބޯނެއެތިކޮޅެއްލިބޭތ. ކޮންމެގޮތެއްވިޔަސ ކުޑަކުދިންމެއްނޫންތިއީކ ހެޔޮވިސްނޭވަރުމީހުނ. އެމީހުނާހެދ އުނދަގޫބޮޑުވ އުޅެންނުކުޅަދާނަވީމ އެމީހުންއުޅެނެގޮތަކަށްއުޅެންދޫކުރުނ ނޫންއެހެންގޮތެއްނޯނާނެދީ
ރިޕޯޓެއްް ލިޔާއިރ ޒިންމާތަކެއްވ އެއްކޮޅުގ ވާހަކަތައ ހިމެނުމުގ ބަދަލުގ، ދެކޮޅުގެބަސްހިމެނުން