ދުނިޔެ

ފަޚްރިޒާދާ އަވަހާރަކޮށްލުން: އީރާނުން އަސްކަރީ ހަމަލާއެއް ދީފާނެތަ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މީގެ ދެ ދުވަސް ކުރިން ދުނިޔޭގެ މަޝްރަޙް ހިލުވާލި އެއް ހާދިސާއަކީ، އީރާނުގެ އެންމެ ސީނިއާ ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަޚްރިޒާދާ އަވަހާރަކޮށްލި ހާދިސާއެވެ. މިހާދިސާއަށް ފަހު މަޝްރަޙް ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ، ރައްދު ޖަވާބެއްގެ ގޮތުން އީރާނުން ދޭނެ ހަމަލާއަކީ ނުވަތަ ކުރާނެ ކަމަކީ ކޮބާ ހެއްޔެވެ؟

Ads by Sosun Fihaara

މި ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން، މުހްސިން ފަޚްރިޒާދާ އަކީ ކާކުކަން ބަލާލަމާ ހިނގާށެވެ.  ފަޚްރިޒާދާ އަކީ ޑިފެންސް މިނިސްޓްރީގެ ރިސާޗް އެންޑް އިނޮވޭޝަން އޮގަނައިޒޭޝަނުގެ ވެރިޔާ އެވެ. އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ސީނިއާ އޮފިސަރެއް ވެސް މެއެވެ. މީގެ އިތުރުން އޭނާ ފާހަގަ ވެގެން ގޮސްފައި ވަނީ ހުޅަނގުގެ ބާރުތައް، ޚާއްސަކޮށް އިސްރާޢީލް ވަރަށް ބިރު ގަންނަ ފަރާތަކަށެވެ. މިގޮތުން ހުޅަނގުގެ ބާރުތަކުން ފަޚްރިޒާދާ ސިފަ ކޮށްފައި ވަނީ އީރާންގެ ނިއުކުލިއަރ ހަތިޔާރުތަކުގެ ބައްޕަ ކަމަށެވެ. މިގޮތުން އިސްރާޢީލްގެ ،ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ވެރިޔަކީ ފަޚްރިޒާދާ ކަމަށް 2018 ވަނަ އަހަރު ވިދާޅުވެފައެވެ. އަދި އޭނާގެ ނަން އެންމެން ވެސް ހަނދާން ބެހެއްޓުމަށް ނަތަންޔާހޫ ވަނީ ގޮވާލައިފައެވެ.

ދެން، ފުރަތަމަ ސުވާލަށް ދަމާ ހިނގާށެވެ. ފަޚްރިޒާދާ މަރުގެ ބަދަލު، އީރާން އިން ހިނފާނީ ކިހިނެތް ހެއްޔެވެ؟ މިހާ ހިސާބުން ޚިޔާލަށް އަންނަނީ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާއިން އީރާންއަށް ދިން ހަމަލާއެވެ. އެހަމަލާގައި އީރާންގެ ކޮމާންޑަރު، ގާސިމް ސުލައިމާނީގެ ޝަހީދު ކޮށްލާފައިވާއިރު، އީރާން އިން އޭރު ބުނަމުން އައީ ބަދަލުގައި ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށެވެ، ނަމަވެސް އެމެރިކާގެ އިތުރު މިސައިލް ހަމަލާތައް ދޭނެ ކަމަށް ބުނުމުންނާއި ދުނިޔޭގެ އެކި ޤައުމުތަކުގެ ޕްރެޝަރގެ ސަބަބުން އޭރު އީރާން އިން މަރުގެ ބަދަލު ހިފުމުގެ ވިސްނުން ދޫކޮށްލިއެވެ. އަދި އެމެރިކާއަށް ދޭ "އަނިޔާއެއް" ގެ ގޮތުން އެމެރިކާގެ ސިފައިން އީރާން އިން މުޅިން ބޭރު ކޮށްލިއެވެ.

މިއާއެކު، ފަޚްރިޒާދާ މަރާ ގުޅިގެން އަސްކަރީ ހަމަލާއެއް އީރާނުން ދީފާނެ ކަމަށް މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ލަފައެއް ނުކުރެއެވެ.

އީރާން އިން ފަޚްރިޒާދާ ޝަހީދުކޮށްލި މައްސަލައިގައި، ތުހުމަތު އުފުލާފައިވަނީ އިސްރާޢީލަށެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އިސްރާޢީލުން އިސްވެ އޮވެ އީރާންގެ އެތަކެއް ސައިންސްވެރިންނެއް ވަނީ އަވަހާރަ ކޮށްލާފައެވެ. ނަމަވެސް މީގެން އެއްފަހަރު ވެސް އިސްރާޢީލުން ހަމަލާދިން ކަމަށް އެއްބަސް ވެފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!