ކުޅިވަރު

އޭއެފްސީ ބްރެކެޓް ޗެލެންޖު ދަގަނޑޭ ކާމިޔާބު ކޮށްފި، މުޅި ގައުމު އުފަލުން ފޮޅިފައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއިން ކުރިއަށް ގެންދިޔަ ، އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވާ މުބާރާތުގައި “އޭއެފްސީ ބްރެކެޓް ޗެލެންޖު”ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކޮށްފިއެވެ. ދަގަނޑޭ މި ޗެލެންޖު ކާމިޔާބު ކުރީ ފައިނަލުގައި ހޮންގް ކޮންގްގެ ޗަން ސިއު ކީއާ ވާދަކޮށެވެ.

Ads by MWSC

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ވޯޓުލުމުގެ ސުންގަޑި ހަމަވެފައި ވަނީ މިއަދު މެންދުރު 01:00 އަށެވެ. ސުންގަޑި ހަމަވީއިރު ފައިނަލްގައި ދަގަނޑޭ އަށް ލިބުނީ 81.14 އިންސައްތަ ވޯޓެވެ. އާބާދީބޮޑު ހޮންގް ކޮންގްގެ ކުޅުންތެރިޔާއަށް ލިބުނީ އެންމެ 10.86 އިންސައްތަ ވޯޓެވެ.

މި ޗެލެންޖުގެ ކުއާޓާ ފައިނަލު އަދި ސެމީ ފައިނަލު ވެސް ވަރަށް ފޯރިގަދައެވެ. އެގޮތުން ދަގަނޑޭ ކުއާޓާ ފައިނަލުގައި ވާދަ ކުރީ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމުގެ ކުޅުންތެރިޔާ ގުއެން ވެންކުއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލު ދަގަނޑޭ ކާމިޔާބު ކުރީ ކުޑަ ތަފާތަކުންނެވެ. އެގޮތުން ޗެލެންޖުގެ ވޯޓު ލުމުގެ ވަގުތު ހަމަވި އިރު ޕޯލްގެ ޖުމުލަ ނަތީޖާގައި ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ގުއެން ވެންކުއަށް ލިބިފައިވަނީ 48.55 އިންސައްތަ ވޯޓެވެ

ސެމީ ފައިނަލުގައި ވެސް ދަގަނޑޭ ވާދަ ކުރީ ވިއެޓްނާމްގެ ކުޅުންތެރިއަކާ އެވެ.އެ ގައުމުގެ ހަނޯއީ އެފްސީގެ ގުޔެން ގުއެންޑް ހައިއާ އެވެ. ސެމީ ފައިނަލުގައި ދަގަނޑޭ ކުރި ހޯދީ ކުއާޓާ ފައިނަލުގައި ހޯދި ލީޑަށް ވުރެ ބޮޑު ލީޑެއް ހޯދައިގެންނެވެ. އެގޮތުން ސެމީ ފައިނަލުގެ ވޯޓުލުން ނިމުނު އިރު ދަގަނޑޭ އަށް ލިބިފައި ވަނީ 54.68 އިންސައްތަ ވޯޓެވެ. އަދި ގުޔެން ގުއެންޑް ހައި އަށް ލިބިފައި ވަނީ 45.32 އިންސައްތަ ވޯޓެވެ.

ދަގަނޑޭ ފައިނަލުގައި ބޮޑު ތަފާތަކުން މި ޗެލެންޖު ކާމިޔާބު ކޮށްފައިވާއިރު މި ޗެލެންޖު އޭނާ ކާމިޔާބު ކުރުމުގައި ދިވެހި ރައްޔިތުންގެ ދައުރު ބޮޑެވެ. ކޮންމެ މީހަކު ވެސް ދަގަނޑޭއަށް ވޯޓުލުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެކަން ކުރަމުން ގެންދިއުމަކީ ދިވެހީންގެ އެއްބައިވަންތަކަން މިފަދަ ކަންކަމުގައި ދައްކުވައިދޭ މިސާލެކެވެ.

ދަގަނޑޭ މި ޗެލެންޖު ކާމިޔާބު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި އުފާ ފާޅު ކުރަމުންނެވެ. މި ކާމިޔާބީ އަކީ މުޅި ގައުމު ހެއްވާލަދިން ކާމިޔާބީއެއް ކަން ގައިމެވެ. ދަގަނޑޭ މި ޗެލެންޖު ކާމިޔާބު ކުރުމާއެކު މުޅި ގައުމު އޮތީ އުފަލުން ފޮޅިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!