އަފީފު ތުހުމަތު ކުރައްވަނީ ސަރުކާރުން ކަންކަން ކޮށްދެއްވަނީ "ގަދަ11" މެމްބަރުންގެ ދާއިރާތަކަށް ކަމަށް
ސަރުކާރުން ، މަޖިލީހުގައި ތަމްސީލް ކުރާ އެމްޑީޕީގެ މެމްބަރުންނާމެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރައްވާ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފް ވާހަކަފުޅު ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަފީފް ވިދާޅުވީ އެމަނިކުފާނަކީ "ގަދަ 11" މެމްބަރަކަށް ނުވިޔަސް އެމަނިކުފާނުގެ ދާއިރާއަށް ވެސް ކަންކަން ކޮށްދޭން ޖެހޭނެ ކަމަށެވެ.
"ތިން އަހަރު ދުވަސް ވަންދެން އެކައްޗެއް ބަޖެޓު ފޮތުގައި ޖަހަން ތިބުމަކީ އެދެވޭ ކަމެއް ނޫން. އަޅުގަނޑަކީ ގަދަ 11 މެންބަރުންގެ ތެރެއިން މެންބަރަކަށް ނުވިޔަސް، ދާއިރާގެ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަކީ ވެސް ކުރަންޖެހޭ ކަމެއް" މެންބަރު އަފީފް ވިދާޅުވިއެވެ.
ޢަފީފް ވަނީ ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ 34.9 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ޚަރަދު ކުރުމަށް އާމްދަނީ ލިބި ފައިސާ ހަމަޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ކަމުގައި ވިޔަސް، އެކަން ގަބޫލު ކުރެވެން ނެތް އެމަނިކުފާނު ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމާއި އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެގެން ދާނެ މިންވަރު އެއީ ޔަގީން ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަންނަ އަހަރު ވެކްސިނެއް ހަމަޖެހޭނެ ކަމުގެ އުންމީދީ ވާހަކަތަކެއް ދެކެވުނު ނަމަވެސް، 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު އަރައިގެން ދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި އެހާލަތުގައި ތިބެ ފައިސާ ލިބޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިޔަސް އެ ކަން ގަބޫލު ކުރެވެން ނެތް ކަމަށް އަފީފް ވިދާޅުވިއެވެ.
ވިލުފުށީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭގޮތުން އަފީފް ވިދާޅުވީ ދާއިރާގެ ތިން ރަށަށް ވެސް ކަންކަން ހިމަނާފައިވާކަން ފާހަގަކުރައްވާ ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެއީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގައި ހިމަނާފައިވާ ކަންކަން ކަމަށާއި މިއަހަރު ވެސް ހިމަނާފައި ހުރީ ހަމަ އެކަންކަން ކަމަށެވެ.
އަފީފު އަށްވެސް ތެދުވާހަކައެއް ވިދާޅުވެވިއޖެ .