ސިހުރު ހަދާ ކަމަށް ޝައްކު ކުރެވިގެން މާފަންނު ސަހަރާ ތެރެއިން މީހަކު ހައްޔަރުކޮށްފި

ސިހުރު ހަދާ ކަމަށް ޝައްކު ކުރެވިގެން މާފަންނު ސަހަރާ ތެރެއިން މީހަކު މިރޭ ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މާފަންނު ސަހަރާއަށް ވަދެ އުޅެނިކޮށް އެމީހާ މިރޭ ހައްޔަރު ކޮށްފައިވަނީ ސިހުރު ހަދަން ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް ތަކެއްޗާ ވެސް އެކުގައެވެ.
އޮންލައިން ނޫސް "ފެށުން" އިން ބުނެފައިވަނީ، މިފަދަ މައްސަލައަކާ ގުޅިގެން މާފަންނު ސަހަރާ ތެރެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރިއިރު މިމީހާގެ އަތުން ސިހުރު ހަދަން ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް ތަކެތި ވެސް ފެނިފައިވާ ކަމަށްް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގައިފައި ވަނީ މިރޭ 21:30 ހާއިރުއެވެ. އަދި މިމީހާ ސަހަރާތެރޭ އުޅެނިކޮށް އެންމެ ފުރަތަމަ ފެނިފައި ވަނީ އެސަރަހައްދުގައި ތިބި އާންމުންގެ ބަޔަކަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.