ލައިފްސްޓައިލް

މާބަނޑު އަނބިމީހާ އުފަލުގައި ބަހައްޓަން މިކަންކަން ކޮށްލާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
S

އަނބިމީހާ ބަލިވެ އިނުމުން އޭނާއަށް ވަރަށް ބޮޑަށް އަޅާލަން ޖެހޭނެ ކަމާއި އުފަލުގައި ބަހައްޓަން ޖެހޭނެކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެނގެއެވެ.

Ads by Sosun Fihaara

މާބަނޑު ދުވަސްވަރަކީ ހަމަ ޔަޤީނުންވެސް އަންހެނާގެ ޙަޔާތުގައި އަންނަ ވަރަށް އުފާވެރި އަދި އެހާމެ ތަފާތު ތަޖުރިބާ ތަކެއް ކުރިމަތިވާ ދުވަސް ވަރެކެވެ.

ބަލިވެ އިންނަ ދުވަސްވަރުގައި އަވަސް އަވަހަށް ރުޅި އައުމާއި، އެކި ކަހަލަ އެއްޗެހި ކާހިތްވުން، ނުވަތަ ބޯއަނބުރާ ހޮޑުލެވުން ފަދަ ސިއްޙީ އެތައް އުނދަގޫ ތަކަކާއި ވެސް ކުރިމަތިލާން ޖެހެއެވެ.

މިފަދަ ހުރިހާ ކަމެއްގައި ވެސް އަނބިމީހާ ގާތުގައި ހުރުމާއި އަނބިމީހާ އުފާ ވާނެ ފަދަ ކަންތައް ކޮށްދިނުމަކީ އެކަމުގެ ސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ވެސް ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމެކެވެ.

މާބަނޑު ދުވަސްވަރު އަނބިމީހާ އުފާ ކޮށްދޭން ކުރެވިދާނެ ބައެއް ކަންތައްތައް:

  • ޑޮކްޓަރަށް ދައްކަން ދާއިރު އެއްކޮށް ދިޔުން

ކުރިންވެސް ބުނި ފަދައިން، ބަލިވެ އިންނަ ދުވަސްވަރަކީ އެހާ ފަސޭހަ ދުވަސްވަރެއް ނޫނެވެ. އެއީ ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވާ ކަމެކެވެ. ބަލިވެ އިނުމުން ޤަވައިދުން ކުރަން ޖެހޭނެ ވަރަށް ގިނަ ކަންތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމަކީ ޤަވައިދުން ޑޮކްޓަރަށް ދެއްކުމެވެ. ޑޮކްޓަރަށް ދައްކަންދާ ކޮންމެ ފަހަރަކު އަނބިމީހާއާ އެއްކޮށް ދިޔުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އަދި މިގޮތަށް ކަންތައް ކުރުމުން އަނބިމީހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ޙާލު ފިރިމީހާ އަށް ވެސް ރަނގަޅަށް އެނގޭނެ އެވެ.

  • "މޫޑް ސްވިންގްސް" އަށް ކެތްތެރިވުން

މާބަނޑު ދުވަސް ވަރަކީ އަނބިމީހާގެ މޫޑު ހަމަ ކުއްލި ކުއްލިއަށް ވަރަށް ފަސޭހައިން ބަދަލުވާނެ ދުވަސްކޮޅެކެވެ. ހަމަ ހުރެފައި އެއްޗެއް ކާ ހިތް ވެދާނެއެވެ. ނުވަތަ ރުޅި އައިސްފާނެއެވެ. އަދި ބައެއް ފަހަރު ވާގޮތެއް ނޭނގި ވަރަށް ފަސޭހައިން ދެރަވާ ގޮތް ވެސް މެދުވެރިވެއެވެ. އަނބިމީހާ އަށް މިފަދަ ކަންތައް ދިމާވުމުން ފިރިމީހާ ކެތްތެރިވުމަކީ މާބަނޑު އަނބިމީހާ ވަރަށް އުފާވާނެ ކަމެކެވެ. އަދި އޭނާ އަށް ވެވޭ ވަރަށް ބޮޑު އެހީއެކެވެ. އެއްޗެއް ކާހިތްވެފައިވާ ނަމަ ތިމާގެ މާބަނޑު އަނބިމީހާ އަށް އެ އެއްޗެއް ހޯދައި ދޭށެވެ. ކުއްލިއަކަށް އަނބިމީހާ ރުޅިއައިސްފި ނަމަ އޭނާދެކެ ފިރިމީހާ ރުޅިނައިސް، އެގޮތަށް ރުޅި އައުމަކީ މައްސަލައެއް ނޫންކަން ވިސްނައިދީ ވީހާވެސް މަޑުމައިތިރިކޮށް އަނބިމީހާއާ މުހާތަބުކޮށް އޭނާއަށް ވިސްނައިދޭށެވެ. އަދި ދެރަވެއްޖެ ނަމަ، ފިރިމީހާ ހުރީ އަނބިމީހާ ގާތުގައި ކަމާއި ހުރިހާ ކަމެއްވެސް ރަނގަޅުވެ ލިބެން އުޅޭ ބޮޑު އުފާވެރި ކަމުގެ މަތިން އަނބިމީހާ އަށް ހަނދާން ކޮށްދޭށެވެ.

  • ގޭތެރޭ ކަންތައްތައް ކުރުމުގައި އެހީތެރިވެ ދިނުން

ގިނަ އަންހެނުންނަކީ އަބަދުވެސް ގޭތެރޭގެ އެކިއެކި މަސައްކަތްތައް ކުރުމުގައި އަބަދުމެ ބިޒީ ވެފައިވާ ބައެކެވެ. ތިމާގެ އަނބިމީހާ އަށް ގޭތެރޭގެ މަސައްކަތްތަކުގައި އަތް ގާތް ކޮށްދިނުމަކީ ސުންނަތަކަށްވާ އިރު ޚާއްސަކޮށް މާބަނޑު ދުވަސްކޮޅު އަނބިމީހާ އަށް އެހީތެރިވެ ދިނުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އެގޮތުން ކައި ނިމިގެން ތައްޓެއް ދޮވެލުން ނުވަތަ ގޭތެރެ ކުނިކަހާލަ ދިނުންފަދަ ކަންތައްތަކަކީ ފިރިމީހާ ކޮށްދިނުމުން އަނބިމީހާ ވަރަށް އުފާވާނެ ކަންކަމެވެ. އަދި އެއީ ތިމާގެ މާބަނޑު އަނބިމީހާ އަރާމު ކޮށްލަންވެސް ދެވޭ ރަނގަޅު ފުރުސަތެކެވެ. އެފަދަ ކުދިކުދި މަސައްކަތްތައް ފިރިމީހާ ވެސް ކޮށްލުމަކީ މައްސަލައެއް ނޫނެވެ.

  • އަބަދުވެސް ހިތްހަމަ ޖައްސައިދީފައި ބެހެއްޓޭތޯ ބެލުން

މާބަނޑު ދުވަސްކޮޅު ކަންތައްތަކާ ވިސްނާ ހިތާމަ ކުރުމަކީ އޭގެ އަސަރު ބަނޑުގައިވާ ދަރިފުޅަށް ވެސް ކުރާނެ ކަމެކެވެ. އެހެންކަމުން އަނބިމީހާ އެފަދަ ޚިޔާލުތައް ނުކުރޭތޯ ބެލުމަކީ ފިރިމީހާގެ ޒިންމާ އެކެވެ. ކުދި ކުދި ކަންތައް ކޮށްދީގެންނަމަ ވެސް މާބަނޑު އަނބިމީހާ ހިތްހަމަ ޖައްސައިދީފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

  • ބަނޑުގައިވާ ދަރިފުޅާ ވާހަކަ ދެއްކުން

މިއީ ގިނަ ފިރިހެނުންނަށް ކުރަން ވަރަށް "ސޭކު" ކަމެކެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ރޮމޭންޓިކް އަދި އަނބިމީހާ އަށާއި ބަނޑުގައިވާ ދަރިފުޅަށް ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. އަނބިމީހާ ގެ ބަނޑު ކައިރީގައި އޮވެގެން ދަރިފުޅާ ވާހަކަ ދައްކާށެވެ. އެންމެ ފުރަތަމަ ތަޢާރަފް ވެލުމުން ވެސް އަނބިމީހާ ހިނި އަންނާނެއެވެ. އަދި އެކިއެކި ވާހަކަތައް ބަނޑުގައިވާ ދަރިފުޅަށް ކިޔައި ދިނުމުން ވެސް ދަރިފުޅާއި އަނބިމީހާ މުހިންމު ވާވަރު އަނބިމީހާ އަށް ވިސްނި އެކަމާ ވެސް ވަރަށް އުފާވާނެއެވެ. ބަނޑުގައިވާ ދަރިފުޅާ ވާހަކަ ދެއްކުމުން، ދައްކާ ހުރިހާ ވާހަކައެއްވެސް އެދަރިފުޅަށް އިވޭނެ އެވެ. އެހެންކަމުން ބައްޕަގެ އަޑު ދަރިފުޅު އުފަން ވުމަށް ފަހު ވެސް، ދަރިފުޅު ފާހަގަ ކުރާނެ އެވެ.

  • އަނބިމީހާ އާއެކު މުސްތަޤްބަލު ރޭވުން

ކައިވެނި ކުރުމަށްފަހު ގިނަ ފިރިހެނުން އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ޙިއްސާކޮށް ރާވާނީ އެމީހެއްގެ އަނބިމީހާ އާއިކަން އެއްވެސް ޝައްކެއް ނެތެވެ. މިއީ ވަރަށް ރީތި ރަނގަޅު ސިފައެކެވެ. އަނބިމީހާ ބަލިވެ އިނުމުން ވެސް މިކަންތައްތައް ކުރުން ވަރަށް މުހިންމެވެ. ދަރިފުޅު ދުނިޔެއަށް އަންނަންވާއިރަށް ކުރަން ވިސްނާ ކަންތައްތަކާއި ހޯދަން ބޭނުންވާ އެއްޗެހީގެ ވާހަކަ ވެސް އަނބިމީހާ އާ ޙިއްސާ ކުރާށެވެ. ދެކޭ ހުރިހާ ހުވަފެނެއް ވެސް ޙިއްސާ ކުރުމުން އަނބިމީހާ ވަރަށް އުފާވާނެއެވެ. އަދި ކުރަން ވިސްނާ ކަންތައްތަކުގެ ތެރެއިން، މާބަނޑު އަނބިމީހާ ޝާމިލް ކޮށްގެން ކުރެވޭ ކަންތައްތަކުގައި އޭނާ ވެސް ޝާމިލް ކޮށްގެން އެކަންތައްތައް ކުރާށެވެ. މިސާލަކަށް ބުނާނަމަ ދަރިފުޅު އުފަންވުމަށްފަހު ދަރިފުޅަށް ބޭނުންވާނެ އެއްޗެހި އަވަހަށް ގަންނަން ދިޔުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!