ޒަވާޖީ ޙަޔާތަކީ ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި ވެސް އަންނާނެ ވަރަށް މުހިއްމު ފިޔަވައްސެކެވެ. މި ފިޔަވަހި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އެކި ޘަގާފަތަށެވެ. އެކި ކުލަކުލައިގައެވެ. އެކިއެކި ރަހަތަކުގައެވެ. އެގޮތުން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މި ފިޔަވަހި އޮންނަ ގޮތަށް ނަޒަރު ހިންގާލުމަކީ ވިސްނުންތެރި ކަމަކަށް ވެދާނެއެވެ.
އެކުވެރިންނޭވެ! ގިނަ އިންސާނުންނަކީ އެބައިމީހުންގެ ހުންނަ ވިސްނުމާއި ހެޔޮ ނުބައި ވަކިކުރުމުގެ ޤާބިލްކަން ބޭނުން ކޮށްގެން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ނިންމާ ބައެކެވެ. ދުނިޔަވީ މައިދާނުގައި ދިމާވާ ކޮންމެ ކަމެއް އަހަރެމެން ކުރަނީ ކުރީބައިގައި ތަހުލީލު ކުރުމަށް ފަހުއެއް ނޫނެވެ. އެހެން ނޫނީ ، އާޚިރު ނަތީޖާ ބެލުމުގެ ނިޔަތުގައި ، ދިމާވާ ކޮންމެ ކަމެއް ޓެސްޓެއް ނުކުރަމެވެ. މިސާލަކަށް ސުފުރާމަތިން ކާން ފެށުމުގެ ކުރިން ހުރިހާ އެއްޗަކުން ރަހައެއް ނުބަލަމެވެ. އިސްކޫލުގައި ކިޔަވާނެ މާއްދާތައް އިޚްތިޔާރުކުރަނީ އޭގެ ކުރިން ހުރިހާ މާއްދާއެއް ކުޑަކޮށް ކިޔަވާފައެއް ނޫނެވެ.
މިހެންކަމަށްވާނަމަ، ދިރިއުޅުމުގެ ދިގު ދަތުރުގައި އެކުގައި ސަފަރު ކުރާނެ ބައިވެރިޔަކު އިޚްތިޔާރު ކުރުމުގައި ހައެއްކަ މީހުން ޓެސްޓު ކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ހެއްޔެވެ؟ ބައެއް މީހުން ބުނާތީ އަޑުއިވެއެވެ. "އެހެން ނޫނީ ކިހިނެއް ކަލޭމެންގެ އަޑިގުޑަންތައް އެނގޭނީ؟" ހީވާ ކަހަލައެވެ. ދިރިއުޅުމަކީ ދެމީހުން އެކަކު އަނެކަކު ދެކެފަރިތަވެ ހެޔޮނުބައި އެނގި ކުލައާއި ރަހައާއި ވަސް ދެނެގަތުމަށް އޮތް އިންޓާންޝިޕެއް ފަދައެވެ. މިފަދައިން ގަބޫލު ކުރާ މީހުން ، ތަހުލީލުކޮށް ނަތީޖާ ލިބޭތަނުން ދިރިއުޅުން ދެކަފިވެ ވަކިވެގެން ދިއުމީ ބުއްދި ތަޢާރުޒުވާ ފަދަ އަރަތެކެވެ.
އެކުވެރިންނޭވެ! އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ. ޝަރުއީ އަދި ޤާނޫނީ އެއްވެސް ހުއްޖަތެއް ނެތި ތިބާގެ ދިރިއުޅުމުގެ ލަގަން ދުރު ހިލޭ މީހަކާ ހަވާލު ކޮށްގެން ތިއުޅެނީ ވަކި މޮޅެއް ވާނެކަމަށް ހެއްޔެވެ؟ "ސެކަންޑް ހޭންޑް" މުދަލުގެ އަގު ދަށް ވާނެކަން ނޭގޭތީ ހެއްޔެވެ؟ އިއްފަތްތެރިކަމަށް މީހުންގެ އިތުބާރު ބޮޑުވާނެކަން ހަމަ ނޭނގެނީ ހެއްޔެވެ؟
ބިޓުންތޯއެވެ! ޒަމާނީ ތަރައްގީގެ އޮއިވަރުގައި ބިޓުން ނެގުން މިވަނީ "މަޖުބޫރުވެފައެވެ". ކުޑައިރު އެއްކޮށް އުޅުނު ރަހުމަތްތެރިންނާއެކު ބޭރަށް ދެވޭކަށް ނޯވެއެވެ. ހިތްހަމަ ނުޖެހެނީއެވެ. ބޭނުން ވަގުތަކު ނިދޭކަށް ނޯވެއެވެ. ވާހަކަ ދައްކަން ބޭނުން ވަނީއެވެ. ބޭނުން އެއްޗެއް ކެވޭކަށް ނޯވެއެވެ. ހަވީރު ފިންޏަށް ބޭރަށް ނިކުމެވޭކަށް ނެތެވެ. ހިތް ބިރުގަންނަނީ އެވެ. ތެޔޮނާށި ކާޅު ޖަހައިގެންފާނެތީއެވެ. މިކަމުގެ ތަޖުރިބާކާރުން ބުނާގޮތުން ނަމަ، ގިނަ ބިޓުންގެ ހާލަކީ ކޮށްޓެއްގައި އިންނަ ދޫންޏެއްގެ މިސާލެވެ.
މީގެ އަނެއް ޞަފްޙާއަށް ޖެހިލާއިރު ފެންނަނީ އަދި މާ ތަފާތު މަންޒަރެކެވެ. ގިނަގިނައިން ބުރުޖެހުން އެއީ ކާމިޔާބުގެ ސިއްރެވެ. ދަންވަރު ދަޅައަށް އަދި ފޯރި ވަކިން ގަދަވާހެން ހީވެއެވެ. އެއްވެސް ކަހަލަ ޒިންމާއެއް މަސްއޫލިއްޔަތެއް އަދާ ނުކުރާ މީހެއް ފަދައިން ގިނަގިނައިން ސޫރިޔާކެނޑުން އެއީ ކަމުގެ ފޯރި ގަދަވާ ކަމެއް ކަހަލައެވެ. ގުޅާއިރަށް ފޯނު ނުނަގައިފިއްޔާ އެދެން ކަންތަކާ ޖެހުނީއެވެ. މީސްމީޑިއާގައި ވީހާވެސް ބޮޑަށް އިސްތިހާރު ވުމުން ގުޅުން އިތުރަށް އާރޯވެ ތާޒާވާ ކަހަލައެވެ. ތެރަހުގެ އިސްތިހާރު ކުޅެ އާންމު ކުރުމުން ޔަގީންކަން ބޮޑުވަނީ ޔޯލައެވެ. ކުލަކުލައިގެ މަންޒަރުތައް ނުފޮނުވާނަމަ ގަޓު ކެނޑެނީއެވެ.
އެކަމަކު ދެން މިވާގޮތެއް ހަރާމުން ހަރާމެވެ. ވާގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ހަމަ ކުއްލިއަކަށް ފޫހިވަނީއެވެ. އެއްގޮތަކަށް ވެސް ކަމުދާ ކަމަކަށް ނުވެއެވެ. ޓެސްޓުގެ ނަތީޖާ ލިބުނު ކަހަލައެވެ. ނައްސިވީއެވެ. ބޭނުމެއް ނެތެވެ. އަވަގުރާނަ ގޮވަނީއެވެ. ބިރު ދައްކަނީއެވެ. ފޮނުވިހާ މަންޒަރުތައް މީސްމީޑިއާގައި ލީކު ކުރަނީއެވެ. ބުލެކުމޭލި ކުރަނީއެވެ. ނަފުސު ފޭރެނީއެވެ. މިއީ ހުރިހާ ބިޓުންގެ ހާލަށް ނުވެދާނެއެވެ.
އެކުވެރިންނޭވެ! އާންމުކޮށް، ދުނިޔަވީ ގާނޫނުގައި އެއްޗެއް ނީލަން ކިޔާނީ އެއެއްޗެއްގެ އަގު ދަށްވީމައެވެ. ނުވަތަ މާގިނަވީމައެވެ. އަމިއްލަ އަށް އަމިއްލަ ނަފްސު ނީލަން ނުކިޔާށެވެ. އިސްތިހާރު ނުކުރާށެވެ. ނަފްސުގެ އަގު ވައްޓާނުލާށެވެ. އިހުތިރާމާ ނުލައި ލޯތްބަކީ ބީތާވެފަ އޮންނަ އެއްޗެކެވެ. ހަމުގެ ކުލަ ކިތަންމެ އަލިވިއަސް، ލޯބި ނުވެވިދާނެއެވެ. ކިތަންމެ ފައިސާއެއް ހުއްޓަސް، ލޯބި ނުވެވިދާނެއެވެ.
ބިޓެއް ކޮންމެހެން އުމުރުން 18 އަހަރު ނުވަނީސް ހޯދާކަށް ނުޖެހޭ. ފުރަތަމަ ލައިފްގަ ސަކްސަސްފުލް މީހަކަށް ވެވޭތޯ ބަލާބަލަ. ޢޭރުން އޭރުން އެނިމުނީ. ކޮންމެ މަހަކަށް ގަލެއްވާހެން ވަގުތު ޖެހުނީމަ ޒަވާޖީ ހަޔާތް ފަށާނެ ބައިވެރިޔަކުވެސް ހުންނާނެ.
ކޮން 18 އެއް.. ދީނުގަ ނޯވޭ ބިޓުން ނަގާކަށް…. އާޓިކަލް ލިޔާމީހުންވެސް ވިސްނާލަބަލަ.. އަނެއްޖާ އިނގިރޭސި ބަހެއް ނުވައްދާ އާޓިކަލް ނުލާނެ ނިންމައެއް… ބޯ ހަލާކު….
މަނިކުފާނަށް އެނގިވަޑައިނުގަންނަވަނީތޯ ލިޔުމުގެ ތެރޭގައި ‘ބިދޭސީ’ ލަފުޒުތައް ލިޔާނެ އުސޫލެއް އޮންނަކަމެއް.