ޗައިނާއާއެކު އޮތް ގުޅުމަށް އިޙްތިރާމް ކުރަން، އެދެނީ ދަރަނީގެ މައްސަލަތަކަށް ޙައްލެއް: ރައީސް ނަޝީދު
ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމަށް އިހްތިރާމް ކުރާ ކަމަށާއި ޗައިނާގެ ފަރާތުން އެދެނީ ދަރަނީގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ލޯނުތަކުގެ ތަފްސީލު މިއަދު ހާމަ ކޮށްދެއްވަމުން އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުމަށް އެމަނިކުފާނު އަބަދުވެސް އިހްތިރާމް ކުރައްވާ ކަމަށާއި ސަފީރުގެ ކަންބޮޑުވުންތައް ފާހަގަ ކޮށްދެއްވި ކަމަށް ޓަކައި އެކަމާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
"ލޯނު ދައްކަން އޮތް ފަހު ގަޑިއަށް މަޑުނުކޮށް މި ކަމަށް ހައްލެއް ގެންނަން ޖެހޭ، ހިނގާ މި ދަރަނީގެ މައްސަލަ ކޮޅަކަށް ޖައްސަން، ދަރަނިތައް ދައްކަން ރާއްޖެއަށް އެންމެ މަދުވެގެން ވެސް ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ބޭނުން ވާނެ، ނޫނީ ރާއްޖެއަށް ދަރަނިތައް ނުވެސް ދެއްކޭނެ،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ޗައިނާއަށް ރާއްޖެއިން ދައްކަން ޖެހޭ 15 މިލިއަން ޑޮލަރުގެ ލޯނުތައް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާ ސަފީރު އިއްޔެ ވަނީ އެވާހަކަފުޅު ދޮގު ކުރައްވާފައެވެ.
އެވާހަކަތައް އިތުރަށް ތަފްސީލު ކޮށްދެއްވަމުން ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަހަރު ބާކީ ދައްކަންޖެހޭ އަދަދަކީ 1.7 މިލިއަން ޑޮލަރު ކަމަށެވެ.
މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިން ޔުނިޓުތަކަށް ދައްކަން ޖެހޭ 2.3 މިލިއަން ޑޮލަރަކީ ޗައިނާގެ ބޭންކަށް ދައްކަން ޖެހޭ ފައިސާ ނޫން ކަމަށާއި އެއީ ތިންވަނަ ގައުމަކަށް ނިސްބަތްވާ ބޭންކަކަށް ދައްކަން ޖެހޭ ލޯނު ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސްޓެލްކޯ ޕްރޮޖެކްޓަށް އެންމެ އަވަހަށް ވެސް ފައިސާ ދައްކަން ޖެހެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ކަމަށް ވެސް ޗައިނާ ސަފީރު ޖާންގް ލިޖޯންގް ވިދާޅުވިއެވެ.