ކުޅިވަރު

އައު ސީޒަނުގައި ވެލެންސިއާގެ ކެޕްޓަން ބޭންޑު އަޅާނީ ދަގަނޑޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އައު ސީޒަނުގައި ވެލެންސިއާގެ ކެޕްޓަނަކަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެެރިޔާ އަލީ އަޝްފާގު (ދަަގަނޑޭ) ހަމަ ޖައްސައިފިއެވެ.

Ads by STELCO

15 އަހަރަށްފަހު ވެލެންސިއާގެ ޖާރޒީގައި ކެޕްޓަނެއްގެ މަގާމުގައި ދަގަނޑޭ ފެނިގެންދާނެކަން ވެލެންސިއާ އިން ހާމަ ކޮށްފައިވާއިރު ޓީމުގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލްޣަނީއެވެ.

ދަގަނޑޭގެ ކެރިއަރު 2001 ވަނަ އަަހަރު އޭނާ ފަށައިފައި ވަނީ ވެސް ވެލެންސިއާއިންނެވެ. ވެލެންސިއާގައި އޭނާ އޭރު ވަނީ 4 އަހަރު ހޭދަކޮށްފައެވެ. އަދި ވެލެންސިއާއާ އެކު ދަގަނޑޭ ވަނީ ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ދިވެހި ލީގު ހަތަރު ފަހަރު އަދި ކަޕްވިނާސް ކަޕް 2 ފަހަރަށް ކާމިޔާބު ކޮށްފައެވެ. އަދި ހަމަ އެހެންމެ އެފްއޭ ކަޕްވެސް އެއް ފަހަރު އޭނާ ވަނީ ވެލެންސިއާގެ ޖާރޒީގައި ކާމިޔާބު ކޮށްފައެވެ. އަދި އެ 4 އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ 104 ގޯލު ވެލެންސިއާއަށް ކާމިޔާބު ކޮށްދީފައެވެ.

ނިމިދިޔަ ސީޒަނުގައި ދަގަނޑޭ ފެނިގެން ގޮސްފައިވަނީ ޓީސީ ސްޕޯރޓްސް ކުލަބުންނެވެ. ކެރިއަރުގެ ފުރަތަމަ ރަން 4 އަހަރު ވެލެންސިއާގައި ހޭދަކުރުމަށްފަހު ދަގަނޑޭ ވަނީ ރާއްޖޭގެ ނަންކިޔާ އެތައް ކުލަބުތަކަކަށް ކުޅެ މޮޅެތި ކާމިޔާބީ ތަކެއް ހޯދާފައެވެ. އަދި ހަމަ އެހެންމެ މެލޭސިއާގެ ޕީޑީއާރުއެމްގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުގައި ވެސް އޭނާ ވަނީ ގިނަ ސީޒަންތަކެއްގައި ކުޅެފައެވެ. އަދި ވީބީ އައްޑޫ އެފްސީ އާއި މާޒިޔާގެ ޖާރޒީގައި ވެސް އޭނާ ފެނިގެން ގޮސްފައިވެއެވެ.

ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް އޭނާ ވަނީ 410 ގޯލު ކާމިޔާބު ކޮށްފައެވެ.

މި ސީޒަނުގައި ވެލެންސިއާގެ ޓީމު ފެންނަނީ ވަރަށް ވަރުގަދަ ކޮށެވެ. އެ ޓީމަށް ސޮއިކުރި ކުޅުންތެރިންގެ  ތެރޭގައި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލްޣަނީ އާއި ސްޕެއިންގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ޒުވާން ކުޅުންތެރިޔާ އިސްމާއިލް ޒާން އިމްރާނާއި ހުނަރުވެރި ވިންގާ ހުސެން ނިޔާޒް (ބޮކުރީ) ފާހަގަ ކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!