ޔުނިސެފް ގެ ފަރާތުން ބައެއް ތަކެތި އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފި

އަންނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރެންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން އެމިނިސްޓްރީއަށް ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ.
އެގޮތުން ޔުނިސެފްގެ ފަރާތުން ސްކޫލްތަކަށް ހަދިޔާ ކޮށްފައިވަނީ 420 ލެޕްޓޮޕާއި، ދިވެހި ކިޔުމަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި ދިވެހި ވާހަކަފޮތް އަދި ސްކޫލްތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އެތަކެތި ހަދިޔާ ކުރެވުނީ ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށާއި، އަންނަ 2021ވަނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
މިއަދު ހަވާލު ކުރި ތަކެތީގެ ތެރޭގައި ހިމެނޭ 420 ލެޕްޓޮޕަކީ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިޔުކޭޝަން-ޖީޕީއީގެ ފަންޑުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ހިލޭއެހީގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. ޔޫއެސްއެއިޑްގެ އެހީގައި ޔުނިސެފުން ސްކޫލްތަކަށް ޑިސްއިންފެކްޓެންޓް ހަދިޔާ ކޮށްފައިވާއިރު ޔުނިސެފުން މިއަދު ވަނީ 2726 ދިވެހި ވާހަކަފޮތް ވެސް ހަދިޔާ ކޮށްފައެވެ.