ނަމާދު ނުކުރާ މީހަކީ މުސްލިމެކޭ ބުނެވޭނެތަ؟
އައްޝެއިޚް ޑރ. ތައުފީޤް ޗައުދަރީގެ ދަރުސެއްގައި ވިދާޅުވެފައިވެއެވެ.
"ޤިޔާމަތް ދުވަހުން މާތް ﷲ ސުބްޙާނަހޫ ވަޠައާލާ، އެކަލާނގެއަށް ސަޖިދަ ޖެހުމަށް ހުރިހާ އަޅުތަކުންނަށް ވަޙީ ކުރައްވަވާނެއެވެ.
ނަމަވެސް މިބިންމަތީގައި އުޅުނު އިރު ނަމާދު ނުކޮށް (ނަމާދު އަޅާފައި) އުޅުނު މީސްތަކުންނަށް އެދުވަހަކުން ސަޖިދައެއް ނުޖެހޭނެއެވެ. އަދި އެބައި މީހުންގެ މޫނުތަކަށް ބިރުވެރިކަން ވެރިވެގަނެ، ލަދުން އެބައިމީހުންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކުރާނެއެވެ.
މިބިންމަތީގައި އުޅުނުއިރު، ނަމާދަށް އަވަސްވެ ގަތުމަށް ގޮވާލި އަޑު (އެހެނީ ބަންގީގެ އަޑު) އެބައި މީހުންނަށް ވެސް އިވުނެވެ. ނަމާދު ގާއިމް ކުރަން ދެވެން އޮތް ދުވަހު، އެބައިމީހުން ވަނީ އެބަންގީގެ އަޑަށް ބީރު ކަންފަތެއް ދީފައެވެ. ދުނިޔެވީ އެހެން ކަންތައްތަކުގައި މަސްހުނިވެ އުޅުމަށްޓަކައި، އެބައިމީހުން ވަނީ މާތް ރަސްކަލާނގެއަށް ސަޖިދަ ޖެހުމުން ދުރުވެގަނެފައެވެ.
މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ އޭގެ މާނައަކީ މިބިންމަތީގައި ދިރިއުޅޭ މަދު ދުވަސްކޮޅު ނަމާދު ނުކޮށް އުޅޭ އަޅުން ދެކެ މާތް ﷲ ކޯފާވެ ވޮޑިގަންނަވާނެއެވެ. އަދި އެފަދަ އަޅުންނަށް އެކަލާނގެ އަޒާބު ދެއްވާ، އާޚިރަތް ދުވަހުން ނަރަކައިގެ ވޭން ދެނިވި އަލިފާންގަނޑުގެ ތެރެއަށް އެއްލާލައްވާނެއެވެ.
ނަރަކަވަންތަވެރީން ގާތު އެކަކު އަނެކަކު ސުވާލު ކުރާނެތެވެ. 'ތިބާ ނަރަކައަށް ވަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟' ޖަވާބުގައި އެބައި މީހުން ބުނާނެއެވެ. 'ތިމަންމެން ދުވަހަކު ވެސް ނަމާދެއް ނުކުރަމެވެ.'
ދީނީ ޢިލްމުވެރިއެއް ކަމަށްވާ އިމާމް އަޙުމަދު (ރަޟިއަﷲ އަންހު) ވިދާޅުވެފައިވަނީ 'ގަސްތުގައި (އެދެވިގެންވާ އުޛުރަކާއި ނުލާ) އެންމެ ނަމާދެއް ވެސް އަޅައިފި މީހަކީ ތަޤްވާވެރިއެއް ނޫން ކަމުގައެވެ.''
ޝެއިޚްއެއް ބުނެފައި ވެއެވެ. 'ފަތިސް ނަމާދަށް ހޭލުމުގެ ނިޔަތުގައި އެލާމް ނުޖައްސައިފި މީހާ (މާނައަކީ ފަތިސް ނަމާދަށް ހޭލަން ނިޔަތް ނުގަންނަ މީހާ) އަށް އެކުރެވެނީ ޝިރުކެކެވެ.'
ތިމާއަކީ އެލާމަކާ ނުލާ ފަތިސް ނަމާދަށް ހޭނުލެވޭނެ މީހެއްކަން އެނގިހުރެ ވެސް، ގަސްތުގައި އެލާމް ނުޖައްސާ، ނަމާދަށް ހޭލަން މަސައްކަތް ނުކުރާ މީހަކަށް ކުރެވިފައި އެވަނީ ޝިރްކެކެވެ. ނަމާދަކީ އަހަރުމެންނާއި އިސްލާމްކަމާ ގުޅުވައިދޭ އެންމެ ބޮޑު ގުޅުމެވެ.
ސަޙީޙް މުސްލިމް ގައި ބަޔާން ކޮށްފައިވާ، ރަސޫލާ (ޞޢޥ) ގެ ސައްޙަ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. 'މުސްލިމެއްގެ އީމާންކަމާއި އިސްލާމްކަމުން ދުރުކޮށް ޝިރްކު ކުރުމާއި ކުފްރު ވުމާއި ގާތް ވަނީ، ނަމާދު ގާއިމް ކުރުމުން ދުރުވުމުންނެވެ'
މިޙަދީޘްފުޅު އިތުރަށް ކިޔައި ދެއްވަމުން އިމާމް ޝައުކާނީ ވިދާޅުވެފައި ވަނީ ނަމާދު ގާއިމް ނުކުރުމަކީ ބޮޑުވެގެންވާ ކުފުރެއްކަން، ޙަދީޘުން ފުރިހަމައަށް ހާމަ ވެގެންދާ ކަމަށާއި އެއީ ތަޤްވާވެރި ނޫން އަޅުންގެ ޢަމަލެއްކަން ވެސް ހާމަވާ ކަމަށެވެ.
ނަމާދު ގާއިމު ނުކުރާ ފަރާތްތަކަކީ ކާފިރުން ކަމުގައި ބެލެވެއެވެ. އެއީ ތަޤްވާވެރީންނެއް ނޫނެވެ.
ނަމާދު ނުކުރި ނަމަވެސް އެއީ މުސްލިމެކޭ ނުބުނާށެވެ. ގަސްތުގައި ނަމާދު އަޅައިފި އެއްވެސް މީހަކަށް އެއްވެސް އުޛުރެއް ނެތެވެ.
ދެމަފިރިއެއްގެ ތެރެއިން ފިރިމީހާ ނަމާދު ނުކުރާނަމަ، އެކައިވެންޏެއް ވެސް ބާޠިލްވީއެވެ. އެއީ ނަމާދު ގާއިމް ނުކުރާނަމަ އެވެނީ ތަޤުވާވެރިއެއް ނޫން ކަމުގައެވެ. އަދި އެފަދަ މީހަކާއެކު ކައިވެނި ސައްޙައެއް ނުވާނެއެވެ.
ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫނެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް، ފަރުޟު ފަސް ނަމާދު ގާއިމް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. އެކަމާމެދު އެކަކު ވެސް ކަންނެތް ވެގެން ނުވާނެއެވެ."