ލައިފްސްޓައިލް

ގެދޮރު ނެތް މީހަކު ދަސްކޮށްދިން އަގުހުރި ފިލާވަޅުތަކެއްގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"އެއް ރޭ އަހަރެން ކައި ނިމިގެން ހިނގާލަން ބޭރަށް ނިކުތްއިރު، ވަންނާނެ ގެއެއް ނެތިފައި ހުރި މީހަކު މީހުން ކައިރިން ސަލާން ޖަހަނިކޮށް ދުށީމެވެ.

Ads by Sosun Fihaara

އަހަރެން އަތުގައި އެވަގުތު ސޭންޑްވިޗް ތަކެއް ހުރުމުން، އެ ދޭން ވެގެން އޭނާއަށް ދިއްކޮށްލީމެވެ. ނަމަވެސް އޭނާ ބުނީ އޭނާ ކާއެއްޗެހި ބޭނުން ނުވާ ކަމަށެވެ.

އަހަރެން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ދިޔަ މަގުމަތީގައި ވެސް ވަރަށް ބޮޑަށް އެކަމާއި ވިސްނާ، ހިތްހަމަ ނުޖެހުން އިތުރުވަމުން ދިޔައެވެ. އަހަރެން ހިތަށް އެރިއެވެ. އޭނާއަށް ކާއެއްޗެއް ދިނުމުން ނުހިފިއެވެ. އޭނަ ހަމައެކަނި ބޭނުން ވަނީ ފައިސާއެވެ. އެއީ އެފައިސާއިން މަސްތުވާތަކެތި ގަންނަން ކަންނޭނގެއެވެ. ނޫނީ އެކަހަލަ ނުރަނގަޅު ބޭނުމަކު ކަންނޭނގެއެވެ. އެފަދަ ޚިޔާލުތަކެއް އަހަންނަށް އުނދަގޫ ކުރަން ފެށުމުން، އޭގެ ޖަވާބު ހޯދަން އަހަރެން ބޭނުންވިއެވެ. އޭގެ ޖަވާބު އަހަންނަށް ދެވޭނެ ހަމައެކަނި މީހާއަކީ ވެސް އޭނާ ކަމަށް ވާތީ އަހަރެން އަލުން އޭނާ ހޯދަން ދިޔައީމެވެ.

އޭނާ ފެނުމުން ކައިރިއަށް ގޮސް، އަހަރެން ދިން ކާއެއްޗެހި ނުހިފީ ކީއްވެތޯ ސުވާލު ކުރީމެވެ. އޭނާ ގެންގުޅޭ ވަށިގަނޑެއް ކައިރިއަށް ގޮސް ކޮތަޅެއް ނަގާފައި އަހަންނަށް ދިއްކޮށްލާފަ ބުންޏެވެ.

'އަހަރެން އަތުގައި މިހާރު ވެސް މިރެއަށް ވާވަރަށް ކާއެއްޗެހި އެބަހުއްޓެވެ. ތިސޭންޑްވިޗްތަކުގައި ހިފިނަމަ އަހަންނަށް ލިބުނު ކާއެއްޗެހި އިތުރުވީ ނަމަވެސް، އެހުރިހާ ކާއެއްޗެއް އަހަންނަކަށް ހުހެއް ނުކުރެވޭނެއެވެ. އެއްބައި ކާނާ އޭރުން ވާނީ ކުންޏެވެ. އެހެނެއް ކަމަކު ނުކެވޭ ބައި ކުނި ނުވާނެ ފަދައިން ރައްކާ ކޮށްފައި ވެސް ބެހެއްޓޭކަށް އަހަންނަކަށް ނެތެވެ. އަހަރެން މިއުޅޭ ހާލުންް ދަސްވާ އެންމެ މުހިންމު އެއް ފިލާވަޅަކީ ކާއެއްޗެހި އިސްރާފު ނުކުރުމަށެވެ. އެހެންކަމުން ކާބޯތަކެތި އިސްރާފު ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ފައިސާއަށް އެދުނީ އެއް ރެއަށް ވިޔަސް ނިދާލަން ތަނެއް ހިފޭތޯއެވެ. އެހެން ނޫންނަމަ މިރޭ ވެސް އަހަރެން ނިދަން ޖެހޭނީ މަގުމަތީގައެވެ. އެހެން ނިދަން އޮންނަ ބައެއް ރޭ ރޭ ކުއްތާތައް އަހަރެން ފަހަތު އަޅުވާލައެވެ. އެހެންކަމުން އޭގެން ސަލާމަތް ވެވޭތޯ އެތައް ހިސާބަކަށް އަހަންނަށް ދުވަން ޖެހެއެވެ. ވަގުންނާއި ފޭރޭ މީހުން ވެސް އުޅޭތީ، އަހަރެން ނިދާލަން ހޯދަން ޖެހެނީ އެމީހުންގެ އުނދަގުލެއް ވެސް ނުފޯރާނެ ފަަދަ ހިސާބެކެވެ. އަހަރެންފަދަ މީހަކަށް މިއީ ފަސޭޙަކަމެއް ނޫނެވެ.'

އޭނާގެ އެވާހަކަތަކުން އަހަރެންގެ ދެ ލޯ ވެސް ހުޅުވުނެވެ. އެކަމަށްޓަކައި އޭނާއަށް ޝުކުރު އަދާ ކުރީމެވެ. އެއީ ދިރިއުޅުމާމެދު ވަރަށް މުހިންމު ފިލާވަޅެއް އަހަންނަށް ދަސްކޮށްދިނީތީއެވެ. އޭނާއަށް ފައިސާކޮޅެއް ދީފައި އެތަނުން އަހަރެން ދިޔައީމެވެ.

އަހަރެން އެތަނުން ދިޔައީމެވެ. ނަމަވެސް އޭނާގެ އެވާހަކަތަށް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނާގެ އެވާހަކަތަކުން އެތައް އިބުރަތްތަކެއް ލިބުނެވެ. އަހަރެން އެންމެ ފުރަތަމަ އޭނާއަށް ކާއެއްޗެހި ދިއްކުރީ އޭނާއަށް އެހީތެރިވުމުގެ ގޮތުންނާއި އަހަރެން ވެސް އެެކަމާމެދު ފަޚުރުވެރި ވުމަށެވެ. އޭނާ އެތަކެތީގައި ނުހިފުމުން އަހަންނަށް ނުރުހުން ވެވުނީ އެހެންވެގެން ކަންނޭނގެއެވެ. އެކަމުން އަހަންނަށް ދަސްވީ މީހަކަށް އެއްޗެއް ދޭއިރުވެސް ނިޔަތް ރަނގަޅު ކުރަން ޖެހޭނެކަމެވެ.

ދެން އޭނާއާމެދު އަހަންނަށް ދެކެވުނު ނުބައި ގޮތެވެ. އޭނާއަކީ ނުބައި ބޭނުންތަކަށް ފައިސާ ހޯދަން އުޅޭ މީހެއް ކަމަށް ނިންމެވުނީއެވެ. މިއީ ވެސް އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރެވޭ ނުރަނގަޅު ކަމެކެވެ. ހަގީގަތް ނޭނގިހުރެ މާއަވަހަށް މީހުންނާމެދު ގޮތް ނިންމާލެވުމެވެ.

އެއަށްފަހު އޭނަގެ ވާހަކައިން ލިބުނު އިބްރަތެވެ. އޭނާ ބޭނުންވިނަމަ އަހަރެން ދިން ކާއެއްޗެހި ވެސް ކޮތަޅަށް ލައިގެން އުޅެވުނީހެވެ. އަހަރެން ހިތްހަމަ ޖައްސާލަން ވެސް އޭގައި ހިފުނީހެވެ. އެކަމަކު އެފަދައިން އޭނާ ކަންތައް ކުރިނަމަ ދެން ފަހުން އޭނާއަށް ޖެހޭނީ ބޮޑު ތަކުލީފަކާއެވެ. އެއީ އޭނާގެ ހާލު އޭނާއަށް އެނގޭތީއެވެ. އޭނާއަށް އެތަކެތި އެއްކޮށް ހުސް ނުކުރެވޭނެކަން އެނގޭތީއާއި، އޭރުން ފަހުން އެއްބައި އުކާލަން ޖެހޭނެތީއެވެ. ކާއެއްޗެހި އުކާލުމަކީ އޭނަފަދަ ހާލުގައި އުޅޭ މީހަކު ވަރަށް ހިތްދަތި ވާނެ ކަމަކަށްވާތީއެވެ. އަދި ކާއެއްޗެހީގެ މުހިންމުކަމާއި އިސްރާފު ނުކުރުމުގެ މުހިންމުކަން އޭނާއަށް ވިސްނޭތީއެވެ.

އޭނާ ބޮޑަށް މަސައްކަތް ކުރީ މީހުންގެ ކިބައިން އޯގާތެރިކަން ހޯދުމަށެވެ. އެއީ އެހެންމީހުން ރޭގަނޑު އަރާމު ނިދީގައި ތިބި ކަމުގައި ވިޔަސް، އޭނާގެ ދިރިއުޅުން އެގަޑީގައި ވެސް ނުރައްކަލަކަށް ވެއްޓޭތީ އެނުރައްކަލުން ސަލާމަތް ވުމަށެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!