ޚަބަރު

ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ފަސްޓް ލޭޑީއަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެމް މުނީރު އޭ ސަފިލްޑިން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވީ މިއަދު ހެނދުނު ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.

Ads by Sosun Fihaara

މި ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުންނާއި ޑރ. މުނީރު ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި، ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ވަކިން ޚާއްޞަކޮށް އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވަނީ، ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ ހައިސިއްޔަތުން ޑރ. މުނީރު ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާ، އެ ކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، އެ ޖަމިއްޔާގެ އެޑްވޮކޭޓް ފޮރ ޗިލްޑްރަންސް ރައިޓްސްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތު ފާހަގަ ކުރައްވާ، އެއީ އެ ކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.

އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤާނޫނީ ގޮތުންނާއި، އިޖުތިމާޢީ ދާއިރާއިން، އަދި މިފަދަ ކަންކަމާމެދު މުޖުތަމަޢުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ، އެ ކަންކަން އިތުރަށް ހަރުދަނާކުރަން ޖެހޭކަން ފަސްޓް ލޭޑީ ފަޒްނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، މި ކަމުގައި މުޅި މުޖުތަމަޢުގެ ދައުރު އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވެސް އެ ކަމަނާ ވާހަކަފުޅު ދައްކަވާ ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ޑރ. މުނީރަށް ފަހު ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި ވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. މުނީރު ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ޔުނިސެފްގެ ޗައިލްޑް ރައިޓްސް އެޑްވޮކޭޓްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ކަންކަން އިޞްލާޙުކޮށް އިތުރަށް ހަރުދަނާ ކުރުމަށް ޔުނިސެފްއިން ކުރަމުންދާ މަސައްކަތްތަކަށް އެ ކަމަނާ ދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވަކީން ޚާއްޞަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ޔުނިސެފްއާ ގުޅިގެން އެ ކަމަނާ އަދާ  ކުރެއްވި ދައުރު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!