ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: މަރުގެ ވަގުތު ޖެހިއްޖެކަމަށް ހީވި އަންހެނަކަށް ކުރެވުނު އިހްސާސްތަކާއި އޭނާކުރި ދުޢާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

“އެރެއަކީ އަހަރެން ވަރަށް ބިރުގަތް ރެއެކެވެ. އަދި އަހަރެންގެ ޙަޔާޔަށް ބޮޑެތި ބަދަލުތަކެއް ވެސް އެއަށްފަހު ގެނުވި ރެއެކެވެ. ހީވީ އަހަރެންގެ ފުރާނަ ހަމަ ދެންމެ ދެންމެ އަހަރެންގެ ހަށިގަނޑާ ވަކިވަނީ ހެންނެވެ. އެވަގުތު ހިތަށް އެރި ހުރިހާ އެއްޗެއް ހިއްސާ ކޮށްލާނަމެވެ.

Ads by STELCO

ފިލްމަކަށް ގޮސްފައި އެރޭ އަހަންނަށް ގެއަށް އާދެވުނީ ވަރަށް ދަންވަރުއެވެ. ގެއަށް އައިސްފައި ވެސް ނިދި ނާންނާތީ އުޅެވުނީ ފޭސްބުކްއަށް ވަދެ ސަކަރާތް ޖަހާށެވެ. ފިލްމަށް އަވަހަށް ދާން ވެގެން، ދެވުނީ ޢިޝާ ނަމާދު ވެސް ނުކޮށް ކަމެއް ހަނދާނެއް ނެތެވެ. ވާނީ ވެސް އެހެންތާއެވެ. އަހަންނަކީ އެއިރު އަބަދުވެސް ނަމާދަށްވުރެ އެހެން ކަންކަން އިސްކޮށް ނަގާ، ހިތަށް އެރި ވަގުތަކު ނަމާދު ކުރި މީހެކެވެ.

އަހަރެން އެގޮތުގައި ސަކަރާތް ޖަހަން އިންދާ ފާޑެއްގެ ގޮތެއް ވާން ފެށިއެވެ. މުޅި މީހާގެ ގައިން ވަރު ދޫވާން ފެށިއެވެ. ހަށިގަނޑު އެއްކޮށް އައްސިވެފައި ހުރި ފަދަ އެވެ. ނޭވާލާން ވެސް ދަތިކަމެއް ހުރިކަން އިޙްސާސް ކުރެވުނެވެ. ފެންފޮދެއް ބޯލުމުން ރަނގަޅު ވެދާނޭ ހީވެ، ފެންބޯން ތެދުވިއިރު މޫނު މައްޗަށް އަނދިރިވިއެވެ. ނަސީބަކުން އެއްވެސް ތަނަކަށް ނުވެއްޓެއެވެ. އަނދިރިކަން ވެރިވީ ކުޑަ ސިކުންތު ކޮޅަކަށެވެ. ނަމަވެސް ގައިގާ އެހާ ވަރެއް ނެތްކަން އިޙްސާސް ކުރެވުނެވެ. ނޭވާލުމުގެ ދަތިކަން އިންތިހާއަށް ބޮޑުވަމުން ދިޔައެވެ.

އިރު ކޮޅަކު އަރާމު ކޮށްލަން އޮށޯވެލީމެވެ. ނަމަވެސް އެއްވެސް ލުޔެއް ނުލިބުނެވެ. ވަރަށް ގަދަޔަށް މޭގައި ރިއްސިއެވެ. ގައި އެއިރުވެސް ހުރީ ވަރުދޫވެ، އައްސިވެފައި ހުންނަފަދަ ގޮތަކަށެވެ. އަހަންނަށް ހީވީ އަހަރެންގެ އަޖަލު ދުނިޔޭގައި ހަމަވީ ހެންނެވެ. ލޯމަރައިންގެން އޮތް އިރު، ހަށިގަނޑަށް އަޅަމުން ދިޔަ ވޭން އިޙްސާސްވެ ވަރަށް ބޮޑަށް ހިތް ބިރުގަންނަން ފެށިއެވެ. ފާޑުފާޑުގެ ޚިޔާލުތައް ހިތާއި ސިކުނޑިއަށް ވެރިވަމުން ދިޔައެވެ.

‘މިރޭ މިހެން އޮވެ އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ ދެ ކުދިންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ބައްޕައެއްގެ އެހީތެރި ކަމަކާއި ނުލާ އަހަރެން ބޮޑު ކުރަމުން އަންނަ ދެ ދަރިން، އަހަރެން ނެތް ދުނިޔެއެއްގައި ބަލާނީ ކާކު ހެއްޔެވެ؟ އެކުދިންނަށް ގިނަ ކަންކަން އަދިވެސް ހުރީ ދަސްކޮށް ނުދެވިއެވެ. އެކުދިން ބޮޑުވަމުން އަންނަ މަންޒަރު އަހަރެން ބަލަން ބޭނުމެވެ. މަރުވުމަށްފަހު އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކަށްވަޅުގައި ސުވާލު ކުރެވޭނެކަން އަހަންނަށް އެނގެއެވެ. ޖަވާބު ދެވޭނީ މިދުނިޔޭގައި އަހަރެންގެ ޢަމަލުތައް ހުރި ގޮތަކުންކަން އަހަންނަށް އެނގެއެވެ. މިސާލަކަށް އަހަރެން ގާތު އަހަރެންގެ އިލާހަކީ ކޮބައިތޯ އެހުމުން، ޖަވާބު އަހަންނަށް މިބިމުގައި އެނގުނު ނަމަވެސް، އަހަންނަކީ ނަމާދުކޮށް ހެޔޮ ޢަމަލުކޮށް އުޅުނު މީހެއް ކަމުގައި ނުވާ ނަމަ، ކަށްވަޅުގައި އަހަންނަށް ބުނެވޭނީ “ނޭނގެ” މިހެންނެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ހުރި ބިރެއްގެ ބޮޑު ކަމާއެވެ. އެ އަޒާބުތަކުން އަހަރެން ސަލާމަތް ވާނީ މިބިމުގައި އަހަންނަށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކުން އެކަންޏެވެ. ސުވާލަކީ، އެވަރަށް އަހަންނަށް ހެޔޮ ޢަމަލު ކުރެވިއްޖެ ބާއެވެ؟ އަހަރެން މަރުވުމުން ވެސް ރޯނެ ބަޔަކު ތިބޭނެކަން ޔަޤީނެވެ. އެކަމަކު ކިިހާ ދުވަހަކަށް ހެއްޔެވެ؟ ދުވަސް ކޮޅަކުން އެމީހުން އަހަރެންގެ މަތިން އެވަރަށް ހަނދާނެއް ނުވާނެއެވެ. އަހަރެން މަރުވުމުން، އަހަންނަށް ސަލާމަތްކަން ލިބުމަށް އެދި ދުޢާ ކުރާނީ ކިތައް މީހުން ބާއޭ ހިތަށް އަރައެވެ. މަރުވުމަށްފަހު އަހަރެން ލޯބިވާ މީހުން އުޅޭ ގޮތް އަހަންނަށް ފެނި، އަހަންނަށް އެނގޭނެ ބާއެވެ؟ ހިއެއް ނުވެއެވެ. މަރުވުމަށްފަހު މިދުނިޔެމަތިން އިވޭނެ އެންމެ ފަހު އަޑަކީ، ވަޅުލުމަށްފަހު އެންމެން އެނބުރިދާ ފިޔަވަޅުތަކުގެ އަޑޭ، އަހަރެން ގާތު މީހަކު ވަނީ ބުނެފައެވެ. އެހެންކަމަށްވާ ނަމަ އަހަރެން ލޯބިވާ މީހުން އުޅޭ ގޮތް އަހަންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ދަރިންގެ ޙާލެއް ވެސް އަހަންނަކަށް ނޭނގޭނެ ބާއެވެ؟ ހުރި ހިތާމަ އެއްގެ ބޮޑު ކަމާއެވެ.’

މިފަދަ ޚިޔާލުތަކެއް ހިތަށް ވެރިވަމުން ދިޔަވަރަކަށް އަހަރެންގެ ޙާލު ދެރަވިއެވެ. ނަމަވެސް ދެން ހަނދާންވީ ނަމާދު ކުރާށެވެ. ޢިޝާ ނަމާދު ނުކުރެވޭކަން ވެސް ހަނދާންވިއެވެ. އަދި ނަމާދު ކުރާ ކޮންމެ ފަހަރަކު އަހަރެން ހިތްހަމަ ޖެހޭކަން ވެސް ހަނދާންވިއެވެ.

ވަރަށް ހިތްވަރު ކޮށްފައި ވުޟޫ ކޮށްގެން އައިސް ނަމާދު ކުރީމެވެ. އަދި މާތް ރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށް އާދޭސް ދެންނެވީމެވެ. ދުޢާ ކުރިއިރު ހުއްޓުމެއް ނެތި އަހަރެންގެ ދެ ލޮލުން ކަރުނަ ފޫދެމުން ދިޔައެވެ.

‘ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މިއަޅާ އަށް މިރޭ މިހީވާ ހީވުމަކީ ކުށްހީއެއް ކަމުގައި ލައްވަވާފާނދޭވެ. މިއަޅާގެ ދިރިއުޅުން މިއަށްވުރެ ރަނގަޅު ކުރަން، އަދި މަރަށް ފުރިހަމައަށް ތައްޔާރުވެ ހުންނަން މިއަޅާއަށް އެއް ފުރުސަތު ދެއްވާފާނދޭވެ. މިއަޅާ މިދުނިޔެއިން ވަކިވުމުގެ ކުރިން މިއަޅާގެ ދަރިންނަކީ ވެސް ޞާލިޙު އަޅުންތަކެއް ކަމުގައި ހެއްދަވާ އެކުދިންނަށް އިސްލާމީ ޢަޤީދާއިން ފުރިހަމަ ރަނގަޅު ތަރުބިއްޔަތެއް ދެވުމުގެ ފުރުސަތު ވެސް ދެއްވާފާނދޭވެ. މަރަކީ ކޮންމެ އިންސާނަކަށް ވެސް އަންނާނޭ އެއްޗެއްކަން މިއަޅާއަށް އެނގޭ. އަދި މިދުނިޔޭގައި ކޮންމެ އެއްޗަކީވެސް ނެތި ފަނާވެގެންދަނިވި އެއްޗެއްކަން މިއަޅާއަށް އެނގޭ. ނަމަވެސް މަރުދެކެ މިއަޅާ ބިރު ގަނޭ. މަރުވުމުން ދެން ކަންތައްވެދާނެ ގޮތް ހިތަށް އެރުމުން ބިރުން ގޮސް ރޮވޭ.

މިއަޅާގެ ދަރިންނަށްޓަކައި މިއަޅާ ވަރަށް ފޮނި އުއްމީދު ތަކެއް ކުރަމު. އެދަރިންނަކީ ހެޔޮ ލަފާ ޞާލިޙު ދަރިންތަކެއްގެ ގޮތުގައި ބޮޑުކުރަން މިއަޅާ ބޭނުން. އެއްވެސް ދެރައެއް އެދަރިންނަށް ލިބެން މިއަޅާ ނޭދެން. މިއަޅާ ނެތް ދުވަހަކުން އެކުދިންނަށް ވެދާނެ ގޮތަކާ މެދު މިއަޅާ ކަންބޮޑުވޭ. މިއަޅާއަށް ފުރުސަތެއް ދެއްވާފާނދޭވެ. މުސީބާތެއް ޖެހުމުން ނުވަތަ ބިރު ގަތުމުން މެނުވީ އިބަ ރަސްކަލާނގެ މަތިން ހަނދުމަ ނުވުމަކީ މިއަޅާގެ ވެސް ނުކުޅެދުންތެރިކަން. މިއަޅާގެ ފާފަ ފުއްސަވާދެއްވާ، މިއަޅާގެ މިދުޢާގެ އަޑު އައްސަވާދެއްވާފާނދޭވެ. ހަމަ ކަށަވަރުން އިބަ ރަސްކަލާނގެއީ ހުރިހާ ކަމަކަށްވެސް އެންމެ ކުޅަދުންވަންތަ އެންމެ އޯގާ ވަންތަ ރަސްކަލާނގެ’

މިފަދައިން ދުޢާ ކުރުމަށްފަހު ޤުރުއާން ވެސް ކިޔެވީމެވެ. ކިޔަވާ ނިމުނުއިރު، އަހަރެންގެ ޙާލު ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅެވެ. އެއްވެސް ބިރުވެރި ކަމެއް ހިތަކު ނެތެވެ. އަހަރެން ހުރީ ހިތްހަމަޖެހި އުފާވެފައެވެ. ނޭވާ ވެސް ރަނގަޅަށް ލެވެއެވެ. އަލްޙަމްދުލިﷲ!

ނަމަވެސް އޭގެފަހުން ދުވަހަކު ވެސް ނަމާދެއް ނާޅަމެވެ. ނަމާދަށްވުރެ އިސްކޮށް އެހެން ކަމެއް ވެސް ނުނަގަމެވެ. އެނަމާދެއް އެވަގުތެއްގައި އަދާ ކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދިނީމެވެ. އަހަރެންގެ ދަރިން ލައްވާ ވެސް ނަމާދު ކުރުވަން ފެށީމެވެ. އެރޭ އަހަރެން ގަތް ބިރުވެސް ހަނދާނެއް ނުނެތެއެވެ. ހަނދާން ނެތޭކަށް ބޭނުމެއް ވެސް ނޫނެވެ. އަބަދުވެސް މަރަށް ތައްޔާރުވެ ހުންނަން ބޭނުމެވެ.”

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!