ބޮލީވުޑް މުނިފޫހިފިލުވުން

ކަންގްނާ ރިތިކަށް: ކުޑަކުޑަ "އެފެއާ" އެއް ނިމިގެން ކީއްވެ ތިވަރަށް ތިރޮނީ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފާހަގަ ކޮށްލެވޭ ގޮތުގައި ބޮލީވުޑްގެ ގިނަ ތަރިންނަކީ އެކަކު އަނެކަކާއެކު ހީލާފައި ފޮޓޯ ނެގިޔަސް، އެކަކު އަނެކަކު ދެކެ އިންތިހާއަށް ރުޅި ވެރިކަމާއި ވާދަވެރިކަން ވެސް އޮންނަ ބައެއް ކަމަށް ފާހަގަ ވެއެވެ. އެފަދައިން ފާހަގަ ކޮށްލެވޭ އެއް ތަރިއަކީ ފިލްމު "ގޭންގްސްޓަރ" އިން ބޮލީވުޑަށް ތަޢާރަފްވި ކަންގްނާ ރަނާވަތުއެވެ.

Ads by Sosun Fihaara

ކަންގްނާ އާއި މައްސަލަ ނުޖެހޭ މީހުންނަށްވުރެ ގިނައީ އޭނާއާ ކޮންމެވެސް ހިތްހަމަ ނުޖެހުމެއް އުފެދިފައި ތިބި މީހުންކަން ފާހަގަވެއެވެ. ޕްރިޔާންކާ ޗޯޕްރާ، ކަރީނާ ކަޕޫރް ޚާން، އުރްމީލާ މަޓޯންޑްކަރް، ދިލްޖިތު، މަހޭޝް ބަޓް، އަދިތްޔަ ޗޯޕްރ، ކަރަން ޖޯހަރްގެ އިތުރުން ބޮލީވުޑްގެ ސުޕާސްޓާ ރިތިކް ރޯޝަންއާ ވެސް ކަންގްނާ ވަނީ މައްސަލަ ޖެހިފައެވެ.

އެގޮތުން 2016 ވަނަ އަހަރު ރިތިކް ރޯޝަން އާއި ކަންގްނާއާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހުނެވެ. ކަންގްނާ ބުނާ ގޮތުންނަމަ އެދެމީހުން ލޯބީގެ ގޮތުން ކުރިން ގުޅިގެން އުޅުނެވެ. ނަމަވެސް ކައިވެނީގެ ވާހަކަ ދެއްކި ހިސާބުން ރިތިކް ގުޅުން ކަނޑާލި ކަމަށް އޭނާ ބުންޏެވެ.

ކަންގްނާގެ މިވާހަކަތައް ރިތިކް ދޮގު ކުރަމުން އޭނާ ބުނީ ކަންގްނާ އޭނާއާ "އަޅައިގަނެގެން" ސަތޭކަ އެއްހާ އީމެއިލް އޭނާއަށް ފޮނުވި ކަމަށެވެ.

ކަންގްނާ މިކަމާ ގުޅޭގޮތުން ބުނީ އެންމެ ފުރަތަމަ އޭނާ ކައިރީ އާދޭސް ކޮށްފައި މެއިލް ފޮނުވީ ރިތިކް ކަމަށެވެ. ނަމަވެސް އެކަން ވެސް ރިތިކް ދޮގު ކޮށްފައި ކަންގްނާ އޭނާއަށް އެހާ ގިނަ މެއިލް ފޮނުވި މައްސަލަ ވަނީ ސައިބަ ސެލް އަށް ހުށަހަޅާފައެވެ. މިކަމާއި ގުޅޭގޮތުން ކަންގްނާ އެސެންޓަރަށް އެއްފަހަރު ހާޒިރު ވެސް ކުރިއެވެ.

ނަމަވެސް އޭގެ ފަހުން މިކަމުގެ އެއްވެސް ވާހަކައެއް ވެސް ނުދައްކައެވެ. އެހެންކަމުން އެންމެންނަށް ވެސް ހީވީ ރިތިކް އާއި ކަންގްނާއާ ދެމެދު ޖެހުނު މައްސަލައިގެ ހޫނުކަން ފިނިވީ ކަމަށެވެ. ނަމަވެސް އެކަންވީ ކުށްހީ އަކަށެވެ.

ރިތިކް ރޯޝަން ހުށަހެޅި އެމައްސަލަ ނުބެލި ގިނަ ދުވަސްވާތީ އޭނާގެ ޝަކުވާ ލިބެމުންދާ ކަމަށް ބުނެ ސައިބާ ސެލް އިން އެމައްސަލަ މިހާރު ވަނީ ކްރައިމް ބްރާންޗް ގެ ސީއައިޔޫއާ ހަވާލު ކޮށްފައެވެ.

މައްސަލަ އަނެއްކާވެސް ފެންމަތި ވެއްޖެކަން އެނގުމުން ކަންގްނާ އަނެއްކާ ވެސް ވަނީ އޭނަގެ ރުޅިގަނޑު ޓްވިޓާގައި ބާލުވާލާފައެވެ. ކަންގްނާ ބުނީ އެއީ ރިތިކް ކުޅޭ ޑްރާމާއެއް ކަމަށާއި ކޮންމެ ފަހަރަކު ވެސް ކަންގްނާ އޭނަގެ އަމިއްލަ ދިރިއުޅުމައިގެން އުފަލުގައި އުޅެން ފަށާއިރަށް ރިތިކް އޭނަގެ ޑްރާމާ ފަށާ ކަމަށެވެ.

"ކުޑަކުޑަ އެފެއާއަކާ ހެދި ތިވަރަށް ތިރޮނީ ކީއްވެ؟" ކަންގްނާ ސުވާލު ކޮށްފައި ވެއެވެ.

މި ދެ ތަރިންގެ ކޯޅުންގަނޑު މިފަހަރު ދާނީ ކިހާ ހިސާބަކަށްބާއޭ އެންމެން ވެސް ހިތަށް އަރަމުންދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!