ހަގީގީ ހާދިސާ ލައިފްސްޓައިލް

ބިރުވެރި ވާހަކަ: ހާމައަށް ހުރި ގިފިއްޔެއްގައި ފެންވެރި ކުއްޖެއްގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ގޫގްލް/ލާފެން

"ކޮއްކޮ އަކީ އަބަދުވެސް ދެ ނަމާދު ދޭތެރޭ ވަގުތުގައި ފެންވަރަން އާދަވެފައި ހުންނަ ކުއްޖެކެވެ. އެކަން އެގޮތަށް ނުކުރުމަށް މަންމަމެން އަބަދުވެސް ނަސޭޙަތް ދެމުން ދިޔައެވެ. ނަމަވެސް ގިނަ ރޭ ރޭ ކޮއްކޮ ފެންވަރަނީ ހަމަ އެގަޑީގައެވެ.

Ads by STELCO

އަހަރުމެންގެ ގޭގައި ގިފިއްޔަކާއި ފާޚާނާއެއް ހުރެއެވެ. ހާމައަށް އޮންނަ ގިފިލީގައި ވަޅެއް ބަހައްޓާފައި ހުންނައިރު، އެއްޗެހި ދޮންނަން މެޝިނު ވެސް ހުންނަނީ އެތަނުގައެވެ. މެޝިނަށް ފެން އަޅަން އިސްކުރެއް ވެސް ބަހައްޓާފައި ހުރެއެވެ. އަހަރުމެން އެންމެން ވެސް ފެން ވަރަނީ މަންމަ ކޮޓަރީގައި ހުންނަ ފާޚާނާއިންނެވެ. އިރުއޮއްސުމަށްފަހު ގިފިއްޔަށް ވަނުން ވެސް މަންމަ އޮންނަނީ މަނާ ކޮށްފައެވެ.

އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. ކޮއްކޮ ބޭނުންވީ ފެން ވަރާށެވެ. އެދުވަހު މަންމަ އާއި ބައްޕަ ވެސް ގެއަކު ނެތެވެ. އެވަގުތު ގޭގައި ތިބީ އަހަންނާއި ކޮއްކޮ އެކަންޏެވެ. އަހަރެން އެވަގުތު ފާޚާނާ ގައި އުޅޭތީ މަޑުކޮށްލަން ބުނީމެވެ. ނަމަވެސް ކޮއްކޮ ބޭނުންވީ އަވަހަށް ފެން ވަރަައިގެން ބޭރަށް ދާށެވެ. އެހެންވެ އަހަންނަށް ނުވެސް އެނގި ކޮއްކޮ ގޮސް ގިފިއްޔަށް ވަދެ ފެންވަރަން ފެށިއެވެ.

އަހަރެން ފާޚާނާއިން ނިކުތްއިރު ކޮއްކޮ ފެންނަން ނެތިގެން ގިފިލީގައި ވަޅުން ފެން ނަގާ އަޑު އިވިގެން ވަރަށް ހިތް ބިރުގަތެވެ. ދޮރު ކައިރިއަށް ގޮސް، އަވަހަށް ނިކުންނާށޭ ގޮވާ ހަޅޭލަވަން ފެށީމެވެ. ކޮއްކޮ ވެސް ނިކުތެވެ. ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތި، ފާޑަކަށް ހެވިފައި ހުރެ ހާސް ނުވެ ބަލާށޭ ބުނެ އޭނަގެ ތުވާލި އަހަރެންގެ ކޮނޑުމައްޗަށް އެއްލާފަ ދިޔައެވެ. ކޮއްކޮ އެދުނީ އޭނަ އެގަޑީގައި ގިފިލިން ފެންވެރި ވާހަކަ މަންމަމެން ކައިރީ ނުބުނާށެވެ. މަންމަމެން ހާސް ނުކުރަން ވެގެން އަހަރެން ވެސް އެވާހަކަ ސިއްރު ކުރީމެވެ.

އެރޭ ކޮއްކޮ ރަށްޓެހިންނާއެކީ ބޭރަށް ގޮސްފައި ވަރަށް އަވަހަށް ގެއަށް އައެވެ. ގެއަށް އައިއިރު ހުރީ ވަރަށް ހާސް ވެފައެވެ. ނަމަވެސް ކިހިނެއްވީ ކަމެއް އަހާއަހާ ވެސް ނުބުންޏެވެ. ބޭނުން ވަނީ އަވަހަށް ނިދަން ކަމަށް ބުނެ ނުވައެއް ވެސް ނުޖަހަނީސް ނިދައިފިއެވެ. އަހަރެން ވެސް އޭގެ އިރުކޮޅެއް ފަހުން ނިދީއެވެ.

ނަމަވެސް އެރޭ ދަންވަރު އަހަންނަށް ހޭލެވިގެން ބަލާލިއިރު ކޮއްކޮ ހުރީ ކޮޅަށް ތެދުވެ، އަހަންނަށް ފުރަގަސް ދީގެންނެވެ. އެހެން ހުރެފައި މަޑުމަޑުން ދޮރާ ދިމާލަށް ހިނގަން ފެށިއެވެ. ދަނީ ކޮންތާކަށްތޯ އަހާއަހާ ވެސް ޖަވާބެއް ނުދިނެވެ. ކޮޓަރިން ނިކުމެގެން ކޮއްކޮގެ މިސްރާބު ހުރީ ގިފިއްޔާ ދިމާލަށްކަން އަހަންނަށް އެނގުނެވެ. ގަތް ބިރުން އަވަހަށް އޭނަގެ އަތުގައި ހިފާ ހުއްޓުވީމެވެ. އަދި އަވަހަށް ކޮޓަރިއަށް ވެއްދީމެވެ.

ކޮއްކޮއަށް ކަމެއް ވެއްޖެހެން ހީވާތީ މަންމަމެންނަށް ވެސް ގޮވާފައި ވެގެން އުޅޭ ގޮތް ކިޔައި ދިނީމެވެ. އެހުރިހާ ވާހަކައެއް ދެއްކިއިރު އެއްވެސް އެއްޗެކޭ ނުބުނެ ގަބުވެފައި އިންހެން އެނދުގައި އިށީންދެގެން ކޮއްކޮ އިނެވެ. އަދި ފަތިސް ނަމާދަށް ބަންގި ގޮވުމުން އޮށޯވެ ނިދިއެވެ.

މިފަަދައިން ކަންތައްވަމުންދާތާ ދެ ރޭ ފާއިތުވިއެވެ. ދުވާލު ގަޑީގައި ވެސް މީހުންނާއި ކޮއްކޮ ވާހަކަ ދައްކާ އުޅުނީ ވަރަށް މަދުންނެވެ. އެހެން އިނދެފައި ބިރުން ރޯން ފަށައެވެ. އަދި ދުވާލު ގަޑީގައި ގިފިލި ދެކެ ވަރަށް ބިރުން ވެސް އުޅުނެވެ. ނަމަވެސް ދަންވަރު އުޅުނީ އެތަނަށް ނުވަދެވިގެންނެވެ.

ކޮއްކޮއަށް ވެގެން އުޅޭ ގޮތެއް ކިޔައި ނުދީގެން އަހަރެން ގަސްދުކުރީ އޭނަގެ އެކުވެރިންނާ ސުވާލު ކުރާށެވެ. އެހެންވެ ކޮއްކޮ ގެ އެންމެ ގާތް އެކުވެރިޔާއާ އެރޭ ކަންތައްވީ ގޮތާ ބެހޭގޮތުން ސުވާލު ކުރީމެވެ. އެކުއްޖާ ބުނީ އެ ދެމީހުންނާއި އިތުރު ދެ ފިރިހެން ކުއްޖަކު އަތިރިމަތީގައި ގައިގޯޅި ވެގެން ތިއްބާ ކޮއްކޮއަށް ގަސްތަކު ތެރެއިން އެއްޗެއް ފެނިގެން ހަޅޭލަވައިގަތް ކަމަށެވެ. އެހެން ކުދިންނަށް އެނުފެނުނު ކަމަށާއި ނަމަވެސް ކޮއްކޮއަށް ފެނިގެން ކައިރިއަށް އެބަ އާދެއޭ ބުނި ކަމަށާއި އޭތި ބޭނުންވަނީ ކޮއްކޮ ގެންދާށޭ އަވަހަށް ގެއަށް ހިނގާށޭ ވެސް ބުނިކަމަށް އެކުއްޖާ ބުންޏެވެ. ކޮއްކޮ އެރޭ އަވަހަށް ގެއަށް އައި ސަބަބާއި ގިފިއްޔަށް ދަންވަރު ވަންނަން ބޭނުންވި ސަބަބު އެހިސާބުން އަހަންނަށް ވިސްނުނެވެ.

އެދުވަހު އަހަންނަށް ގެއަށް އާދެވުނުއިރު ކަންތައްތައް ވަނީ ވަރަށް ގޯސް ވެފައެވެ. އެއިރު ގަޑިން އިރުއޮއްސި ހަތެއް ޖަހަނީއެވެ. އަހަރެން ގެއަށް އައި އިރު ކޮޓަރީ ތެރޭގައި އަވަށްޓެރި ބަޔަކު ތިއްބެވެ. މަންމަ އާއި ބައްޕަވެސް ތިބީ އަހަރުމެންގެ ކޮޓަރީތެރޭގައެވެ. ކޮއްކޮގެ އެނދުގައި އިށީންދެގެން އިނދެ މަންމަ ވަރަށް ރުޔެވެ. އެނދުގައި ކޮއްކޮ އޮތީ ބަނދެފައެވެ. އަހަންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.

ކޮއްކޮ އެއްވެސް ހަރަކާތެއް ނުކުރެއެވެ. ވެގެން އުޅެނީ ކީއްކަމެއް ނޭގިގެން މަންމަމެންނާ ސުވާލު ކުރަން އުޅެނިކޮށް ކުއްލިއަކަށް ކޮއްކޮ ހަޅޭލަވަން ފެށިއެވެ. މަންމާއޭ އެހެރީ ތިމަންނާ ބަލާއައިހޭ، މިފަހަރު ގެންދާނޭ ގޮވަން ފެށިއެވެ. އަދި އިރުކޮޅެއް ނުވެ އަތް މުހެވޭތޯ މަސައްކަތްކޮށް ބިރުވެރި އަޑުތަކެއް ވެސް ލައްވަން ފެށިއެވެ. ވަރަށް މަސައްކަތުން އެއަތް މުހެވުމާއެކު ކޮއްކޮ އަމިއްލައަށް ކޮއްކޮގެ ޖިންސީ ގުނަވަނެއްގައި ހިފިއެވެ. އެއިރު ކޮއްކޮގެ ދެ ލޮލުގެ ކަޅިއެއް ނުފެނެއެވެ. ބިރުވެރި އަޑުފައްގަނޑު އެއިރު ވެސް އަނގައިން ގޮއްވިއެވެ.

އެތަނުގައި ތިބި މީހުންނާއި ބައްޕަ އަަވަހަށް ގޮސް ކޮއްކޮގެ އަތުގައި ހިފަހައްޓާ، ވަރަށް އުނދަގުލުން އަނެއްކާވެސް އޭނަގެ އަތް ބަނެވެ. އެކަމަކު ކޮއްކޮ ކިޔަމުންދިޔަ އެއްޗެހި ހުއްޓައެއް ނުލައެވެ. އެންމެންނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުން ބުނީ އޭގެން އެކަކަށް ވެސް ކޮއްކޮ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

އެރޭ ޢިޝާ ނަމާދަށްފަހު ރަށު މުދިމު ގެއަށް ދިޔައެވެ. މުދިމަކީ ކޮންމެވެސް ވަރަކަށް ރުޤްޔާ ކުރާ މީހަކަށްވާތީ އޭނާ ކޮއްކޮ މެދުވެރިކޮށް ކޮއްކޮގެ ހަށިގަނޑު ތެރޭގައި އުޅޭ ޖިންނި އާއި ވާހަކަ ދެއްކޭތޯ ބެލިއެވެ. ކޮއްކޮގެ ހަށިގަނޑު ތެރެއަށް ވަނީ ކީއްވެތޯ އާއި ބޭނުންވަނީ ކޮން ކަމެއްތޯ އެހުމުން އޭތި ބުނީ، ބޭނުންވަނީ ކޮއްކޮ އާއެކީ އަބަދުވެސް ޖިންސީ އުފާ ކޮށްލަކޮށްލާ ހުންނަން ކަމަށާއި ހަށިގަނޑަށް ވަނީ އެއެއްޗާއި އެއްކޮށް ކޮއްކޮ ނުދިޔުމުން ކަމަށެވެ. ކީއްވެގެންތޯ ކޮއްކޮއާ އަޅައިގަތީ އެހީމަ ބުނީ ގިފިލިން ފެންވެރިއިރު އެއެއްޗަށް ކޮއްކޮ ގެ ހަށިގަނޑު ރީތިވީ ކަމަށާއި އެރޭ ފަހަތުން ދިޔައިރު ކޮއްކޮ އުޅޭގޮތް ފެނުނީމަ ވެސް އިތުރަށް ގާތްވާން ބޭނުންވީ ކަމަށެވެ.

ކޮއްކޮގެ ހަށިގަނޑުން ދާށޭ ބުނުމުން އޭތި އެކަމަށް ދެކޮޅު ހެދިއެވެ. ދާނީ ކޮއްކޮއާ ބެހެވުނީމަ ކަމަށް ވެސް ބުނެ އަނެއްކާވެސް ހަޑިހުތުރު އެއްޗެހި ކިޔަން ފެށިއެވެ.

މުދިންބެ އަހަރުމެންގެ ބައްޕަ ކައިރީގައި ބުނީ އެޖިންނި އަކީ ވަރަށް ބޯހަރު އަދި ވަހުޝީ ޖިންނިއެއް ކަމުން އޭނާއަށް އޭތި ފޮނުވޭނެހާ ބާރު ނެތް ކަމަށެވެ. އެހެން ނަމަވެސް ކައިރި ރަށަކުން ރުޤްޔާ ކުރާ އެހެން މީހެއް ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

އޭގެ އަނެއް ދުވަހުގެ ހަވީރުގެ ވަގުތެވެ. މުޅި އެދުވަހު އެއްކޮށް ކޮއްކޮ އޮތީ އެއްޗެއް ނުކައެވެ. ކާންދޭން އުޅޭއިރަށް ޖިންނި އަހަރުމެން ފައްސާލައެވެ. ކެވޭނީ ވެސް އަތް މުހެލީމަ ކަމަށް ބުންޏެވެ. އެރެއަކީ ކައިރި ރަށުން ރުޤްޔާ ކުރާ މީހާ ވެސް އަންނަން އޮތް ރެއެވެ. ނުކައި އޮތުމުން ކޮއްކޮ ވަރުބަލިވާކަން ވެސް މޫނުމަތިން ފާޅުވާން ހުއްޓެވެ. އެހެންވެ ރުޤްޔާ ކުރާ މީހާ އަންނަ ގަޑި ކައިރި ވުމުގެ ކުރިން ކޮއްކޮގެ އަތް މުހެލާފަ އަހަރެން އުޅުނީ ކާއެއްޗެއް ދެވޭތޯ އެވެ. ނަމަވެސް ދެ އަތް މުހެލުމާއެކީ ވަރަށް ހަލުވިކަމާއެކީ ކޮއްކޮ އަމިއްލައަށް ދެ ފައި ވެސް މުހެލާފަ ވަރަށް ބާރަށް ގެއިން ބޭރަށް ނިކުމެ ދުވެ ފިލައިފިއެވެ. އަހަރުމެން ވަރަށް ހާސް ވިއެވެ.

ކޮއްކޮ ހޯދަން ރަށު އެންމެން އެރޭ ނިކުތެވެ. ރުޤްޔާ ކުރަން އައި މީހާ ވެސް ވަލު ތެރޭގައި އޭނާ ކިޔަމުންދާ އެއްޗެހި ކިޔަމުުން ހިނގިއެވެ. ވަކި ހިސާބަކުން ބިންމަތީގައި އެއްޗެއް އޮތްހެން ހީވެގެން ޓޯޗުން އަލި ކޮށްފައި އަހަރެންގެ ބައްޕަ ބަލާއިރު، އެތަނުގައި އޮތީ އަހަރެންގެ ކޮއްކޮއެވެ. ގައިގައި އެއްވެސް އަންނައުނެއް ނެތެވެ. ކޮއްކޮ އޮތީ ޚަބަރު ހުސްވެފައެވެ. އަހަރުމެންނަށް ކޮއްކޮ ގެ އައުރަނިވާ ކުރެވުނު ގޮތަކަށް ނިވާ ކޮށްގެން އަވަހަށް ކޮއްކޮ ސިއްޙީ މަރުކަޒަށް ގެންދިޔައީމެވެ. ނަމަވެސް.. ވަގުތު ފާއިތު ވެއްޖެއެވެ. ޑޮކްޓަރުން ބުނީ މަރުކަޒަށް ގެންދިޔުމުގެ ކުރިން ވެސް ކޮއްކޮ ވަނީ މިދުނިޔެއަށް އަލްވަދާޢު ކިޔާފަ ކަމަށެވެ."

 

Ads by Ooredoo
  1. ސިޔާން

    ވަރަަައް ސަޅި

  2. ޔިގދހހ

    ކޮއްކޮއަކީ އަންހެން ކުއްޖެއް ކަމެއް ނޫނީ ފިރިހެން ކުއްޖެއް ކަމެއް ނޭނގުނު

  3. މޫސަ

    ތީ ހަގީގީވާހަކައެއްކަމައްވަންޏާ ވަރައްދެރަ އެކަމަކު ވާހަކައެއްނަމަ ވަރައް ސަޅި.