ޚަބަރު

އިބްތިހާލްގެ މަރުގެ މައްސަލައިގައި އާފިޔާއަށް ހުކުމް ކުރުން ހޯމަދުވަހު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވ. ރަކީދޫގައި ރަޙުމްކުޑަ ގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުޙައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމްކުރުމުގެ އަޑުއެހުން މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ.

Ads by Sosun Fihaara

އިބްތިހާލް މަރާލި މައްސަލައިގެ ތުހުމަތު އުފުލާފައި ވަނީ އޭނާގެ މަންމަ އާފިޔާ މުޙައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި އަދި ނޮވެންބަރު މަހުގެ ތެރޭގައި ވެސް އާފިޔާގެ މައްސަލައިގައި ހުކުމް ކުރަން މަސައްކަތް ކުރި ނަމަވެސް މައްސަލައިގެ ހުކުމް އިއްވުން ވަނީ އެކި ސަބަބުތަކާ ހުރެ ލަސްވެފައެވެ.

މި މަހުގެ 14 ވަނަ ދުވަހު އާފިޔާއަށް ވަކީލަކާއެކު ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ދިން އިރު، ހުލާސާ ބަޔާން އިއްވުމަށް މިއަދު ވަނީ އަޑުއެހުމެއް ބާއްވާފައެވެ.

އަޑުއެހުންތައް ނިންމަވާލިކަން އިއުލާނު ކުރައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އާފިޔާއަށް ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން އޮންނާނީ މި މަހުގެ 28ގައި ކަމަށެވެ.

ރަކީދޫގައި އިބްތިހާލް މަރާލާފައި އޮއްވާ ފެނިފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!