ދުނިޔެ

2020 ވަނަ އަހަރު އެންމެ ގިނައިން ގޫގުލް ސާރޗް ކޮށްފައި ވަނީ ކޯޗެއްކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ޒަމާނީ ޓެކްނޮލޮޖީއަށް އައި އިންގިލާބުތަކާއެކު މިއަދު އިންސާނާ ބޭނުންވާ ގިނަ މައުލޫމާތު ތަކެއް އެއް ތަނަކުން ލިބޭ އެކައްޗަކީ ގޫގުލް ކަން ގައިމެވެ.ކިޔަވާ ކުދިންނާއި ނޫސްވެރިން، އަދި ބޮޑެތި ވިޔަފާރިވެރިންނަށް އަދި މި ނޫން ވެސް އެތައް ބަޔަކު ގޫގުލް ބޭނުން ކުރެއެވެ. ގޫގުލްގެ އެހީގައި ނޭނގޭ އެތައް މައުލޫމާތެއް އެނގޭތީއެވެ.

Ads by Sosun Fihaara

2020 ވަނަ އަހަަރު ގޫގުލްއިން އެންމެ ގިނަ ބަޔަކު ސާރޗް ކޮށްފައިވާ ސުވާލަކީ "ކީއްވެ" މި ސުވާލުކަމަށް ގޫގުލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެކި ކަންކަމުގެ ސަބަބު ނުވަތަ މަގުސަދު ހޯދަން ބޭނުންވެފައިވާ އެތައް ބަޔަކު އުޅޭކަން މިކަމުން ސާބިތުވެއެވެ،

ކޮވިޑު-19 އަކީ މުޅި ދުނިޔެ ސިއްސުވާލި ނުރައްކާތެރި ބައްޔެކެވެ. ހަލުވި ކަމާއެކު މުޅި ދުނިޔެއަށް ފެތުރި، އެތައް ބަޔަކު ވަނީި މި ބަލީގެ ޝިކާރައަކަށް ވެ ދުނިޔެ ދޫކޮށްފައެވެ. އެގޮތުން އެތައް ބައެއްގެ ހިތުގައި މި ބައްޔާ ބެހޭ ގޮތުން އެތައް ސުވާލުތަކެއް ވެސް ވަނީ އުފެދިފައެވެ. ޖަވާބު ހޯދަން ބޭނުންވި ކަމުގައި ވީނަމަވެސް މިއަދާ ހަމައަށް ވެސް ޖަވާބު ލިބިފައި ނުވާ އެތައް ސުވާލުތަކެކެވެ. އެގޮތުން ގޫގުލް އިން ބުނެފައިވާ ގޮތުގައި ނިމިގެން މިދާ 2020 ވަނަ އަހަރު އެންމެ ގިނައިން މިހުން ހޯދައިފައިވަނީ "ކީއްވެ" ބޭނުން ކޮށްގެން ކޮވިޑާ ގުޅުން ހުރި ސުވާލުތަކެވެ.

ކޮވިޑް-19އަށް އެ ނަން ކިޔުނީ "ކީއްވެ" ތޯ އެއް ބަޔަކު ސުވާލު ކޮށްފައިވާއިރު އަނެއްބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ ކޮވިޑް-19 ޖެހެނީ "ކީއްވެ" ތޯއެވެ. އަދި އަހަރުގެ ބޮޑު ސުވާލެއްގެ ގޮތުގައި ފެވިގެން ދިޔައީ ކޮވިޑް-19 ފެތުރެން ދިމާވީ "ކީއްވެ"ތޯއެެވެ. ކޮވިޑް-19ގެ ވެކްސިން ބޭނުން ކުރަންވީ "ކީއްވެ" ތޯއެވެ. ކޮވިޑް-19 އިން ރައްކާތެެރިވުމަށް މާސްކު އަޅައި އިޖުތިމާއީ ގައިދުރުކަން ބަހައްޓަންވީ "ކީއްވެ"ތޯއެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބު ގޫގުލް އިން ނުލިބިދާނެއެވެ. ސަބަބަކީ މީގެ ތެރެއިން ބައެއް ސުވާލު ތަކަކީ އަދިވެސް ޖަވާބު ހޯދިފައި ނުވާ ސުވާލު ތަކަކަށް ވާތީއެވެ.

މީހުން ސަބަބު އެނގެން ބޭނުންވީ ކޮވިޑް-19އާ ގުޅުން ހުރި ކަންތައްތަކަކާ ނޫނެވެ. އެމެރިކާގެ ފުލުސް އޮފިސަރެއްގެ ޝިކާރައަށްވެ ދުނިޔެ ދޫކުރި ޖޯޖް ފްލޮއިޑްގެ މަރާއެކު ގިނަ ބައެއްގެ ސަމާލުކަން ގެނުވީ ކަޅު ނަސްލުގެ މީހުންނަށް ތަފާތު ކުރާ ވާހަކައަށެވެ. އެވާހަކައާ ގުޅިގެން ކަޅު ނަސްލުގެ މީހުންނަކީ މުހިއްމު ބަޔަކަށް ވަނީ ކީއްވެތޯ ވެސް ގިނަ ބަޔަކު ގޫގުލް ސާރޗް ކޮށްފައިވެއެވެ. އަދި ދުނިޔޭގައި ރޭސިޒަމް އެހާ ގިނައީ "ކީއްވެ" ތޯ އަދި ޖޯޖް ފޮލްއިޑް މަރާލީ "ކީއްވެ"ތޯ ވެސް ގިނަ ބަޔަކު ސުވާލު ކުރިއެވެ.

އާންމު ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ބެހޭގޮތުން ވެސް މީހުން ސުވާލު ކޮށްފައިވެއެވެ. އެގޮތުން ނުނިދެނީ "ކީއްވެ"ތޯ އާއި ކާހިތް ނުވަނީ "ކީއްވެ" ތޯ އާއި ކަމަކާ ނުލާ ވަރުބަލި ވަނީ "ކީއްވެ"ތޯ ގިނަ ބަޔަކު ސުވާލު ކޮށްފައިވެއެވެ. އަދި މި ނޫނަސް ބަލިތަކުގެ އަލާމާތްތައް ފެންނަނީ "ކީއްވެ"ތޯ ވެސް އެނގެން ބޭނުންވެފައި ތިބި ބައިވަރު މީހުން އުޅޭކަން ގޫގުުލްގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ސުވާލަކީ ގިނަ ބަޔަކު ކަންކަމުގެ ސަބަބު ނުވަތަ މަގްސަދު ހޯދަން މަސައްކަތް ކުރަނީ ކީއްވެތޯއެވެ. ގޫގުލްގައި އެންމެ ގިނަބަޔަކު "ކީއްވެ" މި ސުވާލު ސާރޗް ކޮށްފައިވަނީ ކީއްވެގެން ތޯއެވެ. ކޮންމެއަކަސް "ކީއްވެ" މި ސުވާލަކީ ކޮންމެ މީހެއްގެ ދިރިއުުޅުމުގައި ވެސް މުހިންމު ރޯލެއް އަދާ ކުރާ ސުވާލެއް ކަން ގައިމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!