Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަންކެޑެ ބްރިޖާ އެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ

ހަންކެޑެ ބްރިޖާ އެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ
އައްޑޫ ސިޓީގައި އަލަށް ހެދި ހަންކެޑެ ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމުން ބްރިޖާއި އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ. އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބްރިޖާ އަދި ބްރިޖާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލުގެ ރަސްމީ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އެގޮތުން މައިގަނޑު ހަތަރު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އޭގެ ތެރޭގައި:
  • މަރަދޫގެ ހިޔާ ފަންނު މަގު، ވައިފަހި މަގު އަދި ޖަމާލީ ގޯޅި ވަންވޭއަކަށް ހެދުން.
  • ޝަމްސުއްދީން ބޮޑުފަނޑިޔާރު ބޮޑު ތަކުރުފާނުމަގު (ލިންކް ރޯޑް) ހަންކެޑެ ކޯޒްވޭގެ މަރަދޫ އާ ގުޅޭ ހިސާބުން މަގު ބަންދުކުރުން.
  • ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާ އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) އެއްގަމު އުޅަނދު ވަގުތީ ގޮތުން މަގުގެ އެއްފަޅީގައި ޕާކްކުރާ ގޮތަށް ހަމަޖެއްސުން. އެގޮތުން ޕާކްކުރާނީ ގަމުން ހިތަދޫއަށް އަންނައިރު، މަގުގެ ވާތްފަޅިއަށްވާ ފަޅީގައި. މަގުގެ އަނެއްފަޅީގައި ޕާކް ކުރުމަކީ މަނާ ކަމެއް ކަމުގައި ކަނޑައެޅުން.
  • ދަންވަރު އެކެއްގެ ފަހުން ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާ އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) ދާއިމީ ގޮތެއްގައި ޕާކްކުރުން މަނާކުރުން.
https://twitter.com/MoCImv/status/1885307993459490861 ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ބްރިޖު އާންމުންނަށް ހުޅުވާލާނީ މިރޭ 12:00 އިން ފެށިގެން ކަމަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިމެނޭ ހަންކެޑެ ޑީޓުއަ ލިންކް ރޯޑްގެ މަސައްކަތްތައް ނިންމިތާ ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. އެހެން ނަމަވެސް އެ ބްރިޖު ރަސްމީކޮށް އޮތީ ނުހުޅުވަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް