ޚަބަރު

އިބްތިހާލް މަރާލިކަން ސާބިތުވެ އާފިޔާ 20 އަހަރަށް ޖަލަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވ.ރަކީދޫގައި އުމުރުން ތިން އަހަރުގެ މުޙައްމަދު އިބްތިހާލު މަރާލީ އޭނާގެ މަންމަ އާފިޔާ މުޙައްމަދު މަނިކުކަން އޭނާގެ މައްޗަށް ސާބިތުވެ، އާފިޔާގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

Ads by Sosun Fihaara

އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަހުކޮޅުގައެވެ. އެކުއްޖާ މަރާލީ ގަސްދުގައި ނޭވާ ހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީގެންކަމަށް ވަނީ ހާމަވެފައެވެ.

އިބްތިހާލު މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކޮށްފައި ވަނީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

މިމައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީޢަތެއްގައި އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފު ވެފައެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފައެވެ.

އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ފިރިމީހާ (އިބްތިހާލްގެ ދޮންބައްޕަ) ހުށަހެޅިއެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވެސް ހެކިބަސް ދިނީ އާފިޔާއާ ދެކޮޅަށެވެ.

އާފިޔާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ، އާފިޔާ އިބްތިހާލަށް އަނިޔާކޮށް އެކުއްޖާ ދެކެ ރުޅި އަންނަނީ، އެކުއްޖާއަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު އާފިޔާ ނިދާ ހޭލި އިރުވެސް އިބްތިހާލް މަރާލަން އާފިޔާ ނިޔަތް ގަނެފައިވާ ކަމަށް އާފިޔާގެ ބަހުން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަ ކޮށްފައި ވެއެވެ.

މިއީ އާފިޔާގެ މައްޗަށް އިއްވާފައިވާ "ގަސްތުގައި ކުޑަ ކުއްޖަކު މެރުމުގެ" ކުށުގެ އަދަބެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ކުށް ވެސް މިހާރު ސާބިތުވެފައިވާއިރު، އެދައުވާއަށް ހުކުމް ކުރުން މިއަދު އަދި އެބައޮތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!