ތިބާގެ ފޯނަށް މަންމަ އާއި ބައްޕަގެ ކޯލް އަންނަ ނަމަ އެކަމަށް ޝުކުުރުވެރިވޭ
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އެހެން ނަމަވެސް އަހަރެމެންގެ މުޖުތަމައު ތެރެއިން ފެންނަމުންދާ މަންޒަރަކީ އެންމެ ހިތްހަމަ ޖެހޭ ފަދަ މަންޒަރެއް ނޫނެވެ. ހެޔޮވަރުގެ އިސްކޮޅަކަށް ދެމިލުމާއެކު މައިންބަފައިން ވެފައިވާ ގުރުބާނީގެ އަގުގެ މަތިން ހަނދާން ނެތޭ މަންޒަރެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނެތޭ ބުނާ އުސޫލުން އަމިއްލަ ފައި މައްޗަށް ތެދުވެވުމުން މައިންބަފައިންގެ ގުރުބާނީ ތަކުގައި ޖަހަނީ ކޮޅުފައިންނެވެ.
ދުނިޔެއަށް އުފަންވާއިރު މައިމީހާ ވަކިވެގެންދާ ކުދިންނާއި ޅަ އުމުރުގައި މަންމަ ނުވަތަ ބައްޕަ ދުނިޔެއާ އަލްވަދާއު ކިޔާ އެތައް ބަޔަކު އުޅެއެވެ. އެކުދިންނަށް ޅަފަތުގައި އެންމެ މުހިންމު މައިންބަފައިންގެ ލޯބިން ވަނީ މަހުރޫމެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވެފައިވާ މީހުންނެވެ.
ކުޑައިރު އަޅުގަނޑުމެން ހުރިހާ ތާކަށް ވެސް ދަނީ މަންމަ ނުވަަތަ ބައްޕައާ އެކުގައެވެ. މަންމަގެ އަތުގައި ހިފައިގެން ސުކޫލަށް ދާ ހަނދާނަކީ އިއްޔެ މެންދުރު ވީ ކަމެއްހެން މިއަދު ވެސް ހަނދާނުގައި ހަރުލާފައި ހުންނަ ކަމެކެވެ. ބުނާ ކޮންމެ ކަމެއް ފަސް ޖެހުމެއް ނެތި އެ މަންމަ އަޅުގަނޑުމެންނަށް ކޮށްދެނީ އެމަންމަ އަޅުގަނޑުމެން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މީރު ކާނާ ތައްޔާރު ކޮށްދީ އަބަދުވެސް އަޅުގަނޑުމެންގެ ހިތް އުފާ ކޮށްދެނީ އަޅުގަނޑުމެންގެ ހިނިތުންވުމަކީ އެ މަންމަގެ ހިތުގެ ހަމަ ޖެހުން ކަމުގައި ވާތީއެވެ. އެ މަންްމަ މީރު ކާ އެއްޗެއް ނުކައި ވެސް އަޅުގަނޑުމެންނަށް ކާންދެނީ އެ މަންމަގެ ހިތުގައިވާ މައިވަންތަކަމުގެ ކުލުނުގެ ސަބަބުންނެވެ.
ދެން އޮތީ ބައްޕަގެ ގުރުބާނީގެ ވާހަކައެވެ. ރެޔާއި ދުވާލު ބުރަ މަސައްކަތް ކޮށް ވީވަރަކުން އަޅުގަނޑުމެންގެ ކޮންމެ އެދުމެއް ފުއްދައިދެނީ އެ ލޯބިވާ ބައްޕައެވެ. އެ ބައްޕައަށް ވެގެންވާނަމަ އަހަރެމެންނަށް މުޅި ދުނިޔޭގައި ވާހާ ތަކެތި ވެސް ހިބަކޮށް ދިނީހެވެ. އެ ބައްޕަގެ މަޖާ ސަކަރާތްތަކާއި އެކުގައި ހޭދަކުރާ ވަގުތުތަކުން އަހަރެމެންގެ ޅަފަތުގެ ދައުރު އުޖާލާ ކޮށްދެއެވެ. ބުނާ ކޮންމެ އެއްޗެއް ވެސް ވީވަރަކުން ގަނެދެއެވެ. ކޮންމެ ކަމެއްގައި އަބަދުމެ ގާތުގައި ހިތްވަރު ދިނުމުގައި ދެމިހުރެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް، ސުކޫލް ދައުރުވެސް ނިިމި އަޅުގަނޑުމެން ނުކުންނަނީ ވަޒީފާގެ މާހައުލަށެވެ. ލޯބީގެ ގޮތުން މީހަކާ ގުޅި ކައިވެނީގެ ގޮށް ޖަހާލަނީއެވެ. އަޅުގަނޑުމެންގެ ބިޒީ ޝެޑިއުލް އަބަދުމެ އޮންނަނީ "ބުކް" ކުރެވިފައެވެ. އަބަދުވެސް އުޅެނީ ކޮންމެވެސް ކަމަކާ އަވަދިނެތިއެވެ. ފޯން ބަލާލާއިރު ފެނިގެންދަނީ މިސްޑް ކޯލް ތަކެކެވެ. އޭގެ ތެރޭގައި އެކުވެރިންގެ ފޯން ކޯލްތަކާއި އަޅުގަނޑުމެންނަށް ޓަކައި ޖާނާއި މާލުން ގުރުބާންވި މަންމަ އާއި ބައްޕަގެ މިސް ކޯލް ވެސް ހިމެނެއެވެ.
އެ މިސްޑް ކޯލް ތަކުގެ ތެރެއިން ވެސް އަޅުގަނޑުމެން ގިނަ ފަހަރަށް ކަންބޮޑުވަނީ ގާތް އެކުވެރިއެއްގެ ކޯލް މިސް ވެފައި ވާނަމައެވެ. އެންމެ އަވަހަށް ގުޅާލެވެނީ ވެސް އެ އެކުވެރިންނަށެވެ. މަންމަ އާއި ބައްޕައަށް "ކޯލް ބެކް" ނުކޮށްލެވި އުޅެނިކޮށް އަނެއްކާވެސް ތިބާއަށް ގުޅަން ޖެހެނީ އެ ނިކަމެތި މައިންބަފައިންނެވެ.
އެކުވެރިޔާއެވެ. ތިބާގެ ބިޒީ ޝެޑިއުލުން ތިބާގެ މައިންބަފައިންނަށް ވެސް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. މިއަދު ތިބާގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެ މައިންބަފައިންނަށް ވަގުތު ނުދެވިއްޖެ ނަމަ ތިބާ މާދަމާ ހިތާމަ ކުރަން ޖެހިދާނެއެވެ. އެ މައިންބަފައިންވެސް ދުވަހަކަށްވުރެ ދުވަހެއް އުމުރުން ދުވަސްވެ ގައިބާރު ދެރަވަމުން ދާ ކަން ތިބާ ދަންނާށެވެ. މީހަކު ދުނިޔެ އުޅެ ނިމިދާނެ ގޮތެއް ހަމަ އެކަކަށް ވެސް ނޭނގޭނެ އެވެ.
ތިބާގެ ފޯނަށް މައިންބަފައިންގެ ކޯލް ލިބޭ ނަމަ އެކަމަށް ތިބާ ޝުކުރުވެރި ވާށެވެ. އެހެނީ އެ ކޯލް ލިބުމުން މަހުރޫމް ވެފައިވާ އެތައް ބަޔަކު އެބައުޅެއެވެ. މީހެއްގެ މުހިންމުކަން އެނގެންވީ އެމީހަކު ނެތް ދުވަހަކުން އެކަންޏެއް ނޫނެވެ. މައިންބަފައިން ދުނިޔޭގައި ތިބި ދުވަހު އެމީހުންގެ އަގުވަޒަން ކުރާށެވެ. ނޫން ނަމަ މާދަމާ ކަރުނަ އަޅައި ރޯން ޖެހިދާނެއެވެ.