ރިޕޯޓް

"ދޮން ބައްޕަ އާއެކު ގުޅުން ހިންގަން މަންމަ މަޖުބޫރު ކުރުވި، މަންމަ ހުންނަނީ އެމަންޒަރު ބަލަން!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝައްކެއް ވެސް ނެތް ގޮތުގައި އިއްޔެ އަކީ އެތައް ބަޔަކު ކުރަމުން ދިޔަ ދިގު އިންތިޒާރަކަށް ނިމުމެއް އައި ދުވަހެކެވެ. މީގެ ފަސް އަހަރަށްވުރެ ގިނަ ދުވަސް ކުރިން ވ. ރަކީދޫ ގައި އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުޑަ މުޙައްމަދު އިބްތިހާލު ގެ މަރަށް "އިންސާފު" ލިބުނު ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވުނު ދުވަހެވެ. އެއްވެސް ރަހުމެއްނެތި އަނިޔާކޮށް، އެކުޑަކުޑަ ފުރާނަ މިދުނިޔެއާއި ވަކި ކޮށްލި އޭނާ ބަނޑުއަޅާ ވިހެއި މައިމީހާ އާފިޔާ މުޙައްމަދު މަނިކު ގެ މައްޗަށް ކުށް ސާބިތުވެ އޭނާ 20 އަހަރަށް ޖަލަށް ލާން ހުކުމް އިއްވި ދުވަހެވެ.

Ads by Hajj Corporation

ދަރިންނަކީ މައިންގެ ލޮލުގެ ފިނިކަމޭ، ދަރިއަކަށް އަނިޔާއެއް ލިބޭކަށް މައި ލަގޮނޑިއަކަށް ކެތެއް ނުވާނޭ ބުނާތީ އަޑު އަހަމެވެ. ވީއިރު އާފިޔާގެ ހިތް އެވަރަށް ހަރުވެ، އިބްތިހާލާއި މެދު އެވަރަށް އަނިޔާވެރި ވެވުނީ ކިހިނަކުން ހެއްޔެވެ؟ އެކުއްޖާ ފެނުމާއެކު އެވަރުގެ ރުޅިއެއް އޭނާ އަންނަންް ޖެހުނީ ކީއްވެ ހެއްޔެވެ؟

މިހާތަނަށް ލިބިފައިވާ އެކިއެކި މައުލޫމާތަށް ނަޒަރުު ހިންގާލާނަމެވެ. އެއްވެސް ހާލެއްގައި މިއުޅެނީ އާފިޔާ، އިބްތިހާލަށް ދިން އަނިޔާ ރަނގަޅު ކުރާކަށް ނުވަތަ އިބްތިހާލު މަރާލުމަކީ އާފިޔާ ކުރި ރަނގަޅު ކަމަކަށް ހަދާކަށް ނޫނެވެ. ނަމަވެސް "އިންސާފު" ގެ ވާހަކަ ދެކެވޭއިރު، އާފިޔާއާމެދު ވެސް އެތައް ބަޔަކު ބޭއިންސާފު ވެފައިވާކަން ހާމަ ވެފައިވާތީ މިއީ ވެސް ދައްކަން ޖެހޭ ވާހަކައެއް ކަމަށް ޤަބޫލު ކުރެވެއެވެ.

އެނގިފައިވާ ގޮތުގައި އާފިޔާ އަކީ ވެސް އެތައް އަނިޔާއަކާ އެންމެ ޅަ އުމުރުން ފެށިގެން ކުރިމަތިލަމުން ދިޔަ މީހެކެވެ. ބޮޑު ބޭބެގެ ޖިންސީ ގޯނާއާއި، ޖިސްމާނީ އަނިޔާގެ ސަބަބުން ނަފްސާނީ އަނިޔާ ވެސް ވަރަށް ބޮޑަށް ކޮށްފައިވާ އާފިޔާ އާމެދު އެންމެ ބޮޑަށް ބޭއިންސާފުވެފައި ވަނީ އޭނާގެ މަންމަ އެވެ.

ދަރިއަކަށް ކަމެއްވާނަމަ އެންމެ ފުރަތަމަ އެދަރިފުޅު ރައްކާތެރިކަމަށް އެދި ދާނީ އޭނާގެ މަންމަ ގާތަށެވެ. ނަމަވެސް އެންމެ ފުރަތަމަ އާފިޔާގެ ބޮޑުބޭބެ ދިން ޖިސްމާނީ އަނިޔާގެ ވާހަކަ ކިޔައި ދިނުމުން އެވާހަކަތައް އޭނާގެ މަންމަ ޤަބޫލެއް ނުކުރިއެވެ. އެއަށްފަހު އާފިޔާގެ ދޮން ބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރަމުން ދިޔައިރު، އެއަނިޔާތަކުން ސަލާމަތް ކުރުމުގެ ބަދަލުގައި އޭނާގެ މަންމަ އިނީ ކުޅި ބަލާށެވެ. މިވާހަކަތައް އާފިޔާ އަމިއްލައަކަށް ވަނީ ކޯޓުގައި ކިޔައިިދީފައެވެ. އާފިޔާ ބުނި ގޮތުގައި ދޮންބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރަމުން ދިޔައިރު، އޭނާގެ މަންމަ އިނީ އެމަންޒަރުތައް ބަލާށެވެ. އަމިއްލަ ދަރި ވަލު ޖަނަވާރަކަށް ވެސް ދޫނުކުރާވަރުގެ ނުބައި މީހެއްގެ ވަކިދަށުވެފައިވާ މަންޒަރު، ހިތްގައިމު ޝޯއެއް ބަލާހެން ބަލަން ހުންނާނީ ކޮން ކަހަލަ މައެއް ހެއްޔެވެ؟ މިކަން މިހިސާބަކުން ނުނިމެއެވެ. ދޮންބައްޕަ އާއެކު ގުޅުން ނުހިންގާނަމަ އޭނާގެ ގައިގާ ތަޅައި އަނިޔާކޮށް، ދޮންބައްޕަ އާއެކު ގުޅުން ހިންގަން އޭނާގެ މަންމަ މަޖުބޫރު ކުރި ކަމަށް ވެސް އާފިޔާ ވަނީ އޭނާގެ ބަޔާނުގައި ނުހަނު އަސަރާއެކު އެއަނިޔާތައް ހަނދުމަ ކުރަމުން ކިޔައިދީފައެވެ.

އިބްތިހާލް އަކީ އެއަނިޔާތަކުގެ ސަބަބުން ލިބުނު ކުއްޖެއް ކަމަށްވާތީ، ދޮންބައްޕަ ދެކެ އާފިޔާ އައިސްފައި ހުންނަ ރުޅި، އިބްތިހާލް ދެކެ ވެސް އަންނަނީ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ. ނަމަވެސް އެރަށުގެ ބަޔަކު ބުނަމުންދިޔަ އެއް ވާހަކައެއް ވެއެވެ. އެއީ އިބްތިހާލް އެންމެ ފުރަތަމަ ވެސް އުފަންވީއިރު އާފިޔާ އޭނާ ދެކެ ރުޅި ނާންނަ ކަމަށާއި އުރައިގެން ވެސް ނުހަނު ލޯބިން އުޅުނު ކަމަށެވެ. އެރުޅިވެރިކަން ފެށުނީ އިބްތިހާލަށް ހިނގެން ފެށިފަހުން ކަމަށް ވެސް ރަށުގެ ބައެއް މީހުން ފާހަގަ ކުރިއެވެ. އިބްތިހާލް ހިނގާ ގޮތާ ދޮންބައްޕަ ހިނގާ ގޮތާއި ވައްތަރުވުމުން އެއީ ދޮންބައްޕަގެ ދަރިއެއް ކަމަށް އާފިޔާއަށް އެހިސާބުން ޤަބޫލު ކުރެވެން ފެށީ ކަމަށް ވެސް ބުނެ އަޑުތައް ދިޔައީ ފެތުރެމުންނެވެ.

އެވާހަކައިން އެނގުނީ އާފިޔާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާގެ ދޮންބައްޕަ އާއި ބޮޑުބޭބެ އެކަނި ނޫން ކަމެވެ. އެކަން އާފިޔާގެ ބަޔާނުން ވެސް ހާމަވިއެވެ. އާފިޔާ ބުނީ އޭނާގެ މަންމައާއި ދޮންބައްޕަ އާއި ދެމީހުން ވެގެން އާފިޔާ ލައްވާ ހަށި ވިއްކުވި ކަމަށެވެ. އާފިޔާ ކިޔައިދީފައިވާ ގޮތުގައި، ދުވާލެއްގެ މައްޗަށް އޭނާއާއެކު އެތައް ބަޔަކު ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ. އޭނާ ރޭޕް ކުރީ ކިތައް މީހުންކަން ބުނެދޭން ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށް ބުންޏެވެ.

މިކިޔައި ދެވުނީ ހަމައެކަނި އާފިޔާ އަށް އޭނާގެ މަންމަ އާއި ބޮޑުބޭބެއާއި ދޮންބައްޕަ އިސްމާއިލް ރައޫފް ދިން އަނިޔާތަކުގެ ވާހަކަ އެކަންޏެވެ. ނަމަވެސް އާފިޔާ އަށް އަނިޔާވެރިވުމުގައި އެރަށުގެ ބައެއް މީހުންގެ ޒިންމާވެސް އެހާމެ ބޮޑެވެ. އިބްތިހާލަކީ ބައްޕަ ނެތް ކުއްޖަކަށްވާތީ މަރާލަން ޖެހޭ ކަމަށް ބުނެ ރަށުގެ ބަޔަކު އާފިޔާ އަށް ފުރައްސާރަކޮށް މަލާމާތް ކުރި ކަމަށް އޭނާ ކިޔައިދިނެވެ.

އާފިޔާ ގެ ހިތަށް އެންމެ ބޮޑަށް އަސަރުކޮށް އިބްތިހާލް ދެކެ އެންމެ ބޮޑަށް ރުޅިއަންނަން ފެށީ، ދޮންބައްޕަ، އިސްމާއިލް ރައޫފް އާއި އިބްތިހާލް ވައްތަރު ކަމަށް ރަށުގެ މީހުން ކިޔަން ފެށުމެވެ. ވާހަކަ ދެއްކުމާއި، އުޅުމާއި ހިނގުން ވެސް ވައްތަރު ކަމަށް ބުނަމުން ދިޔައެވެ. އެހެންކަމުން އާފިޔާއަށް ވަނީ އިބްތިހާލް އޭނާގެ ދޮންބައްޕަގެ ސިފައިގައި ސިފަވެފައެވެ. ބޮޑުވުމުން ދޮންބައްޕަ އުޅުނުހެން އުޅޭނެ ކަމަށް އާފިޔާ އަށް ޤަބޫލު ކުރެވި، އެކުއްޖާ ތުއްތުއިރު އޭނާ ދެކެވީ ލޯބި ނަފްރަތަށް ބަދަލުވީ އެހިސާބުންނެވެ. ނަމަވެސް، އިބްތިހާލަކީ އާފިޔާގެ ދަރިއެއްކަން އޭނާއަށް ޤަބޫލު ކުރެވި، އެކުއްޖާ ރަނގަޅަށް ތަރުބިއްޔަތު ކުރުން ވަނީ އޭނާގެ އަތްމަތީގައި ކަމަށް އާފިޔާ އަށް ޤަބޫލު ކުރެވުނު ނަމަ، ނުވަތަ އެފަދަައިން އާފިޔާ އަށް ވިސްނައިދޭނެ މީހަކުވެސް ވިނަމަ، މިއަދު މިފަދައިން ކަންތައް ވާނެހެން ހީނުވާ ކަމަށް ވެސް ބައެއް މީހުން އެއްބަސްވެއެވެ.

އިބްތިހާލްގެ ގާތިލަށް 20 އަހަރުގެ ހުކުމެއް އިއްވައިފިއެވެ. އެކަމާ އުފާކުރަމެވެ. ނަމަވެސް އާފިޔާގެ ދިރިއުޅުމާ ބެހޭގޮތުން އެނގޭ ބަޔަކު ކުރާ ސުވާލުތަކަކީ، އާފިޔާއަށް ލިބެންވީ އިންސާފު ކޮބައިތޯ އެވެ. އާފިޔާއަށް ކުޑައިރު އަނިޔާ ދިން މަންމައާއި، ޖިންސީ ގޯނާ ކުރި ބޮޑުބޭބެ އާއި، ދޮންބައްޕައާއި، އޭނާ ގެ ހަށިގަނޑު "ނޮޅާލަން" ފައިސާ ދީގެން އެކަން ކުރި މީހުން ކޮބައި ހެއްޔެވެ؟ އިސްމާއިލް ރައޫފް މިވަގުތު ހުރީ ހުކުމެއް ނުކޮށް ޖަލުގައެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ނުބެހޭ ކަންކަމާ ބެހި، އާފިޔާއަށް ފުރައްސާރަކޮށް އޭނާގެ ހިތުގައި އަމިއްލަ ދަރިފުޅާމެދު ނަފްރަތު އުފެއްދުވި ރަށު މީހުން ކޮބައި ހެއްޔެވެ؟ އެމީހުން ކުށްވެރި ނުވޭ ހެއްޔެވެ؟ މިއީ ޝައްކެއް ވެސް ނެތް ގޮތުގައި، ޖަވާބު ބޭނުންވާ ޖަވާބުދާރީ ވާން ޖެހޭ ސުވާލު ތަކެކެވެ.

  1. އިސްމާއީލް

    ދޮން ބައްޕަ ނަން ޖަހަންޏާ މަންމަގެ ނަންވެސް ޖަހަންޖެހޭނެ. އަންހެނުންނެކޭ ފިރިހެނުންނެކޭ ކުށްކުރީމަ ވާނީ ހަމަ ހަމަ. ކޮންމެ ޚަބަރެއްގައިވެސް މި އޮންނަނީ ފިރިހެން މީހާގެ ނަން ހާމަ ކޮށްފަ. ވިމެން ރައިޓްސް މާމަތީގަ. އަދިވެސް އަންހެންވެރިން ދުވާނެ ހައްޤު ހޯދަން.

    • ާރަށު މުދިން

      ޢާފިއާ ގެ މަނމަ އެކަމާ ދެކޮޅު ހަދައިފި ނަމަ އެ ނުލަފާ ފިރިހެނާ މަނމަ އައް ވެސް އަނިޔާ ކުރޭ!

    • ރައޫފް

      ބަލަ ނުފެނޭތަ އަންހެންމީހާގެ ވެސް ނަން ޖަހާފަ އިންތަނެއް. މިތާ ވެސް ދައްކަންވީ ހަމަހަމަ ކަމުގެ ވާހަކަތަ؟؟؟ ބުރިން ވިސަނައިގެން ވާހަކަ ނުދެއްކީޔާ ރަނގަޅުވާނީ.

  2. ނުކުރާނަން ގަބޫލެއް

    ތުއްތު ކުއްޖެއް މަރާފަ ހަމަޖެހިގެން އަޗާތަޅަންް އިން ޖަނަވާރެއްގެ ވާހާކަ ތިދައްކަނީ. އޭނަ ދައްކާ ވާހަކަ ގަބޫލުކުރާ މީހާ މޮޔައީ މަށަަށް. އާފިޔާ އަމާ އެހެން ކަންކުރިއިރު އެތަން އެހެން މީހަކަށް ނުފެނުނީ ކީއްވެ؟؟ އެގެޔަށް އާފިޔާ އާ ނަހަމަ ގުޅުން ހިންގަން މީހުން ވައްދާ އިރު އަވަށްޓެރިންނަށް ވެސް ނުފެނޭ؟؟ އާފިޔާ ނުރުހެނީ ދޮންބަފާ ދަރިއެއް ވީމަ އެކަނި؟؟ އޭނަ ގަޔަށް އެރި ކަމަށްބުނާ އެހެންމީހުންގެ ތެރެއިން މީހެއްގެ ދަރިއެއް ވިއްޔާ އޯކޭ ވަރަށް ލޯބިވޭ؟؟ އަރަތެއްނު ތި ދެން؟؟

    • ނަފްސާނީ

      އެއްފަހަރުވެސް ކުޑައިރުގައި އެހެންދިމާވޖ އަންހެނެއްގެ ވޭން ތަހައްމަލްކޮށްފަ އެއްޗެއް ބުނަންވީނު… އެފަދަ ވޭނެއް ތިޔަފަރާތަށް ނުޖައްސަވާށިއެވެ. އާމީން…
      ފިރިހެނުން އައިސް ހިތިހުރި ގޮތެއް ހަދާލަންދެން އުފަން މަންމަ ބަލަން ހުންނައިރު އަންހެންކުއްޖެއްގެ ހިތާއި ސިކުނޑި ހަމައިގަ އަލުން ދުނިޔެއާއި ކުރިމަތިލާނެ ކަމަށް ނުވިސްނާ

    • ކަމަނަ

      ގަބޫލު ނުކުރިޔަސް މީގަ ލިޔެފަ އުވަނީ ހަގީގަތް.. އާފިޔާއަށް ވަނީ އެންމެ ކުޑަދުވަހުން ފެށިގެން ވެސް އަނިޔާ ލިބެމުން އައިސް..

    • ށަންން

      ކޮންމެ ގޮތެއް ވިއަސް އެމީހަކަށް އަނިޔާ ދީފައިވާނަމަ އިންސާފް ލިބެންޖެހޭ. ޢެވޭން ތަހައްމަލް ކުރި މީހަކަށް އިހްސާސް ކުރެވޭނީ

    • ިއިޙްސާސް

      ފެނުނަ އަޅާނުލަނީ ތޯއްޗެ

  3. ޙަސަންނަޖުމީ

    މިހާރު ކޮންވާހަކައެއްތޯ؟ ޢާފިޔާއަށް ތިޔައަނިޔާލިބުނުއިރު ތިޔަވާހަކަތައް ނުދެއްކެވީ ކީއްވެތޯ؟ ކުށުންބަރީއަވުމަށް ނުބައި އިންސާނުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަން ނޭގެނީބާ؟ ޝަރީއަތުގައި އެކިފަހަރު އެކިގޮތަށް އާފިޔާވާހަކަ ދެއްކީ ދޮންބައްޕަ ދެކެ އަންނަރުޅިންތޯއެވެ. ތިޔަދައްކަވަނީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތްމީހެއްގެ ވާހަކައެވެ.

  4. އައި

    އޭރު ވެސް މުއައްސަސާ ތައް ހުންނާނެ ދޯ ދިޔަނަމަ …ދެން ތިބުނާ ދޮން ބަފާ ގައިގަ ތެޅިނަމަ…ކިތަންނެ ގޮތެއް ހުރި ..ނޫނީ ތިރަށުން ފިލި ނަމަ..

  5. ޙަސަން

    ޥަރައް ފުރިހަމަ

  6. އަލީ

    ފުރަތަމަަ އިންސާފު ލިބެންޖެހޭ މީހާ އަށް އިންސާފު ނުލިބުމުގެ ނަތީޖާ އަކަށް ވާނީ
    އިންސާފު ނުލިބުނު މީހާގެ ސަބަބުން 10 މީހުނަށް އެފަދަ އަނިޠަތަކެއްވެ މުޖުތަމައު ހަލާކުވުން އިހުމާލުން އިހުމާލް ވެ ބޮޑު އިހުމާލް ގަހެއް ބޮޑުވީމަ ވާނެގޮތް ވިސްނާ ފިކުރު ކުރަން ވީ ކަންކަން

  7. އަޝްރަފް

    އާފިޔާގެ މަންމަ އަށް އެއްވެސް ދައުވާއެއް ނެތްބާ!!!؟؟؟؟؟

  8. ޒަކަރިއްޔާ

    މިއީ މި މުޖުތަމައުގަ މިހާރުވެސް ހިނގަމުން އަންނަ ކަންތައްތައް.އާފިޔާ އަށް ކުރިމަތިވީ ކަންތައްތައް އެހެން މީހަކާ ކުރިމަތި ވީމަ އެނގޭނީ. މުޅި މުޖުތަމަވެސް ފެއިލް.ސިޔާސީ ވެގެން މުޅި ގައުމު އޮޔާ ގޮއްސި. ނިކަމެތި ރައްޔިތުން ތިބީ އަދިވެސް ގާފިލް ކަމުގެ އަނދިރީގަ.ވެރިން ފައިސާތައް މަތީ ނިދާފަ.

  9. ޙަބީބު.

    ވަރައް ރަނގަޅު ސުވާލުތަކެއް އެކުއްޖާގެ ޑީއެންއޭ ނަގައިގެން އެއީކާކުތޯ ބަލަންޖެހޭ ނަހަލާލު ދަރިންހޯދާ އެދަރިން މަރާމީހުން ހުއްޓުވޭނީ ހަރުކަށި އަދަބުދީގެން

  10. ފާތުން

    ހަބީބު، އެ ކުއްޖާގެ މަރުވެ، ވަޅުލިތާ އެތައް ޒަމާނެއް. ކޮންތާކިންތޯ ޑީ އެންއޭ ހޯދަނީ؟

    • ޢަލިބެ

      ޢަންތަރީހުން އަންތަރީސް، އިންސާފަކީ އެހާ ނިކަމެތިންނަށް ގަނެވޭވަރަށްވުރެ މާ އަގުބޮޑު އެއްޗެއް، އިންސާފު ލިބޭނީ އެެގަނެވޭވަރުގެ ތަނަވަސްކަން ލިބިހުންނަ މީހުނަށް، އެއީ ނީލަނުގަ އޮންނަ އެއްޗެއް އެލިބޭނީ އެންމެ މަތީ އަގުހުށަހަޅާ ފަރާތަކަށް، އިންސާފޭ ،އަނިޔާއޭ ނުކިޔަބަލަ، ނިކަމެތިންނަށް ލިބޭނީ ހިލޭބަހާ އެތި އެއީ އަނިޔާ. ޢެ ޢަބަދުވެސް ލިބެން ހުންނާނެ.

      • ތެދު

        ﷲ އަށްޝުކުރުކުރޭ އާފިޔާއަށް މިންވަރު ކުރެއްވި ގޮތް އަހަރެމެންނަށް މިންވަރު ނުކުރެއްވާތީ.

  11. ޖާބިރު

    ޔަެެެެެެެެެެެެެެެެ ދެރަ

  12. ތެދު

    އާފިޔާ ކިޔާދިން ވާހަކަ ތަކަކީ ތެދެއް ކަމުގައިވާނަމަ އަޅުގަނޑު އާފިޔާއަށް ރަހުމުކުރަން.އަދި ކަމާނުބެހޭ އަދި ހިތާމަ އާއި ހިތްދަތިކަމާއި ޑެޕްރެޝަން ތަހައްމަލު ކުރަން ޖެހިނުވާ މީހުން އެފަ ދަ މީހުންނާ ދިމާ އަށް އެއްޗެހި ކިޔާނަހައްދަވާ.

  13. މުސާފިރު

    އަނިޔާ އާއި ނަފްރަތާއި ވޭނުން ލޯތްބެއް އުފަންނުވާނެ. އަދި ހާއްސަކޮން އެންމެ އަނިޔާވެރިވާ ފާރާތައި ގުޅުން ހުންްނަ ކޮންމެ އެއްޗަކީ ވޭނީ އަޒާބަކަށް ވަނީ. ހުދު އަހަރެން ވެސް މީ ނަފްސާނީ އަނިޔާގެ އިންތިހާ ވޭނާއި ކެކުޅުން ބަރުދާސް ކުރަންޖެހިފައިވާ ފަރާތެއް. އުމުރުން ގޮސް ތިރީސް ފަހަނަ އެޅީ ލިބޭ ނަފްސާނީ އަނިޔާތަކެއް ނުދޭ ފިލައިގެނެއް ނުހުއްޓުވޭ އަހަންނަކަށް މިހާ ބޮޑުވެ އުމުރު ފަހަނައަޅާ ދިއައަސް ކެތްތެރިކަން ނޫން ގޮތެއް ނެތް އެއީ ނިކަމެތިކަން އަހަރެމން ނަށް މަޖުބޫރުވަނީ ކެތްކުރަނަް މިދުނިޔޭގެ އަމިއްލަ އެދުން ބޮޑު މުއްސަނދި ބޮޑާ ލޯތަކަށް ނިކަމެތިނެއް ނުފެންނާނެ ހަމްދަރުދީއެއްވެސް ނުލިބޭނެ. ލިބޭނީ މަލާމާތާއި ފުރައްސާރަ އާއި ނަފުރަތު ބަދުބަސް ވޭން ހިތްދަތިކަން.. ކުރާނީ މުޖުތަމައުގަ ބާކީ.. ޔާﷲ މިވޭނީ ދުނިޔެ އަނިޔާ ލިބޭމީހުންނަށް ފަސޭހަ ކޮށްދެއްވާނދޭ.. އާމީން