ދީން

ހުވަފަތްވެފައިވާ އަންހެނުން ، މިދުޢާ ކިޔުން މަތީ ދެމިތިއްބަވާ ! އިންޝާ ﷲ ހެޔޮ ފިރިއެއް ދެއްވަވާނެ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ﷲ ޞުބުޙާނަހޫ ވަތަޢާލާ ، ދިރުމާއި މަރު ލެއްވެވީ އިންސާނުންނަށް އިމްތިހާނަކަށެވެ. އެއީ ހެޔޮ ޢަމަލުތައް ކޮށް ، އެކަންކަމުގެ މަތީގައި ދެމި ތިބުމާމެދު އަހަރެމެންގެ މައްޗަށް އޮތް އިމްތިހާނެކެވެ. ދިރިއުޅުމުގައި ދިމާވާ ދަތި،އުނދަގޫ ޙާލަތްތަކަށް ކެތްތެރިވެ ، މުސީބާތްތަކަށް ކެތްތެރިވުމުގެ އިމްތިހާނެވެ.

Ads by STELCO

ފަހެ، އެ އިމްތިހާނުތަކަކީ އެކަންކަމުގެ މައްޗަށް ކެތްތެރިވެއްޖެނަމަ އެކަމުގެ ލައްޒަތާއި އޭގެ ހެޔޮ ބަދަލު ލިބެން އޮތް އެއްޗެކެވެ. ބަލިވެ، އެކަމުގެ މައްޗަށް ކެތްތެރިވުމުން ﷲ ތަޢާލާ ، ބަލިމީހާގެ ފާފަތައް ފުއްސަވާ އޭނާގެ ނަފްސު ފާފައިން ތާހިރު ކުރައްވައެވެ. ހަމައެހެންމެ ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއް ވެސް އޮތީ މިދެންނެވި އުޞޫލުގެ މަތީގައެވެ.

މި ބަޔާންކޮށްލަނީ މުއުމިނުންގެ މައިކަމަނާ ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން ، އުއްމު ސަލަމާ ނުވަތަ ހިންދު ބިންތު އަބީ އުމައްޔާގެ ދިރިއުޅުއްވުން ބަދަލުވި ގޮތުގެ ވާހަކައެކެވެ. އެކަމަނާގެ ފިރިކަލުން އަބޫ ސަލަމާ ނިޔާވި ހިނދު ، އެކަމަނާ ވެވަޑައިގެންނެވި ކެތްތެރިކަމާއި ﷲ ތަޢާލާ ، އެކަމަނާއަށް އެކަމުގެ ބަދަލު ދެއްވި ގޮތެވެ.

އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާ ވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

"ތިޔަ ބައިމީހުން ބަލިމީހެއް ނުވަތަ މައްޔިތެއް ކައިރިއަށް ދިޔަނަމަ ހެޔޮ ބަސްބުނެ އުޅޭ ހުށި ކަމެވެ. އެހެނީ ހަމަކަށަވަރުން މަލާއިކަތުން ތިޔަބައިމީހުންގެ ބަސްތަކަށް އާމީން ވިދާޅުވާނެތެވެ."

އުއްމު ސަލަމާ ވިދާޅުވިއެވެ. އަބޫ ސަލަމާ (އެކަމަނާގެ ފިރިކަލުން) ނިޔާވި ހިނދު ތިމަން ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން އަބޫ ސަލަމާ ނިޔާވެއްޖެކަން ކަށަވަރެވެ. (އެހިނދު) އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ކަމަނާ (މިހެން) ވިދާޅުވާށެވެ.

اللَّهُمَّ اغْفِرْ لِي وَلَهُ وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً

ޔާ ﷲ! މިއަޅާއަށާއި އޭނާ(ފިރިމީހާ)އަށް ފުއްސަވާންދޭވެ! އަދި މިއަޅާއަށް އޭނާ (ފިރިމީހާ)އަށް ވުރެ ހެޔޮ ބަދަލެއް (ފިރިއެއް)ދެއްވާންދޭވެ!

އެކަމަނާ އެބަސްތައް ވިދާޅުވިއެވެ. އޭގެ ފަހުން އެކަލޭގެފާނަށްވުރެ ހެޔޮ ބޭކަލެއްކަމުގައިވާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ، ﷲ ތަޢާލާ ތިމަން ކަމަނާއަށް ދެއްވިއެވެ." ރަވާޙް މުސްލިމް

ވިސްނާލައްވާށެވެ. އުއްމު ސަލަމާގެ ކެތްތެރިކަމުގެ ނަތީޖާއަކަށްވީ ދުނިޔޭގައި ފައިންޕުޅު ބީއްސެވި އެންމެ މާތް އިންސާނާގެ އަނބިކަނބަލުންގެ މަޤާމު އެކަމަނާއަށް ލިބިވަޑައިގަތުމެވެ. މުއުމިނުންގެ މައިކަމަނާއަކަށް އެކަމަނާ ވެވަޑައިގަތުމެވެ.

ހުވަފަތްވެފައިވާ އުޚުތުންނޭވެ. ކެތްތެރިވެ ، ހެޔޮ ޢަމަލުކޮށް މިދުޢާ ކުރުން މަތީ ދެމި ތިއްބަވާށެވެ. ﷲ ތަޢާލާ ބަދަލު ދެއްވަވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!