ޚަބަރު

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ބްލޮކް ކުރުމަށް ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އެ ގައުމުގެ ސަރުކާރު ހިންގުމާ ހަވާލު ވަންދެން ، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ބްލޮކް ކުރުމަށް ނިންމައިފިއެވެ.

Ads by MWSC

ފޭސްބުކާއި އިންސްޓަގްރާމް ޓްރަމްޕްއަށް ބޭނުން ނުކުރެވޭ ގޮތަށް ނިންމާފައި ވަނީ އެކުންފުނީގެ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އިންތިޚާބީ ސަރުކާރާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރުދެމުން ގެންދާތީއެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހަމަނުޖެހުން ހިންގަމުން ދިޔަ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވީޑިއޯ ބަސްދީގަތުމެއް ޓްރަމްޕްގެ ފޭސްބުކްގައި އާންމު ކުރުމުން ފޭސްބުކުން ވަނީ ޓްރަމްޕްގެ އެކައުންޓް 24 ގަޑިއިރަށް ބްލޮކް ކޮށްފައެވެ.

ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ފޭސްބުކް މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ އެންމެ މަދުވެގެން ދެހަފްތާ ދުވަހަށް ޓްރަމްޕްގެ އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތަށް ހަދާފައި ވާކަމަށެވެ. ޒަކަބާގް ވަނީ ފޭސްބުކް މެދުވެރިކޮށް ޓްރަމްޕްގެ ސަބަބުން އިތުރަށް ހަމަނުޖެހުން ހިންގުމަށް މަގު ފަހި ވެދާނެކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ނުރަނގަޅު އަސަރު އާންމުނަށް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ޖޯބައިޑެން މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ހަވާލުވާނެއެވެ. އެހެން ނަމަވެސް އެމެރިކާގައި ކުރިޔަށްދިޔަ ރިޔާސީ އިންތިހާބަކީ، އޮޅުވައިލައިގެން ކުރިއަށް ގެންދިޔަ އިންތިހާބެއްކަމަށް ޓްރަމްޕުގެ އިތުރުން އޭނާގެ އަރިސް ބޭފުޅުން ވެސް ދަނީ ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިހާބަށްފަހު، ޓްރަމްޕު ކެނޑިނޭޅި ދަނީ، ޖޯ ބައިޑަން އިންތިހާބު އޮޅުވާލީކަމަށް ތުހުމަތު ކުރަމުންނެވެ. އެމަނިކުފާނު މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ބައިޑަން ކަމަށާއި، ސަބަބަކީ މި އިންތިހާބަކީ މަކަރާއި ހީލަތުން ކާމިޔާބު ކުރި އިންތިހާބެއް ކަމަށް ވާތީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!