ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫ އާއި ގއ. ވިލިނގިލިން ސާމްޕަލް ނަގަނީ

ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫ އާއި ގއ. ވިލިނގިލިން ވެސް ސާމްޕަލް ނަގާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާރަފީގު ވިދާޅުވެއްޖެއެވެ.
ނަޒްލާ ވިދާޅުވީ ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އާންމުކޮށް އެރަށުން މީހުން ދަތުރުކުރާ ރަށްތަކުގައިވެސް ރެންޑަމް ސާމްޕަލް ނަގާނެ ކަމަށެވެ.
“ގއ. ވިލިނގިލީ، ގދ. ތިނަދޫގައި އަދި ލާމު އަތޮޅުގައިވެސް އަޅުގަނޑުމެން އެކްޓިވް ސާމްޕަލް ނެގުމުގެ ކަންކަންވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކުރެވިގެންދާނެ،" ޑރ. ނަޒްލާވިދާޅުވިއެވެ.
ގއ. ދެއްވަދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ އުފެދުނު ކްލަސްޓާއިން ފައްސިވީ މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އެޗްއީއޯސީން ބުނެފައި ވަނީ ދެއްވަދޫން ބަޔަކު ކޮވިޑް-19 އަށްފައްސިވުމުން އެރަށުން ޑައިރެކްޓް ކޮންޓެކްޓްވި 149 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.