ޚަބަރު

އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު 297.9 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިމިދިޔަ 2020 ވަނަ އަހަރު މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެކުންފުނި ހިންގުމުގެ ޚަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފިއެވެ.

Ads by Sosun Fihaara

އެމްޑަބްލިއުއެސްސީއިން ބުނީ ކުންފުނީގެ އޮޕަރޭޓިން އެޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައި ވަނީ 838.9 މިލިއަން ރުފިޔާ ކަމުގައި ވީނަމަވެސް، އެކަމަށް ޚަރަދު ކޮށްފައިވާ މިންވަރު 541 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މިއީ 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ޚަރަދާއި އަޅާބަލާއިރު 14 އިންސައްތަ ކުޑަ އަދަދެއް ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ، އެކުންފުނީގެ ހިންގުމުގެ ޚަރަދުތައް މިފަދައިން ކުޑަކޮށްފައި ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކުންފުނީގެ މެނޭޖްމަންޓުން ރޭވުންތެރިކަމާއި އެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ގެންގުޅުނު ހިކުމަތްތެރި މާލީ ސިޔާސަތު ތަކުގެ ސަބަބުން ކަމަށެވެ.

ނިމިދިޔަ 2020 ވަނަ އަހަރު އެމްޑަބްލިޔުއެސްސީއިން ކޮށްފައިވާ ޚަރަދުތަކަށް ބަލާލާއިރު އިންޖިނިއަރިން އާއި މެނުފެކްޗަރިން އާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކާއި އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތަށް ފުރަތަމަ ކުއާޓާގައި 177.4 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.

ދެވަނަ ކުއާޓާ ގައި 130.7 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ތިންވަނަ ކުއާޓާ ގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓާގައި 94.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފައިވެއެވެ.

އެކުންފުނީގެ 2019 ވަނަ އަހަރުގެ ހަރަދުތަކާއި އަޅާބަލާއިރު 2020 ވަނަ އަހަރު އިންޖިނިއަރިން ދާއިރާއިން ކޮށްފައިވާ ޚަރަދުތައް 6 ޕަސަންޓު ކުޑަކޮށްފައިވާއިރު، މެނުފެކްޗަރިން ގެ ޚަރަދުތައް 14 ޕަސަންޓާއި ވިޔަފާރީގެ ދާއިރާގެ ޚަރަދުތައް 16 ޕަސަންޓު އަދި ފެނާ ނަރުދަމާގެ ޚިދުމަތައް ކޮށްފައިވާ ޚަރަދުތައް 15 ޕަސަންޓު ކޮށްފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެއިތުރުން އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އެކުގައިވެސް ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅި ހަރުދަނާ އަދި ހަމަ އެހާމެ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައްތަކެއް ކުރި ކަމަށެވެ.

މީގެ ތެރޭގައި ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމާއި ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމުގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމަށްޓަކައި ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ. މި ގޮތުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ކަންކަމަށް ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ ނިމިދިޔަ 2020 ވަނަ އަހަރުވެސް އެކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމަށެވެ. މި ގޮތުން މެދުކެނޑުމެއްނެތި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމީ ކުންފުނިން އުފަލާ އެކު ފާހަގަ ކުރާކަމެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

މީގެ އިތުރުން ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއު ތަކުގެ ދަށުން ދެ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ނިންމާ، 5 ރަށެއްގެ އަމަލީ މަސައްކަތް ފަށާ އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!