މުނިފޫހިފިލުވުން

އަހަންނަށް މިކަމެއް ނުވާނޭ ކުރިން ބުނި މީހުން މިހާރު އަހަރެންގެ ފަހަތުން ދުވޭ: ނޯރާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނޯރާ ފަތޭހީ އޭ ބުނުމުން މިހާރު ނޭނގޭނޭ މީހަކު މަދު ވާނެއެވެ. ބޮލީވުޑްގެ މި އެކްޓަރ އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ އޭނާގެ ހުނަރުވެރި މޮޅު ނެށުމުންނެވެ.

Ads by MWSC

އެގޮތުން "ދިލްބަރް ދިލްބަރް" ލަވައިގެ ރީމޭކް ލަވައިގައި ބެލީ ޑާންސްކޮށް ހަށިގަނޑަށް ލެއްވި ބަނޑިބަނޑިތައް، ގިނަ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދިޔައެވެ.

އޭގެ ފަހުން "ސާކީ ސާކީ" ލަވައާއި، އޭނާ ކިޔާފައިވާ "ޕަޕީތާ" ގެ އިތުރުން "ކަމަރިޔާ" ލަވައާއި ދާދި ފަހުން އޭނާ އެކްޓުކޮށް ނަށާފައިވާ "ނާޗް މޭރީ ރާނީ" އަށްވެސް ބިލިއަނުން ވިއުސް ލިބިގެން ދިޔައެވެ.

މޮރޯކޯ ގެ އާއިލާއަކަށް ނިސްބަތްވާ، ކެނެޑާއަށް އުފަން ނޯރާ އަކީ މިހާރު މުޅި ދުނިޔެއަށް ވެސް ނަން މަޝްހޫރު ފަންނާނެކެވެ.

ނަމަވެސް އޭނާއަށް ކާމިޔާބީއާ ހަމައަށް ވާސިލު ވެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ދާދި ފަހުން ނޯރާ ވަނީ އިންޓަވިއު އެއްގައި ބުނެފައެވެ.

އެގޮތުން ނޯރާ ބުނީ ނެށުމަކީ އޭނާ އަބަދުވެސްުު ވަަރަށް ކުރާހިތްވި ކަމެއް ނަމަވެސް އޭނާ އެކަން ދަސްކުރީ އަމިއްލައަށް ކަމަށެވެ. ކުރިން އޭނާގެ މައިންބަފައިން ވެސް އެކަމާ ނުޤަބޫލު ނަމަވެސް، ނޯރާ އެވަރަށް ޝައުޤުހުރި ކަމަކަށްވުމުން އޭނާގެ މައްޗަށް އެކަން ދޫކޮށްލި ކަމަށް ވެސް ބުންޏެވެ.

"ކުރިން ކޮޓަރީގައި ނެށީ މަންމައަށް ވަގަށް. އެކަމަކު ފަހުން މަންމަމެންނަށް ވެސް އަހަރެން މިކަން ކުރަން ބޭނުންވާވަރު ފެނިފަ، ހުއްދަދިން. އަހަރުމެންނަށް އެއިރު އެހާ ފައިސާއެއް ނުލިބޭ މޮޅެތި ޑާންސް ސްކޫލްތަކަށް ދާކަށް. އެހެންވެ ނަށަން ދަސްކުރީ އަމިއްލައަކަށް" ނޯރާ ބުންޏެވެ.

ކެނެޑާއިން ނޯރާ އިންޑިއާ އަށް ދިޔައީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ދާއިރާއެއް އޮތީ އިންޑިއާގައި ކަމަށް ވާތީއެވެ. ނަމަވެސް ފޮނި އުންމީދު ތަކަކާއެކީ އިންޑިއާ އަށް އައިސް އެންމެ ކުރީކޮޅު އޭނާ އުޅެން ޖެހުނީ ހާލުގައެވެ.

އެއްވެސް ކޮޅަކުން ފުރުސަތު ނުލިބުމުގެ އިތުރުން ބައެއް ކާސްޓިންގ ޑައިރެކްޓަރުން ނޯރާއަށް ގުޅައިގެން ގެންގޮސްފައި، އޭނާއަކީ ހުނަރެއް ހުރި މީހެއް ނޫން ކަމުގައި ދިމާލަށް ބުނި ކަމަށް ވެސް ނޯރާ ބުނެފައިވެއެވެ.

"އެދުވަހު ހިތަށް އެރި އިންޑިއާ ގައި މިގޮތަށް ބާއޭ ކަންތައް ކުރަނީ. ގުޅާފަ ގެންގޮސް އެއްޗެހި ކިޔަނީ ބާއޭ އެންމެންނަށް. އެނބުރި ޤައުމަށް ދާން ވެސް އެދުވަހު ހިތަށް އެރި. އެކަމަކު ރައްޓެހިން ވެސް ދިން ހިތްވަރާއެކު އަދި އިތުރަށް ފުރުސަތެއް ލިބޭތޯ މަސައްކަތްކުރަން މަޑުކުރީ. ކުރިން އަހަންނަށް މިކަމެއް ނުވާނޭ ބުނި ކިތަންމެ ބަޔަކު މިހާރު ބުނޭ އެއިރުވެސް އެނގެޔޭ ވާނެކަން. އެމީހުންނާއެކީ މަސައްކަތް ކުރަން ވެސް ބުނޭ.. އެމީހުން މިހާރު އަހަރެންގެ ފަހަތުން ދުވޭ އެމީހުންގެ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށްދޭތޯ" އެއިންޓަވިއުގައި ނޯރާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!