ބްރިޓިޝް އިން “ސަމޯސާ” އެއް އެލުވާފައި ފޮނުވައިލި ފުއްޕާ ހަން ވެއްޓުނީ ފްރާންސަށް

ބްރިޓިޝްގެ ރެސްޓޯރެންޓަކުން “ސަމޯސާ” އެއް ތައްޔާރު ކުރުމަށް ފަހު ޖައްވުގެ ތެރެއަށް ފޮނުވާލި ފުއްޕާ ހަމެއް ފްރާންސުން ފެނިއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ “އެންޑީޓީވީ” ގައި ބުނެފައި ވާގޮތުން އެމީހުންނަށް އެ ފުއްޕާ ހަން ފޮނުވާލެވުނީ 3 ފަހަރެއްގެ މަތިން ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ފުއްޕާ ހަން އަތުން ދޫވި ކަމަށާއި، ދެވަނަ ފަހަރު ހަން ފުއްޕުމަށް ބޭނުންކުރާ ހިލިއަމް ހުސްވީ ކަމަށް އެ ޚަބަރުގައި ވެއެވެ. އެހެންނަމަވެސް 3 ވަނަ ފަހަރު ދޫކޮށްލި ހަން ކާމިޔާބު ކަމާއެކު މައްޗަށް އަރައިފައި ވެއެވެ.
ބްރިޓިޝް އިން މިފަދަ ގޮތަކަށް ފުއްޕާ ހަން ދޫކޮށްލައިފައި ވާއިރު އޭގައި ކެމެރާއެއްގެ އިތުރުން ޖީޕީއެސް ޓްރެކަރ އެއް ވެސް ވަނީ ހަރުކޮށްފައެވެ. ބޭނުންކުރި ދެ ފުއްޕާ ހަމަކީ ވެސް އާދައިގެ ސައިޒަށް ވުރެ ބޮޑު ދެ ފުއްޕާ ހަމަށް ވުމުގެ ސަބަބުން އެއްވެސް ދަތިކަމެއް ނެތި މައްޗަށް ވަނީ އަރައިފައެވެ.
އެއްދުވަސް ފަހުން ޖީޕީއެސް އިން ޓްރެކްކުރި ކުރުމުގައި އެ ޕެކޭޖު ފެންނަނީ ފްރާންސް ގެ އަވަށެއްގައި އޮތް ކަމަށެވެ. އެގޮތުން ހަން ފޮނުވާލި މީހުން ވަނީ އިންސްޓަގުރާމުން އެހިސާބުގައި ދިރިއުޅޭ މީހުންނަށް ރިކުއެސްޓު ފޮނުވައި އެ ޕެކޭޖާ ހަމައަށް ވާސިލު ކުރެވޭތޯ މަސައްކަތް ވެސް ކޮށްފައެވެ.
“އެކްސެލް މެތޮން” ކިޔާ މީހަކަށް ވާހަކަދައްކާ އެމީހާއަށް މި ޕެކޭޖުވަނީ ހަވާލު ވެސް ކޮށްފައެވެ. އަދި މި ވީޑިއޯ ޔޫޓިއުބުގައި ވެސް ވަނީ އާންމު ކޮށްފައެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި ވީޑިއޯ ވަނީ އެތައް ބަޔަކު ހެއްވާލާފައެވެ.