ތިބާގެ ހިތާމަތައް މީސްމީޑިއާގައި ހިއްސާ ނުކުރޭ، ބައެއް މީހުންނަކީ އެކަންކަމާ މެދު އުފާކުރާ މީހުން
ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެންމެ ގާތް ރަހުމަތްތެރިޔާއަކީ ފޯނު ކަމަށްވާއިރު އެންމެ ގިނަ ވާހަކަތައް ހިއްސާކުރާ އެކުވެރިއަކަށް މީސްމީޑިއާއަށް މިއޮންނަނީ ވެފައެވެ. ދެމަފިރިން ދޭތެރޭގައި ހިނގާ މައްސަލަތަކާއި އެކުވެރިންގެ މެދުގައި ކުރިއަށްދާ ކޯޅުންތައް ވެސް މީސްމީޑިއާގައި ފެންނަނީ މަދެއް ކޮށެއް ނޫނެވެ.
ކޮންމެއަކަސް، މީސްމީީޑިއާގައި ގިނަ ބަޔަކު އެމީހުންގެ ދިރިއުޅުމުގައި ހިނގާ ގިނަ ކަންތައްތަކެއް ހިއްސާ ކުރެއެވެ. އެގޮތުން ހިތާމައެއް ކުރިމަތިވި ކަމުގައި ވިޔަސް އެކަމެއް ވެސް މީސްމީޑިއާގައި ހިއްސާ ކުރާތަން ފެނެއެވެ. ފަހަރުގައި ހިއްސާކުރާނެ އިތުބާރު ކުރެވޭ ގާތް އެކުވެރިއަކު ނެތީއެވެ. ނުވަތަ ވެފައި ހުންނަ ދެރައެއްގެ ސަބަބުން އެ ޖަޒުބާތުތައް މީސްމީޑީއާގައި ބަންޑުން ކޮށްލަން ބޭނުންވަނީއެވެ. އެހެން ނަމަވެސް އަހަރެމެން އަމިއްލަ ނަފްސާ ކޮށްލަން ޖެހޭ ސުވާލެއް އެބައޮތެވެ.އެއީ އަހަރެމެންގެ ހިތާމަތަކާމެދު މީސްމީޑިއާގައި އުޅޭ ކިތައް އިންސައްތަ މީހުން ކަންބޮޑުވޭތޯއެވެ.
ތިބާއަށް ދިމާވާ ހިތާމަވެރިކަމެއް މީސްމީޑިއާގައި ހިއްސާ ކުރުމުން ތިބާއަށް ހިތްވަރުދީ ބައެއް މީހުން ކޮމެންޓު ކޮށް ހަދާފާނެއެވެ. އެހެން ނަމަވެސް ތިބާއަށް އެހިތާމަތައް ކުރިމަތިވުމުން އެކަމާ އުފާކުރާ ބަޔަކު ވެސް އުޅެފާނެ ކަން ތިބާ ދަންނަން ޖެހެއެވެ. އަދި އެހިތްދަތި ވަގުތުގައި ތިބާ އިތުރަށް ދެރަކޮށްލުމަށް ޓަކައި އެމީހުން މަސައްކަތް ކޮށްފާނެ ކަން ވެސް ދަންނާށެވެ.
މީސްމީޑިއާގައި ތިބާއަށް ހިތްވަރުދީ ކޮމެންޓު ކުރާ އެންމެންނަކީ ވެސް ތިބާއަށް ހެޔޮއެދޭ ބައެއް ނޫނެވެ. ތިބާގެ ހާލު ބަލައިލާ ތިބާއަށް ހިތްވަރުދިނުމުގެ ގޮތުން ތިބާއަށް މެސެޖު ކޮށްލީ އޭގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ މާގިނަ ބަޔަކު ނުކުރާނެކަން ކަށަވަރެވެ. އެހެންކަމުން އެމީހުން ތިބާގެ ޕޯސްޓަށް ކޮމެންޓެއް ކޮށްލަނީ ދަޅަ ދެއްކުމަށް ޓަކައި ކަމުގައި ވެސް ވެދާނެއެވެ.
ހަގީގަތުގައި މީސްމީީޑިއާގައި ބައެއް ފަހަރަށް ކަންކަން ހިއްސާ ކުރުމަކީ މައްސަލައެއް ނޫނެވެ. އަަހަރެމެންގެ ބަވަނަވެފައިވާ މި ދުނިޔޭގައި އެއާނުލާ މިއަދު އުޅެވޭކަށް ވެސް ނެތެވެ. އެެހެން ނަމަވެސް ދިރިއުޅުމުގައި ވާހާ ކަމެއް މީސްމީޑިއާގައި ހިއްސާ ނުކުރާށެވެ. ތިބާގެ ހުރިހާ ހިތާމަތަކެއް މީސްމީޑިއާގައި ފާޅު ނުކުރާށެވެ. އެހެނީ އެކަމާ އުފާކުރާ އެތައްބަޔަކު ވެސް އުޅެފާނެއެވެ. އަދި އެމީހުން ތިބާއަށް ހެޔޮގޮތެއް ވުމަށް ނޭދޭނެތީއެވެެ.