އުފެއްދުންތެރިކަން އިތުރު ކުރުމަށް ކުރެވިދާނެ 5 ކަމެއް
1. ތިބާ އާއި ތިބާގެ ވެރި ރައްބާއި ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރާށެވެ.
2. ގިނަގިނައިން ޤުރުއާން ކިޔަވާށެވެ.
3. ނިދުމުގެ ކުރިން ޒިކުރުކުރުމުގައި ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ.
4. ފައިދާހުރި ފޮތްތައް ގިނައިން ކިޔާށެވެ.
5. ކަސްރަތުކުރާށެވެ.
Ads by Hajj Corporation
އެފްރިކާގެ ހަރުބަހެއްގައި ވެއެވެ.
”އެތެއް ޝިކާރަކުރަންދާ ޝިކާރަވެރިޔަކު، ދޫންޏަށް ގާއުކާކަށް ނުހުއްޓޭނެއެވެ.“
ތަންތަނާއި ކަންކަން އިޞްލާޙްކުރާން އުޅޭއިރު އަމާޒުގެއްލޭ ބޭކާރު ކަންކަމުން ދުރުވުމަކީ މުހިންމުކަމެކެވެ
ކުރަން ޖެހިފައިވާ ކަންކަން ފަސޭހައިން ކޮށްނިންމާލަން ބޭނުންނަމަ، ނިދުމުގެ ކުރިން މިކަން ކޮށްލާށެވެ!
علي بن أبي طالب رضي الله عنه ގެ ކިބައިން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކަލޭގެފާނަށާއި (އެކަލޭގެފާނުގެ އަނބިކަމަނާ) ފާޠިމަތުގެފާނާ ދެކަނބަލުންނަށް ޙަދީޘްކުރެއްވިއެވެ. ތަންމައްޗަށް ގޮސްފިނަމަ، ނުވަތަ ތަންމަތީގައި އޮށޯންނަމުން، 33 ފަހަރު ތަސްބީޙަ ކިޔާށެވެ. އަދި 33ފަހަރު ޙަމްދުކުރާށެވެ. އަދި 34 ފަހަރު ތަކުބީރުކިޔާށެވެ.
މިއީ އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރައްވައިފައިވާ ޙަދީޘެކެވެ.
ތަސްބީޙަ ކިޔުމަކީ سبحان الله ކިޔުމެވެ. (މި ޙަދީޘްގައި) ޙަމްދުކުރުމޭ ބުނެވިފައިވަނީ الحمد لله ކިޔުމަށެވެ. އަދި ތަކުބީރު ކިޔުމަކީ الله أكبر މިފަދައިން ކިޔުމެވެ.
ތިބާއާއި ތިބާގެ ވެރި ރައްބާދެމެދު ވާ ގުޅުން ރަނގަޅު ކުރާށެވެ.
ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެންމެ މުހިންމު ގުޅުމަކީ ކުޅަދުންވަންތަ އިލާހާ އޮންނަ ގުޅުމެވެ. އެ ގުޅުން އަބަދުވެސް ތާޒާވަމުން ދާނަމަ، ތިބާގެ ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކެއް ކަމުގައި ވެގެން ދާނެއެވެ. އެ ގުޅުން ހީނަރުވާނަމަ، ތިބާ އަބަދުވެސް ހުންނާނީ “ ވަޅޯތާފަނާ “ މޯޑުގައެވެ. އެހެންކަމުން ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރާށެވެ. ގިނަގިނައިން ޛިކުރުކޮށް استغفارކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ހެޔޮ ޢަމަލުތައް ކުރާށެވެ.
ގިނަގިނައިން ޤުރުއާން ކިޔަވާށެވެ.
ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެއް ކަމުގައިވުމުން ޤުރުއާން ކިޔަވަން ތިމާވަގުތު ހޭދަކުރުމަކީ ތިމާގެ އެހެންކަންކަން ފަސޭހައިން ކުރެވެން މަގުފަހިވާނެކަމެކެވެ. ﷲ ތަޢާލާ އެކަމުގެ ސަބަބުން ދުވަހުގެ އެންމެހާ ވަގުތުތަކެއްގަޔާއި ކަމެއްގައި ބަރާކާތް ލައްވަވާނެއެވެ.
كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾
(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.
[38:29]
ދިރިއުޅުމުގައި އާ ކަންކަން ދަސްކުރާށެވެ !
އަހަރެމެންނަށް ނޭނގޭ ބައިވަރު ކަންކަން ހުންނާނެއެވެ. އަދި އަހަރެމެން އަލަށް ދަސްކުރާ ގިނަ ކަންކަމުން ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެއެވެ. އާ ކަމެއް ދަސްކުރުމުން ތިމާގެ ކޮންފިޑެންސް އިތުރުވާނެއެވެ. އޭރަށް ތިމާއަށް އާ ކަންކަން ކުރިއެރުވޭނޭ ކަމުގެ ޔަޤީންކަން ލިބި ރަނގަޅު މީހަކަށް ވާން ހިތްވަރު ލިބިގެންދާނެއެވެ. އަދި ބޮޑެތި ގޯލްތައްވެސް ހާސިލްކުރަން ހިތްވަރުލިބިގެންދާނެއެވެ.
ހުސްވަގުތުތައް ބޭކާރު ކޮށްނުލާ، ތިބާ ގެ ކެރިޔަރުގައި ކުރިޔަށް ދާން ބޭނުންވާ ހުނަރުތައް ފާހަގަކޮށް، އެ ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރާށެވެ
ކަސްރަތުކުރާށެވެ.
ކަސްރަތުކުރުމުގެ ސަބަބުން އަހަރެމެންނަށް ހީވެސް ނުކުރާހާ ގިނަ ފައިދާތައް ލިބިދެއެވެ. އޭގެތެރޭގައި ޖިސްމާނީ ފައިދާއާއި ނަފްސާނީ ފައިދާ ހިމެނެއެވެ. މީގެ އިތުރުން ނުރައްކާތެރި ބަލިތަކުންނާއި ކުދި ބަލިތަކުން ވެސް އަހަރެމެންގެ ހަށިގަނޑު ރައްކާތެރި ކޮށްދެއެވެ. ކަސްރަތުކުރުމުގެ ސަބަބުން ކަންބޮޑުވުންތަކާއި ހާސްކަން ދުރުކޮށްދެއެވެ.
ކަސްރަތު ކުރުމަކީ އިސްލާމް ދީނުގައި ހިތްވަރު ދެވިފައިވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. و إن لجسدك حق
މާނަ; އަދި ތިބާގެ ހަށިގަނޑަށްވެސް ޙައްޤެއް ވެއެވެ.
ދަރިންނަށް ފަތަންދަސްކޮށްދިނުމަށް ޢުމަރުގެފާނު ބާރުއަޅުއްވާފައިވެއެވެ.
ހިންދު ބިންތު ޢުތުބާގެ ކިބައިން ރިވާވެފައިވެއެވެ. އެކަމަނާ، މުޢާވިޔާ ރަޟިޔަﷲ ޢަންހު ތުއްޕުޅުއިރުގައި ކަސްރަތުކުރުއްވާ ހައްދަވައެވެ.
🍃
އަދި މި ނޫނަސް އުފެއްދުންތެރިކަން އިތުރުކޮށްދޭ އެހެން ކަންކަން ވެއެވެ. ދުވަހުގެ ކުރީކޮޅު މުހިއްމު ޓާސްކުތައް ނިންމަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.
ހެނދުނުގެ ވަގުތުތަކުގެ ބޭނުންހިފާށެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ.
اللهم بارك لأمتى فى بكورها
ކީރިތި ރަސޫލާ ކުރެއްވި ދުޢާ ގެ މާނައިގައި ވެއެވެ.
“ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!“
ކީރިތި ރަސޫލާ ( ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ) ޙަދީޘްކުރައްވަނީ “ إن الله يحب إذا عمل أحدكم عملا أن يتقنه“ (”ހަމަކަށަވަރުން الله ލޯބިވެވޮޑިގަންނަވަނީ ތިޔަބައިމީހުންގެތެރެއިން މީހަކު ކަމެއްކުރާނަމަ އެކަމެއް ރަނގަޅަށް ބަރާބަރަށް ކުރުމަށެވެ.“)
رواه أبو يعلى
ލޮބުވެތި ޒުވާނުންނޭވެ. ފައިދާހުރި ފޮތްތައް ކިޔާށެވެ. ޝަރުޢީ ގޮތުން ހުއްދަ ހުނަރުތައް ލިބިގަންނާށެވެ. އާ ބަސްތައް ދަސްކުރާށެވެ. ވަގުތު ބޭކާރު ކުރުން ހުއްޓާލާށެވެ. ކޮންމެ ދުވަހަކީ ވެސް، ފެން ހިފޭ މަސައްކަތްތަކެއް ކުރެވޭ ދުވަހަކަށް ހަދާށެވެ.