ޚަބަރު

ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް މިއަދު ފަށައިފިއެވެ.

Ads by STELCO

އެމްޑަބްލިޔުއެސްސީން ބުނީ ރަސްމީކޮށް މަސައްކަތް ފެށި ނަމަވެސް މިހާރު ވެސް ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 31 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ހޮޅިތައް އެޅުމުގެ މަސައްކަތް ވެސް ވެސް ކުރިއަށް ދާ ކަމަށް ބުންޏެވެ.

ގޮއިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙު ކޮށްދެއްވާފައި ވަނީ އެމް.ޑަބްލިއު.އެސް.ސީގެ ޗެއާމަން އަލްފާޟިލް އަހުމަދު މައުސޫމުއާއި މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހެވެ. މީގެ އިތުރުން ވެސް މި ކުންފުނީގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ގޮއިދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި 8.7 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކެއް ޤާއިމު ކުރެވިގެން ދާނެއެވެ. އަދި މި މަޝްރޫޢުގައި 1.1 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގް ސްޓޭޝަނާއި، ސީ އައުޓް ފޯލް އެއް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރޭގައި 15.9 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ޤާއިމު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އާރ.އޯ ފެސިލިޓީ އިމާރާތްކޮށް، ފެން އުފައްދާ ދެ އާރ.އޯ ޕްލާންޓް ބެހެއްޓިގެން ދާނެއެވެ. ފެން ރައްކާ ކުރުމަށްޓަކައި ބެހެއްޓޭނީ 300 ކިއުބިކް މީޓަރުގެ ދެ ތާނގީއެވެ. މީގެ އިތުރުން، ގެތަކުގައި ފެންމީޓަރު ބަހައްޓައިދީ، ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ އިތުރުން އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރު ކޮށްދެވިގެން ދާނެކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ހާމަކުރެއެވެ.

ބ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގެ އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީޕްރައިވެޓް ލިމިޓެޑްއާ 22 މަސްދުވަހުގެ މުއްދަތަށް ހަވާލުކޮށްގެން ކުރިއަށްގެންދާ، 46 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!