ހަގީގީ ހާދިސާ

ޖިންނި އަވަލައިގެން ނިޔާވި އަންހެން ކުއްޖެއްގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ މީގެ އަށް އަހަރު ކުރިން ރަށެއްގައި ހިނގި ހާދިސާއެކެވެ. އުމުރުން އެންމެ 17 އަހަރުގެ އަންހެން ކުއްޖަކު، މިދުނިޔެއާއި އަލްވަދާއުކީ، ވަރަށް ވެސް ބިރުވެރި ކަންތައްތަކެއް އޭނާއަށް ކުރިމަތިވުމަށް ފަހު، އޭނާގެ ވަށައިގެންވާ އެންމެންގެ ހިތްތައް ހިތާމައިން ފުރާލާފައެވެ. އެކުއްޖާ މިދުނިޔެއިން ވަކިވެގެން އެއާއިލާއިން މިއަދާ ޖެހެންދެން ވެސް ހިތާމަ ކުރަމުންދާއިރު، އެމަރަކީ އާދައިގެ މަރަކަށް ނުވީތީ ވެސް އެއާއިލާއިން ވަރަށް ބޮޑަށް ހިތާމަ ކުރެއެވެ.

Ads by STELCO

ކުރިން ވެސް ހިއްސާ ކޮށްފައިވާ، ޖިންނިއެއް އަވަލައިގެން ވަރަށް ވޭނުގައި ނިޔާވި އެއަންހެން ކުއްޖެއްގެ ވާހަކަ، އޭނާގެ ދައްތަ "ދެން" އަށް ކިޔައިދިނީ އެބިރުވެރި މަންޒަރުތައް އަދިވެސް އޭނާގެ ވަށައިގެންވާތީއާއި އެހެން މީހުންނަށް އިބުރަތެއް ދިނުމުގެ ގޮތުން ކަމުގައި ވެސް އޭނާ ބުންޏެވެ.

"އެއީ ދުވަހަކުވެސް ހިތުން ފިލައިގެން ދާނެ ހަނދާންތަކެއް ނޫން. އިއްޔެ މެންދުރުވީ ކަމެއް ފަދައިން އަދިވެސް އެހާދިސާ ހަނދާން އެބަހުރި. އަހަރެން އެއްވެސް ހާލެއްގައި މިވާހަކަތައް ހިއްސާ މިކުރަނީ ނިޔާވެފައިވާ ކޮއްކޮގެ ނުބައި ވާހަކަ ދައްކާކަށް ނޫން. އެކަމަކު އަހަރެންގެ ކޮއްކޮއަށް ކުރިމަތިވީ ކަންކަން އެހެން ކުއްޖަކަށް ވެސް ދިމާވެދާނެތީ އަހަރެން ބިރުގަނޭ. ޒަމާން ބަދަލު ވަމުން ދިޔަ ވަރަކަށް އަދިވެސް ފެންނަމުން ދަނީ އެފަދައިން ކުދިން އުޅޭ މަންޒަރު.

އަހަރުމެންގެ ބައްޕަ ވަނީ އަހަރުމެން ވަރަށް ކުޑައިރު ނިޔާވެފަ. އެހެންކަމުން އާއިލާގައި ތިބެނީ މަންމަ އާއި، ކޮއްކޮ އާއި އަހަރެން އެކަނި. ކޮއްކޮ އަކީ ވަރަށް ރަގަޅަށް އުޅުނު ކުއްޖެއް ކުރިން. މީހުންނާ ވަރަށް އެކުވެރިވާނެ، މަޖާ ވެސް ވާނެ. އޭނާގެ އުމުރުން ހަތް އަހަރުން ފެށިގެން 14 އަހަރާ ހަމަޔަށް ބަރާބަރަށް ނަމާދުވެސް ކުރި. އޭނާއަކީ ކުރިން އެކަނި ބޭރަށް ވެސް ދިޔަ ކުއްޖެއް ނޫން. ސްކޫލުން އައުމަށްފަހު ކައިގެން އިންނާނީ ފިލާވަޅު ހަދަން. އޭނާގެ ކުލާސް ކުދިން ވެސް އަންނާނީ ގެއަށް އޭނާ ހޯދަން ވިޔަސް. އެކުދިން ކައިރިގައި ވެސް ކޮއްކޮ ބުނި ބޭރަށް ނުދާނެ ކަމަށާއި ހޯދަން ބޭނުންނަމަ ގެއަށް އަންނަން.

ނަމަވެސް އޭނަގެ އުޅުން އެއްކޮށް ބަދަލުވާން ފެށީ،، ކޮއްކޮ ފަހުން އެކީގައި އުޅެން ފެށި ރައްޓެހިން ތަކެއްގެ ސަބަބުން.،އެކުދިންނަށް ބަލާލާފައި ވެސް ހީވި ރަނގަޅަށް އުޅޭ ކުދިންނެއް ނޫނޭ އެއީ.

ކޮއްކޮ އަކީ ކުރިން ކުރު ހެދުންލީ ކުއްޖެއް ނޫން. ގަޔަށް ބާރު ހެދުމެއް ވެސް ނުލާނެ. އެމީހުންނާ ދިމާވުމުގެ ކުރިން ކޮއްކޮ ތައްޔާރުވަމުން ދިޔައީ ބުރުގާ ވެސް އަޅަން. އެކަމަކު ފަހުން އެޚިޔާލު ބަދަލުކޮށް. ލައިގެން ހުރި ހެދުންތައް ބާރު ކުރަން ފެށީ. ކުރު ހެދުން ގަނެ ދޭން މަންމަ ކައިރީ ކިޔަން ވެސް ފެށި. މަންމަ އެކަމަށް އެއްބަސް ނުވީމަ ކޮއްކޮގެ ރައްޓެހިން އަތުން ހޯދަން ފެށީ. އެކަން ހުއްޓުވަން މަންމަ ވަރަށް މަސައްކަތް ކުރި. ބައެއް ހެދުންތައް އުކާ ވެސް ލި. އެކަމަކު އެހެން ހަދައިފިއްޔާ ގެއިން ނިކުމެގެން ދާނީ ކަމަށްބުނެ ނޫނީ އަމިއްލައަށް މަރުވާނީ ކަމަށް ވެސް ބުނެ ބިރު ދައްކަން ފެށި. އެންމެ ފަހުން މަންމައަށް ޖެހުނީ ކޮއްކޮ ބުނާ ގޮތެއް ހަދާ، ދޫކޮށްލަން. އަހަންނާއި މަންމަ ކޮއްކޮއަށް ވަރަށް ނަސޭޙަތް ދިނިން. އެކަމަކު އަޑެއް ނޭހި.

ކޮއްކޮއަށް އަންނަމުން ދިޔަ ބަދަލުތައް ހަމައެކަނި އޭނާގެ އަންނައުނުތަކަކުން ނުނިމުނު. އޭނާގެ އުޅުމަށް ވެސް ވަރަށް ބޮޑު ބަދަލެއް އައި. ކުރިން ގަދަކަމުން ގެއިން ބޭރަށް ގެންދަން ޖެހުނު ކުއްޖާ ފަހުން ގިނަ ވަގުތު އުޅެން ފެށީ ބޭރުގައި. ކުރިން ފިރިހެން ކުދިންނާ ވާހަކަ ދައްކަން ފޫހިވި ކުއްޖާ، ފަހުން ފެންނަމުން ދިޔައީ އެކިއެކި ފިރިހެން ކުދިންނާ ގައިގޯޅިވެ ސަކަރާތް ޖަހަމުން ދިޔަ މަންޒަރު. ވަރަށް ގިނަ އަވަށްޓެރިން ވެސް މަންމަ ގާތު އެވާހަކަ ދެއްކި. ގަދަ ބާރުން ކޮއްކޮ ގޭގައި ބެހެއްޓޭތޯ މަންމަ މަސައްކަތް ކުރުމުން ސްކޫލުގައި މައްސަލަ ރޮއެރޮއެފައި ކޮއްކޮ ދޮގުހެދީ މަންމަ ކޮއްކޮއަށް އަނިޔާ ކުރަނީ ކަމަށް. އެމައްސަލަ އެހެންވެ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށާ، މަންމަ އަށް އިންޒާރުވެސް ދިން. ކޮއްކޮ އުޅުނު ގޮތެއް މަންމަ ކަމާ ބެހޭ ފަރާތްތަކުގައި ނުކިޔާ. އެއީ ކޮއްކޮ ލަދު ނުގަންނަވަން ވެގެން. އެކަމަކު މަންމަ އަށް ކޮއްކޮ ގެއްލިދާނެތީ، ދެން ވެސް މަންމަ ނިންމީ ކޮއްކޮއާ މަޑުމައިތިރިކޮށް ކަންތައް ކުރަން.

އެ ދުވަހަށްފަހު ކޮއްކޮއަށް އިތުރު ބާރުތަކެއް ލިބުން ފަދަ. ބޭރަށް ދިޔުމުގެ އިތުރުން ގޭތެރޭގައި ސިނގިރޭޓު ވެސް ބޯން ފެށި. އޭނާ އުޅުނު ގޮތުން އަހަރެން ބުނިން މަންމަ ކައިރީގައި، ކޮއްކޮ ކަމާބެހޭ ފަރާތްތަކާ ހަވާލު ކުރަން. އެއީ ކޮއްކޮ އިސްލާހު ކުރުމަށް. އެކަމަކު މަންމައަށް އެއީ ކެތްކުރެވޭނެ ކަމަކަށް ނުވި. ކޮއްކޮ ހިލޭ ފިރިހެނުންނާއެކީ ގަސްތަކު ތެރެއަށް ވަންނަ ވާހަކައާއި އެތަނުގައި އެމީހުން ސިނގިރޭޓު ބޯ ވާހަކަ އަކީ ކޮންމެ ދުވަހަކުހެން އަވައްޓެރިން އައިސް ދައްކަމުން ދިޔަ ވާހަކަތަކެއް.

ހުރިހާ ކަމެއް ބަދަލުވެ ކޮއްކޮ ގެ ޙަޔާތް ބިރުވެރި ކަމެއްގެ ތެރެއަށް ވަނީ 2012 ވަނަ އަހަރު ފެށުނު ތަނާހެން. އެއްރޭ ކޮއްކޮ ވަރަށް ބާރަށް ހަޅޭލަވާ އަޑަށް އަހަރުމެން އެކޮޓަރި ތެރެއަށް ވަނީ. އެރޭ ކޮއްކޮ ފެނިފައި އަހަރެން ވަރަށް ބިރުގަތް. އޭނާގެ އެނދު އޮތީ ލެއިން އެއްކޮށް ފޯވެފަ. އެނދުގައި އައްސާފައި އޮތްހެން އަތްފައި އޮތް އިރު އޭނާގެ އަތްފައި ހުރީ ފާޑަކަށް ބާރުވެފައި. އަދި ދެލޯ ބޮޑުވެފައި ހުރި އިރު އޭނާ ސަލާމަތް ކޮށްދޭށޭ ބުނެ ރޮމުން ގެންދިޔަ. އެންމެ ފުރަތަމަ އަހަރުމެން ހީކުރީ އޭނާ އަކުނިވަޔަށް ދެމީ ކަމަށް، އެހެންވެ އޭނާގެ އަތްފައިގެ ނާރުތައް މަސާޖުކޮށް ވަރަށް ގިނަ ކަންތައް ކުރި ފަހުން ރަނގަޅުވީ.

އެކަމަކު އޭގެ ފަހުން ކޮންމެ ރެއަކުވެސް ކޮއްކޮއަށް އެހެންވޭ، އަދި ދުވާލު ގަޑީގައި ވެސް އޭނާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވި. އެހެން އިނދެފަ ހޭން ފަށާނެ އެހެން ނޫނީ ރޯން ފަށާނެ. ބައެއް ފަހަރު އަމިއްލަ ހަށިގަނޑަށް ގެއްލުން ދޭން ވެސް އުޅުނު. ކޮއްކޮ ގެ ނަފްސާނީ މައްސަލައެއް ހުންނަނީ ކަމަށް ހީވެގެން ކޮއްކޮ ގޮވައިގެން މާލެ ވެސް ދިޔައިން. ނަމަވެސް ޑޮކްޓަރުން ޓެސްޓު ތަކެއް ހެދުމަށްފަހު ބުނީ ސިކުނޑިއަށް އެއްވެސް ގެއްލުމެއް ވެފަހުރި ކަމަށް ފެންނަން ނެތް ކަމަށް. އަކުނިވަޔަށް ދަމާތީ އެފަހަރު ބޭސް ވެސް ދިން.

އުއްމީދު ކުރީ ކޮއްކޮ ދެން ރަގަޅުވާނެ ކަމަށް. އެކަމަކު އޭގެ ފަހުން ވެސް ކޮންމެ ރެއަކު ކޮއްކޮ އަށް އެހެންވޭ. އަދި ފާހަގަ ކުރެވުނު އަނެއް ކަމަކީ އެކަމެއް ވާންފެށިތާ އެއިރު 15 ދުވަސް  ވެފައިވީ އިރުވެސް ކޮއްކޮގެ މައްސަރު ކަންތައް ރަނގަޅު ނުވާކަން. ދުވާލު ގަޑީގައި ރަނގަޅަށް ހުއްޓަސް ރޭގަނޑު ވުމުން ހުންނަނީ ސަކަރާތްވެފައި.

ކޮއްކޮގެ އެކަންތައް ފުރަތަމަ ސިއްރު ކުރިން. އެކަމަކު ރަނގަޅު ނުވުމުން ބޮޑުބޭބެ ގާތު މަންމަ އެވާހަކަ ބުނި. ބޮޑު ބޭބެ ބުނީ ކޮއްކޮގެ ބޭސް ފަރުވާއަށް ލަންކާ އަށް ދިޔުމަށް. އެކަމަށް ބޮޑުބޭބެ އެހީތެރިވެދިން. ލަންކާއަށް ގޮސް ބޭސް ކުރުމުން އެމީހުން ވެސް ބުނީ ކޮއްކޮގެ އެއްވެސް ސިއްޙީ މައްސަލައެއް ނެތް ކަމަށް. އެހާ ހިސާބުން ދެން ހީވި އެހެން ކަމެކޭ އެއުޅެނީ. ލަންކާގަ އަހަރުމެން މަޑުކުރި ގޭގައި އުޅުން އަންހެނަކު ބުނީ އޭނާ ދަންނަ ރުޤްޔާ ކުރާ މީހެއް ހުންނާނެ ކަމަށް. އެއީ މުސްލިމެއް ކަމަށާއި ވަރަށް މޮޅު މީހެއް ކަމަށް ބުނުމުން އެމީހާ ކައިރިއަށް އަހަރުމެން ދިޔައިން.

އެގެއަށް ވައްދަން ފުރަތަމަ އުޅުނު ދުވަހު ވެސް ނުވަންނަން ވެގެން ކޮއްކޮ ވަރަށް ގަދަހެދި. ވަރަށް ބާރަށް ހަޅޭލަވާ ކޮންމެވެސް އެހެން ބަހަކުން އެއްޗެހި ކިޔާ ހެދި. އޭނާ ކޮންޓްރޯލްކޮށް އެގޭ ތެރެއަށް ވެއްދުނީ އެހެން ބައެއްގެ ވެސް އެހީތެރި ކަމާއިއެކު. ކޮއްކޮ އެތާ ބޭއްވުމަށްފަހު ރުޤްޔާ ކުރާ ބޭބެ ބުނީ އޭނާގެ މަސައްކަތަށް ހުރަސް އެޅުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްގެން ނުވާނެކަމަށް. ކޮއްކޮ ގެ އަތްފައި ބަނދެފައި އޭނާގެ ކިޔެވެލި ކިޔަވަން ފެށި. ކޮއްކޮ އަށް އެކަމުން ވަރަށް އަސަރުކޮށް ރުޅި ގަދަވެ ރުޤްޔާ ކުރާ މީހާގެ ގައިގައި ޖަހަން ވެސް އުޅުނު. ވަރަށް ގިނައިރު އެމީހާ އަށް ހަމަލާ ދޭން އުޅެފައި ކޮއްކޮ މަޑުމައިތިރިވި. އަދި އެމީހާ ގެ ސުވާލު ތަކަށް ޖަވާބު ދޭން ފެށި.

ކޮއްކޮ އަށް ވެގެން އުޅޭ ގޮތް ކިޔައި ދިނުމުން އަހަރުމެން ވަރަށް ބިރުގަތް. އަދި އެހާމެ ދެރަވެސްވި. އެމީހާ ބުނީ ކޮއްކޮ ގަސްތަކު ތެރެއަށް ވަދެ އުޅުނު ދުވަސްކޮޅު އަބަދުވެސް ގޮސް ހުރީ ފުނަ ގަސްތަކެއް ކައިރީގައި ކަމަށާއި، އެތަނުގައި އެކިއެކި ފިރިހެން ކުދިންނާ އެކު ބަދްއަޚްލާގީ އަމަލު ހިންގާފައިވާ ކަމަށް. ކޮއްކޮގެ އެއަމަލުތައް ކޮއްކޮއާ އަވަލައިގެން އުޅޭ ޖިންނިއަށް ފެނިގެން ކޮއްކޮއާ އަޅައިގަނެފައި ހުރި ކަމަށާއި، ޖިންނި ބަލަމުން ދިޔައީ ފުރުސަތަކަށް ކަމަށް ވެސް އޭނާ ބުނި. އެގޮތުން އެންމެ ފަހުން ވަލަށް ވަތްރޭ ކޮއްކޮ ހުރީ މައްސަރު ކަންތައް ޖެހިފައި ކަމަށާއި، އެރޭ އެމީހުން އެހެން އުޅުމުގެ ތެރޭގައި ޖިންނިގެ ފައި މައްޗަށް އެރުނު ކަމަށް އެމީހާ ބުނި. އަދި އެކަމާ ރުޅި އައިސްގެން ކޮއްކޮގެ ފަރާތުން ބަދަލު ހިފަން އޭތި ނިންމީ ކަމަށާއި އެއްރޭ ދަންވަރު ކޮއްކޮ އަށް އޭތި ގޮވިކަމަށް ކަމަށް ވެސް ބުނި.

އެންމެ ފުރަތަމަ ކޮއްކޮއާ އޭތި ބެހިފައި ވަނީ ވަލުތެރެއަށް ދަންވަރު ގަޑީގައި ކޮއްކޮ ގެންގޮސްގެން ކަމަށް އެބޭބެ ބުނި. އަދި ހަމަ އެރޭ ގޭގައި ވެސް ކޮއްކޮއާ ބެހިފައިވާ ކަމަށާއި އެއިރު ވެސް ކޮއްކޮ ހުރީ މައްސަރު ކަންތައް ޖެހިފައި ކަމަށް ވެސް ބުނި.

ކޮއްކޮ އެކަމުން ސަލާމަތް ކޮށްދިނުމަށް އެމީހާ ގާތު ވަރަށް ބޮޑަށް އަހަރުމެން އާދޭސް ކުރިން. ނަމަވެސް އެމީހާ ބުނީ ކޮއްކޮގެ މައްސަރު ކަންތައް ރަނގަޅުވެ ހިނައި ނުގަންނަނީސް ކޮއްކޮ ގައިގައި ހަށި ރައްކަލަކަށް އެއްޗެއް ނޭޅުވޭނެ ކަމަށާއި އެފަދަ ދުވަސްވަރެއްގައި ކޮއްކޮ ރަނގަޅު ކުރާނެ ގޮތެއް އެބޭބެއަށް ނޭނގޭ ކަމަށް ވެސް ބުނި. އަދި ޖިންނި އަބަދު ކޮއްކޮއާ އެގޮތަށް ބެހެންޏާ ވެސް އަވަހަށް އެކަންތައް ރަނގަޅު ނުވާނެ ކަމަށް ބުނި. އޭނާ ބުނީ ކޮއްކޮގެ ފުރާނަ ނުދަނީސް އޭތި ނުހުއްޓާނެ ކަމަށް ބުނި ކަމަށާއި އޭތީގެ އާއިލާ މީހުން ލައްވާ ވެސް ކޮއްކޮ އަށް ޖިންސީ ގޯނާ ކުރުވާ ކަމަށް ވެސް އެބޭބެ ބުނި.

ފަހުން ކަންތައް ދެން ވަމުން އައީ މާހިތާމަވެރިކޮށް. ކޮއްކޮ އަމިއްލައަށް ކޮޓަރިން ނިކުމެ އަމިއްލައަށް ގައިގައި ވަޅިއަޅާ ކަންތައް ކުރަން ފެށި. ކުރިން ހަމައެކަނި ރޭގަނޑު ވަމުން ދިޔަ ކަންތައްތައް ފަހުން ދުވާލު ގަޑީގައި ވެސް ވާން ފެށި. ކޮއްކޮ ހުންނަނީ ލެއިން ތަތް ތެޅި. އަތްފައި ބާރުވެ ވެއްޓިފައި، އެހާލުގައި ރޮއެރޮއެ 12 ވަރަކަށް ގަޑިއިރު ވެސް އޮތް.

ކޮއްކޮއަށް އެހީތެރި ވެދޭން އަހަރުމެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެއްވެސް ކަމެއް ކާމިޔާބުވާހެން ހިއެއް ނުވި. ކޮއްކޮ އަށް އަބަދުވެސް އެޖިންނިތައް ދިޔައީ ގޯނާ ކުރަމުން. ކޮއްކޮގެ ހާލު ދެރަވެފައި ހުރުމުން ލަންކާ ހޮސްޕިޓަލަށް ކޮއްކޮ ގެންދިޔައިން . ލޭމަދުވެފައި ހުރުމުން ކޮއްކޮ އެޑްމިޓު ވެސް ކުރި.

އެދުވަހު ފަތިސް ގަޑީގައި ގޭގައި އުޅޭ އެހެން މީހަކާ އެކީ އަހަރެން ހޮސްޕިޓަލަށް ދިޔައީ މަންމަ ގުޅާފަ ވަރަށް އަވަހަށް ހޮސްޕިޓަލަށް އަންނަން ބުނުމުން. އެއިރު އެނގުނު ކޮންމެވެސް ކަމެއް ވެއްޖެކަން. އަހަރެން ދިޔައިރު މަންމަ ހުރީ ވަރަށް ބާރަށް ރޯން. މަންމަ ބުނީ، ކޮއްކޮ ނިދާފައި އޮތުމުން މަންމަ ފާޚާނާއަށް ގޮސްފައި އައި އިރު ކޮއްކޮ އޮތީ ދެލޯ ބޮޑުވެފައި ކަމަށާއި އެއްވެސް ހަރަކާތެއް ނުކުރާ ކަމަށް. އަދި ނޭވާ ވެސް ނުލާތީ ޑޮކްޓަރުންނަށް ގޮވީމަ އެމީހުން އައިސް ބަލާފައި ކޮއްކޮ މަރުވެއްޖެކަމަށް ބުނީ ކަމަށް.

ކޮއްކޮގެ ފުރާނަ ނެތް މަސްގަނޑަށް ބަލާލާފައި އަހަންނަށް ވެސް ކެތެއް ނުކުރެވުނު. މަރުވެގެން ދިޔައީ އެންމެ ފަހު ވަގުތުގައިވެސް ވަރަށް ވޭނުގައި އޮވެގެންކަން އެނގޭތީ އަދިވެސް ހިތާމަ ކުރަން..

ލަންކާގައި ކޮއްކޮ ވަޅުލާފައި އަހަރުމެން މާލެ އައިސް ރަށަށް އައީ. ކޮއްކޮގެ މަރަށް ފަހު މަންމަ އަކީ މީހުންނާ އެހާ ވާހަކަ ދައްކާ މީހެއް ނޫން. ކުރި އަސަރެއްގެ ބޮޑު ކަމުން މަންމަ ހުންނަނީ އެންމެން ދެކެވެސް ރުޅިއައިސްފައި. ކޮއްކޮގެ މަރުގެ ޙަޤީޤަތް މިހުރިހާ ދުވަހު ސިއްރު ކުރީ ވެސް އެހެންވެ. މިއަދު މިވާހަކަ ކިޔާ މިދިނީ މަންމަ ވެސް ބޭނުން ވެގެން. ހިތުގައި ފޮރުވިިފައި ހުންނަ ކަންތައް ބޭރު ކުރުމުން ހިތަށް ލުޔެއް ލިބިދާނެ ކަމަށް މަންމަ ވެސް ބުނި. “

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!