އުންމީދަކީ ބައިޑެންއާއެކު ރާއްޖެ އާއި އެމެރިކާގެ ގުޅުން ވަރުގަދަވުން: ރައީސް

އުންމީދަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައީސް ވަނީ ޖޯ ބައިޑެން އަދި ނައިބު ރައީސް، ކަމަލާ ހެރިސް ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.
ބައިޑަން ހުވާ ކުރެއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނާލްޓް ޓްރަންޕް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްގެ ނައިބު ރައީސް މައިކް ޕެންސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި ކުރީގެ ބައެއް ރައީސުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މިގޮތުން ބަރަކް އޮބާމާ، ޖޯޖް ޑަބްލިއު. ބުޝްއާއި ބިލް ކްލިންޓަން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޖޯ ބައިޑަން އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އެމެރިކާގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވި އުމުރުފުޅުން 56 އަހަރުގެ ކަމަލާ ހެރިސްއަކީ އެމެރިކާގެ ފުރަތަމަ އިންޑިއަން އެމެރިކަން އަދި ފުރަތަމަ އޭޝިއަން އެމެރިކަން ނައިބު ރައީސްއެވެ. އުމުރުން 56 އަހަރުގެ ކަމަލާ ހެރިސް އަކީ އިންޑިއާ އަދި ޖަމައިކާ އަށް ނިސްބަތްވާ އާއިލާއަކަށް ނިސްބަތްވާ ބޭކަނބަލެކެވެ.