ޚަބަރު

ބަރަހަނާވެގެން މިސްކިތަށް އެރީ ބަލި މީހެއް: ފުލުހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަރަހަނާ ވެގެން އިސްލާމީ މަރުކަޒަށް އެރި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރު ކުރެވުނު މީހާ މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އަދި އޭނާ މިހާރު ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒަށް ބިދޭސީއަކު ވަދެ ބަރަހަނާ ވެފައިވަނީ އެރޭ އިޝާ ނަމާދަށް ފަހު އެވެ. މިސްކިތް ތެރޭގައި އަޑު ގަދަ ކުރުމާ ގުޅިގެން މީހުން ސުވާލު ކުރުމުން އެމީހާ އަޑުގަދަ ކުރީ ރަށަށް ދާން ބޭނުންވެގެން ބުނަމުން ދިޔައެވެ. އަދި މިސްކިތުން ފައިބަން އެންގުމުން އޭނާ، މިސްކިތުން ފޭބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ބަރަހަނާވެ އަލުން މިސްކިތް ތެރެއަށް ވަދެފައެވެ. އެމީހާ ހުއްޓުވީ ފުލުހުންނާއި ސިފައިންނާއި އާންމުންގެ ބައެއް މީހުން ވެގެންނެވެ.

އެ މީހާ ހައްޔަރު ކޮށްގެން ގެންދިޔައީ ގިނަ އިރުގަނޑެއް ވަންދެން މިސްކިތުތެރޭ ބަރަހަނާއަށް އުޅުނު ފަހުންނެވެ. މިސްކިތުގެ ބައެއް ތަކެއްޗަށް އޭނާ ގެއްލުން ދީފައިވާކަމަށް ވެސް ހަބަރު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!