މައުސޫމް މި ކުދީންގެ ވާހަކަތައް އަޑުއަހާލައިފިނަމަ ރޮވޭނެ ، ދީލަތި ދިވެހީންނަށް އެކުދީންގެ ދުޢާތައް!
ޔޫރަޕާއި މެދުއިރުމައްޗަށް އަދި ދުނިޔޭގެ އެހެން ބައެއް ކަންކޮޅުތަކަށް ވެސް މި ދުވަސްވަރަކީ ފިނި މޫސުމެވެ. އެ ހިސާބުތަކުގައި މޫސުން އެއްގޮތް ނަމަވެސް ތަފާތަކީ އެކި މުޖުތަމަޢުގެ ޙާލަތެވެ. ޔޫރަޕްގައި ކުޑަކުދީން އެމީހުންގެ ޢާއިލާއާއެކު ފިނި މޫސުން އުފާވެރި ކަމާއެކު ހޭދަ ކުރަމުންދާއިރު ސުންނާފަތިވެފައި އޮތް މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ވަނީ ވަރަށް ބޮޑު ތަކްލީފްތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ސީރިޔާ ، ޔަމަން އަދި ފަލަސްތީންގައި ތިބި ނިކަމެތީންގެ އިތުރުން ބައިބައިކޮށް އިނދަ ޖައްސާލާފައި ތިބި ރޮހިންގްޔާ މުސްލިމުން . ރެފިޔުޖީ ކޭމްޕްތަކާއި ވަކިވަކި ސަރަހައްދުތަކުގައި ދިރި ތިބުމަށް ދަނީ ހަނގުރާމަ ކުރަމުންނެވެ. އޭގެ ތެރެއިން ސީރިއާގެ ހަލަބުން ނުކުންނަށް ޖެހުނު 10 ކުދިންގެ މަންމައެއް ކަމަށްވާ އުއްމު މުޙައްމަދު ވަނީ އޭނާގެ ޙާލަތު ކިޔައިދީފައެވެ.
މީގެ ދޮޅު އަހަރު ކުރީން އަމިއްލަ ވަޒަނުން ނުކުމެ އޫހް ރެފިޔުޖީ ކޭމްޕްގައި ދިރިއުޅޭ އުއްމު މުޙައްމަދު ބުނީ ފިނި މޫސުމަށް ފޭލިގެ މަރާމާތުކޮށް އެތައް މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ކުރާ ކަމަކީ ފޭލިގެ ހަލާކުވެފައި ހުރި ތަންތަން ބައްދަނީ ، ވައި ނުވަންނަ ގޮތަށް ، ދެން ޕްލާސްޓިކް ކަވަރު ވެސް ހޯދަން ފޭލިގެ ބޭރުގަ އަޅަން ، ވިއްސާރައިގެ ފެން ނުވަންނަ ގޮތަށް ، ދެން ބަލަން ކުދިންނަށް ބޭނުން ކޮށްފައި ހުންނަ އަންނައުނު ހޯދަން" އުއްމު މުހައްމަދު ކިޔައިދިނެވެ.
މީގެ އިތުރުން އޭނާއާއި ކުދީން ފިނިން ރައްކާތެރިވެ ތިބުމަށް ބޭނުން ކުރަނީ ތެޔޮ އަޅައިގެން ބޭނުން ކުރާ އެއްޗެކެވެ. ނައިލޯން ޖިފްޓި ތެރޭގައި މިފަދަ ތަކެތި ބޭނުން ކޮށްގެން ނުރައްކާތެރި ހާދިސާތައް ހިނގާފައިވީ ނަމަވެސް އުއްމު މުޙައްމަދަށް އެ ނޫން އިޚްތިޔާރެއް ނެތެވެ. ތެޔޮ ލީޓަރެއް ޑޮލަރަކަށް ލިބޭއިރު އޭނާއަށް ތެޔޮ ގަތުމުގެ ފުދުންތެރިކަމެއް ނެތެވެ. މަޑުމަޑުން ތިކި ޖެހޭ ގޮތް ހަދައި އޭނާ އެ ބޭނުން ކުރަނީ ދުވާލަކު ގަޑިއެއްހާއިރުއެވެ. އެހެން ވަގުތުތަކުގައި ހީ ފިލުވުމަށް ބޭނުން ކުރަނީ ރަޖަލެވެ.
މިއީ އެންމެ މީހެއްގެ ވާހަކައެވެ. މިފަދަ ކިތަންމެ އާއިލާއެއް ، ކިތަންމެ މުޖުތަމައެއް ދަނީ މި ފިނި މޫސުމުގައި ދިރިއުޅުމާ ހަނގުރާމަ ކުރަމުންނެވެ. ކިތަންމެ މައެއް ދަނީ ދަރީންގެ ހީ ފިލުވުމުގައި ނަފުސު ނޮޅެމުންނެވެ.
މި ނިކަމެތީންނަށް އެހީވުމުގައި ، ބަލިމަޑުކަމުގެ މިވަގުތުގައި ވެސް ދިވެހީން ދަނީ ނަމޫނާ ދައްކަމުންނެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށް ދިވެހީން ވަނީ އެތައް ބަޔަކަށް އެހީވެފައެވެ. އިދްލީބާއި ތުރުކީ ބޯޑަރު ސަރަހައްދުގައި ތިބި ސީރިޔާގެ ރެފިޔުޖީންނާއި ތާއިޒް އާއި މަރިބު އަދި މަރިބް އެއަރޕޯޓް ސަރަހައްދާއި އަލްވަރުދާ ގަވަރްނޭޓްގައި ފިނިކަމުން މިންޖުވުމަށް މަސައްކަތް ކުރާ ޔަމަންގެ ނިކަމެތީންނާއި ޣާޒާގެ ލޮބުވެތި މުސްލިމުންނާއި ބަނގްލަދޭޝްއާއި އެހެނިހެން ކަންކޮޅުތަކުގައި ތިބި ރޮހިންގްޔާ މުސްލިމުންނަށް ދިވެހީން ވަނީ ދީލަތި ކަމުގެ އަތެއް ދިއްކޮށްލާފައެވެ. އެގޮތުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހީން ވަނީ އައިއޭސީގެ ވިންޓަރ ކެމްޕޭނަށް ދީ ، ﷲގެ މަގުގައި ހޭދަ ކޮށްފައެވެ. އެ ހުރިހާ އެންމެނަށް ﷲ ބަރަކާތް ލައްވާށިއެވެ.
ޞަދަޤާތް ކުރުމުގެ މާތް ކަމާއި އެމީހުންނަށް ހުރި އުފާވެރި ކަމުގެ ޚަބަރު ދެއްވާ ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (البقرة : 274) މާނައީ: އެއުރެންނީ ރެއާއި ދުވާލު ސިއްރާއި ފާޅުގައި އެއުރެންގެ މުދާތައް ހޭދަ ކުރާ މީހުންނެވެ. ފަހެ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެއުރެންގެ ދަރުމަ އެއުރެންނަށް ހުއްޓެވެ. އަދި އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަ ކުރާނޭ ބަޔަކު ކަމުގައި ވެސް އެއުރެން ނުމެވޭމެއެވެ.
ދިވެހީންގެ މި ދީލަތި ކަމަށްޓަކައި އެހީ ލިބެމުންދާ ކުދީންގެ ހިތުގައި އޮތީ ފުން ލޯތްބާއި ހެޔޮ ދުޢާއެވެ. މައުސޫމް މި ކުދީންގެ ޙާލަތު ފެނި ވާހަކަތައް އަޑު އިވިއްޖެނަމަ ހިތްތައް ރޮއްވާލާނެއެވެ.
ފިނި މޫސުމުގައި ހާލުގައި ޖެހޭ މުސްލިމުންނަށް އެހީވުމަށް އައިއޭސީން ހިންގާ "ސަރވައިވިން ވިންޓަރ-2020" ކެމްޕޭނަށް އެހީވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާއިރު މި ކެމްޕޭން ނިންމާލުމަށް ތާވަލް ކޮށްފައި ވަނީ އަންނަ މަހު 20 ވަނަ ދުވަހުއެވެ. މި ކެމްޕޭނުގެ ދަށުން އެހީވާ އެކި ގައުމުތަކަށް އެހީ ވުމަށް އައިއޭސީން ވަނީ ވަކި އެކައުންޓްތަކެއް ކަނޑައަޅާފައެވެ.
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަން: އެހީ ޖަމިއްޔާ (ސޭވް ކުރައްވާނީ އެޤަމެއްގެ ނަމުގައި)
(ދިވެހި ރުފިޔާ އެކައުންޓް)
- ފަލަސްޠީން: 7770000026261
- ޔަމަން: 7770000026264
- ރޮހިންގޔާ: 7770000026265
- ސީރިޔާ: 7770000026263
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އައިއޭސީގެ ހޮޓްލައިން 9122121 އަދި ފޭސްބުކް ޕޭޖުން ލިބި ވަޑައިގަންނަވާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވެއެވެ. ''މީހަކަށް ޖެހިފައިވާ ދަތި އުނދަގުލެއް ފިލުވައިދިން މީހަކަށް ޤިޔާމަތް ދުވަހުގައި، ﷲ ތަޢާލާ ދަތިކަމެއް ފިލުއްވާ ދެއްވާ ހުއްޓެވެ. އަދި ބޭނުން ޖެހިފައިވާ މީހަކަށް އެހީތެރިވެދިން މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ އެހީތެރިވެ ދެއްވުމުގައި ވޮޑިގެންވެއެވެ.''